ރަޝިއާ އިން ހަމަލާ ދޭން ފެށިއިރު ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ އައުމުން އެ ކުދިންނަށް ނަފްސާނީ ސިއްހަތުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދިޔަ ޔޫކްރެއިނަށް ހަމަލާ ދޭން ފެށިއިރު އެ ގައުމުގައި ތިބީ 24 ދިވެހިންނެވެ. އޭގެ ތެރޭގައި ހުޅަނގު ޔޫކްރެއިންގައި އޮންނަ އިވާނޯގައި ތިބި 15 ދިވެހި ދަރިވަރުންނާއި ހާރްކީވްގައި ތިބި ނުވަ ދިވެހިން ހިމެނެ އެވެ.
އެ އެންމެން ވެސް ހަންގޭރީ އަށް ގެންގޮސް އަނބުރާ ރާއްޖެ ގެނެސްފައިވާއިރު ހާރްކީވްގައި ތިބި ދިވެހިން ތަޖުރިބާކުރީ ބިރުވެރި ދުވަސްތަކެކެވެ. ރަޝިއާ އިން މެދުކެނޑުމެއްނެތި އެ ސިޓީއަށް ދެމުންދިޔަ ހަމަލާތަކުން ސަލާމަތްވުމަށް އޭގެ ތެރެއިން ބައެއް މީހުން ބޮން ޝެލްޓަރުތަކެއްގެ ގޮތުގައި ބޭނުންކުރި މެޓްރޯގައި ވެސް ދިރިއުޅުނެވެ.
ރާއްޖެ އަށް އަނބުރާ އައިސްފައިވާ މީހުންނަށް ނަފްސާނީ ސިއްހަތުގެ އެހީތެރިކަން ފޯރުކޮށްދެމުންދޭތޯ "އަދަދު" އިން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ވަނީ ބޭނުންވާ މީހުންނަށް އެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ޖެންޑާ އިން ދީފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީން ވެސް ވަނީ އެފަދަ އެހީތެރިކަމަށް ބައެއް ދަރިވަރުން އެދުނު ކަމަށް ބުނެފަ އެވެ.

ހާރްކީވްގައި ތިބި ދިވެހި ދަރިވަރުން ސަލާމަތު އައްސޭރިއަށް ދިޔުމަށް ވެސް ކުރީ ނުރައްކާތެރި ދަތުރެކެވެ. ދެ ގައުމުގެ މެދުގައި ބަދަލުކުރަމުންދިޔަ ހަމަލާތައް ނުހުއްޓުނު ނަމަވެސް ރައްކާތެރިކަން ހޯދަން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ދަތުރުކުރަން ޖެހުނީ އެ ހަމަލާތަކުގެ މެދުންނެވެ.
އެހެންކަމުން، އެ ބިރުވެރި ތަޖުރިބާގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެ ހުރިހާ ކުދިން ވެސް ސަލާމަތުން ރާއްޖެ އައީ އިއްޔެ އެވެ.
ހަނގުރާމައެއް ހިނގަމުންދާ ގައުމަކުން އަނބުރާ އަންނަ ދިވެހިންނާ މެދު އަމަލުކުރާނެ އުސޫލެއް މިހާތަނަށް ރާއްޖޭގައި ކަނޑައަޅާފައެއް ނުވެ އެވެ. އެހެން ނަމަވެސް، ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު އަނބުރާ އަންނަ މީހުންނާ މެދު އަމަލުކުރާނެ އުސޫލެއް އޮވެ އެވެ.












