ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިޔެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.
އެ ފަތުރުވެރިޔާގެ އަތުން ވަޒަން ފެނުނީ އޭނާ ރާއްޖޭން ފުރުމަށް މާޗް 2، ގައި އެއާޕޯޓަށް ގޮސް ހުއްޓަ އެވެ.މި މައްސަލަ ފުލުހުންނަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު އެ މީހާއަށް ފުރުމުގެ ހުއްދަ އޭގެ އެއް ދުވަސް ފަހުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.
އޭނާ އަކީ ކޮން ގައުމެއްގެ މީހެއް ކަމާއި އޭނާގެ އަތުން ފެނުނީ ކިތައް ވަޒަން ކަމެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ވަޒަންތައް ފެނިފައިވަނީ ރާއްޖޭން ފުރުމަށް އެ މީހާ އެއާޕޯޓަށް ދިޔުމުން ކަމަށްވާތީ، އޭނާ ރާއްޖެ އެތެރެވީ ވެސް ވަޒަންތަކާއެކު ކަމަށް ބެލެވެ އެވެ. ނަމަވެސް، ތަހުގީގު ނުނިމޭތީ މިކަން އަދި ސާފެއް ނޫނެވެ.












