ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރެއް، އޭރު މައްސަލާގައި ހުކުމްކޮށްފައި ވަނީ ރިޝްވަތު ނަންގަވައިގެން ކަމަށް ބުނެ، އެ މައްސަލަ އަލުން ބެލުމަށް ހުށަހަޅައިފި އެވެ.
މިއީ އަށް މީހެއްގެ ހިއްސާ އޮންނަ އެރިއަދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓްގައި ބޭނުންކުރި ލޯންޗަކާއި ދޯންޏަކުން 14 އަހަރުގެ ކުއްޔަށްވާ ފައިސާ ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތުން ދައުވާ ކުރާ މައްސަލައެކެވެ.
ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދުމަށް ވަކާލާތުކުރާ އެ މައްސަލަ 2008 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅުމުން އެ އުޅަނދުތަކުގެ ވެރިފަރާތް، މުހައްމަދު އަނީސްގެ ކޮޅަށް މައްސަލަ ނިމުނެވެ. އެ ނިންމުން ދައުވާ ލިބޭ ހ. ވާލީވިލާ މުހައްމަދު ޝަވީދު ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން ވެސް ކުރިއެރުމެއް ނުލިބުމުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
މައްސަލަ ހުށަހެޅިތާ ތިން އަހަރަށް ފަހު 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވަނީ ދަށު ކޯޓުތަކުގެ ނިންމުންތައް ބާތިލްކޮށްފަ އެވެ.
"ސުޕްރީމް ކޯޓުގެ 31/15 ބެއްލެވި އެއް ފަނޑިޔާރު، މައްސަލަ އިސްތިއުނާފް ކުރި ފަރާތާ އެއްކޮށް ބައްދަލުވުންތަކެއް ބޭއްވި، ވާހަކަތަކެއް ދެކެވި، އެ ފަރާތަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރު ކުރި އެޕާޓްމެންޓްގެ ތެރެއިން އެޕާޓްމެންޓްއެއް ވެސް ލިބިލެއްވި، އަދި އެއް މިލިއަން ޑޮލަރު ވެސް،" ހަ އަހަރަށްފަހު، އެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އަނީސް ތުހުމަތު ކުރި އެވެ.

"އެ ފަނޑިޔާރުގެ ފަރާތުން މީހަކު އަޅުގަނޑު [ގާތަށްވެސް] ފޮނުވާފަ، އަޅުގަނޑާ ބައްދަލުކޮށްފައި ބުނީ ދެ މިލިއަން ރުފިޔާ ތިޔަ ފަރާތުން ދީފި ކަމަށް ވެއްޖިއްޔާ ތިޔަ ފަރާތުގެ ކޮޅަށް މައްސަލަ ނިންމާ ދޭނަމޭ،"
އަނީސް ސުޕްރީމް ކޯޓުގައި މިއަދު ދެއްކި ވާހަކައަށް ބަލާއިރު، މައްސަލާގައި ހިމެނޭ ދެ ފަރާތުގެ އަތުންވެސް އެ ފަނޑިޔާރު ރިޝްވަތު ހޯދުމަށް އެދިފައިވާ ތުހުމަތު ކުރެވެ އެވެ. އަދި އެ ފަނޑިޔާރު ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެ އެވެ.
އަނީސްއަށް ރިޝްވަތު ހުށަހެޅުމުން، އެ ހުށަހެޅުން ގަބޫލުނުކުރީ އެ މައްސަލަ އޭނާގެ ކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް މިއަދު ކޯޓުގައި އޭނާ ބުންޏެވެ.
އެ ވާހަކަތައް ދެއްކެވުމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އެ ތުހުމަތު ކުރެއްވި ކަންކަން އެއްވެސް މުއައްސަސާއަކަށް ހުށަހެޅުއްވިންތޯ ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެމުން އަނީސް ބުނީ އެކަން އޭރުގެ ރައިސުލްޖުމްހޫރިއްޔާއަށާއި، އުއްތަމަ ފަނޑިޔާރަށް ސިޓީން ހުށަހެޅި ކަމަށެވެ.
އަދި އެ މައްސަލަ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް, އެ ފަނޑިޔާރު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކޮށްފައި ވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ޖޭއެސްސީން އަންގާފައިވާކަން އޭނާ ފާހަގަކުރި އެވެ.
އެ ތުހުމަތަކަށް އިސްތިއުނާފް ރައްދުވާ ފަރާތްތައް ތަމްސީލު ކުރެއްވި ވަކީލް ރައްދު ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދިފާއުގައި އެމީހުން ދެއްކިހާ ވެސް ވާހަކައަކީ އެ މައްސަލަ އަލުން ބަލަން ނުނިންމޭނެ ކަމަށާއި، އެއީ ރަނގަޅު ނިންމުމެއް ކަމަށެެވެ.













