ފިނޭންސް މިނިސްޓްރީއިން އެންމެފަހުން ނެރުނު މާލީއްޔަތާއި ބެހޭ ސާކިއުލާއާ އެއްގޮތަށް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ހަރުމުދަލުގެ ދަފްތަރު ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދީފި އެވެ.
އެ އޮފީހުން އިއްޔެ އާންމުކުރި ޕީޖީގެ އޮޑިޓް ރިޕޯޓުގައި އިސްލާހުކުރުމަށް ލަފާދީފައި ވަނީ ދެ ކަންތަކެވެ. އެއީ 2020 ވަނަ އަހަރު އާންމުކުރި މާލިއްޔަތު ސާކިއުލާއާ އެއްގޮތަށް ޕަބްލިކް އެކައުންޓިންގް ސިސްޓަމް ބޭނުންކޮށްގެން ހަރުމުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، އެ އެސެޓުގެ އަގުތަކުގެ މެދުގައި ހުރި ދެ މިލިއަންގެ ފަރަގު އައިސްފައިވާ ސަބަބު ދެނެގަނެ، އިސްލާހުކުރުމަށެވެ.
"...ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލިޔެ ބަލަހައްޓަމުންދާ ހަރުމުދަލުގެ ރަޖިސްޓަރީގައި، 1 ޖަނަވަރީ 2020 ގައި ހަރުމުދަލުގެ ޖުމްލަ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާއި 2020 ވަނަ އަހަރުގެ މިލްކިއްޔާތުގެ ބަޔާންގައި އަހަރު ފެށުނުއިރު ހަރުމުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ދެމެދު 2,547,080 ރުފިޔާގެ ފަރަގު ހުރިކަން ފާހަގަކުރަމެވެ،" އޮޓިޓް ރިޕޯޓުގައި ވެއެވެ.
އެހާ ބޮޑު ފަރަގެއް އައިސްފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގެ މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ އަގު ރެކޯޑުކުރުމުގައި، ނީލަމުގައި ވިއްކާފައިވާ ތަކެތީގެ މުދާގަތް އަގު އުނިކުރުމުގެ ބަދަލުގައި، ނީލަން ކިޔައިގެން ލިބުނު ފައިސާގެ އަދަދު އުނިކުރަމުން އައިސްފައިވާތީ ކަމަށް ޕީޖީއިން ބުނެފައި ވެއެވެ.
ނަމަވެސް ފަރަގު އައި ސަބަބު އެއިދާރާއަށް ސާފުކޮށްދެވިފައި ނުވާކަމަށް އޮޑިޓުގައި ބުނެ އެވެ.

"އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލިޔެ ބަލަހައްޓަމުން ގެންދާ ހަރުމުދަލުގެ ރަޖިސްޓަރީގެ ސައްޙަކަން ކަށަވަރުކުރެވެން ނެތް،" މާލީ ބަޔާނާއެކު އިތުރު މައުލޫމާތުގެ ގޮތުގައި ޕީޖީއިން ހުށަހެޅި މިލްކިއްޔާތުގެ ބަޔާނުގައި ހަރުމުދަލުގެ އަގު ކަމުގައި ބަޔާންކޮށްފައިވާ ޖުމްލަ 16,944,054 ގެ ސައްހަކަންވެސް އޮޑިޓަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ގާތްގަނޑަކަށް 72 މިލިއަންގެ ބަޖެޓެއް 2020 ވަނަ އަހަރު ޕީޖީއަށް ދޭން މަޖިލީހުން ފާސްކުރި ނަމަވެސް، އެއިދާރާއަށް ލިބިފައިވަނީ 60 މިލިއަންގެ ބަޖެޓެކެވެ.












