ރަޝިއާ އިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން ހުއްޓުމެއް ނެތި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މިފްކޯ އިން ވިއްކާ ޑީސެލްގެ އަގު ވެސް ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ވަނީ އިއްޔެ އިން ފެށިގެން މަސްވެރިންނަށާއި އާންމުންނަށް ވިއްކާ ޑީސެލްގެ އަގުތަކަށް ބަދަލު ގެނެސްފަ އެވެ.
އެގޮތުން، މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 14.44ރ. އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.10ރ. އަށެވެ.
މިފްކޯ އިން އެންމެފަހުން ޑީސެލްގެ އަގު ބޮޑުކުރީ ޖެނުއަރީ 22، ގަ އެވެ. އެފަހަރު މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކީ 12.08ރ. އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 14.26ރ. އަށެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިން ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ބޮޑުކޮށްފަ އެވެ. އެފްއެސްއެމް އިން ޑީސަލް ލީޓަރެއް ވިއްކަނީ 14.80ރ. އަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އަންނަނީ އުފުލެމުންނެވެ. ސާފުނުކުރާ ފީފާ ތެޔޮ ފީފާއެއްގެ އަގު ހުރީ 118 ޑޮލަރަށް ވުރެ މަތީގަ އެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި އަދަދުތައް އުފުލޭނެ ކަމަށް ލަފާކުރެވެ އެވެ.










