މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކާބެހޭ މައުލޫމާތު ދިނުމަށް ހާއްސަ ހަރާކާތެއް ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.
އެމްއައިބީއިން ބުނީ އަންނަ ހޮނިހިރު ދުވަހު "މީރުމާ" ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިޔަށް ދާނީ ހެނދުނު 9:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވެ އެމްއައިބީގެ ވިޔަފާރި ފެސިލިޓީތަކާ ބެހޭ މައުލޫމާތު ހޯދޭނެ އެވެ.
މިގޮތުން ރީފައިނޭންސިން، ކެޕިޓަލް އެސެޓް ހޯދުން، ރިވޯލްވިން ޓްރޭޑް ފައިނޭންސިން، ވެސެލް ފައިނޭންސިން، ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުން، ޕީއޯއެސް އަދި އިންޓަނެޓް ޕޭމަންޓް ގޭޓްވޭ އާއި ބެހޭ މައުލޫމާތު ހޯދޭނެ ކަމަށް ބޭންކުން އިތުރަށް ބުންޏެވެ.

އަދި މި އިވެންޓުގައި ބައިވެރިވެ، ވިޔަފާރި ފުޅާކުރަން މާލީގޮތުން ހުރި ފުރުސަތުތަކާ ބެހޭގޮތުން އެމްއައިބީގެ ތަޖުރިބާކާރުންނާއި ވަކިން ބައްދަލުކޮށް ލަފާ ހޯދޭނެކަމަށް ބުނެފައި ވެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް، އެކަމަށް ހާއްސަކޮށްފައިވާ ލިންކަށް ޒިޔާރާތްކޮށް، އެ ވިޔަފާރިއަކަށް ފަސޭހަ ގަޑިއަކަށް ބުކިން ހަދާލެވޭނެ އެވެ.









