މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫ އިން ހޯދިއިރު، އއ. އަތޮޅުގެ ތަށި މަތިވެރިން އުފުލާލައިފި އެވެ.
ފ. އަތޮޅުން ހަތަރު ރަށް ބައިވެރިވެފައިވާތީ ކުޅުނީ ލީގު ބުރެކެވެ. ބިލެއްދޫ އިން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރިއިރު، ރޭ ފަހު މެޗުގައި އެ ޓީމުން މޮޅުވީ ފީއަލީއާ ވާދަކޮށް 4-0 އިންނެވެ. މި އަތޮޅުގެ އަނެއް މެޗުގައި ރޭ ނިލަންދޫ އަތުން މަގޫދޫ ވަނީ 1-0 އިން މޮޅުވެފަ އެވެ.
އއ. މަތިވެރިން އަތޮޅު ޗެމްޕިއަންކަން ހޯދީ ލީގު ބުރުގެ ފަހު މެޗުގައި ރޭ އއ. ފެރިދޫ އަތުން 6-0 އިން މޮޅުވެގެންނެވެ. ކުޅުނު ތިން މެޗުން މަތިވެރި އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުރަތަމަ މެޗުން ރަސްދޫ އަތުން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބޮޑުފޮޅުދޫއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ މި އަތޮޅުގެ އަނެއް މެޗުގައި ރަސްދޫ ވަނީ 3-1 އިން ބޮޑުފޮޅުދޫ ބަލިކޮށްފަ އެވެ.
ރޭ ކުޅުނު ޅ އަތޮޅުގެ ފުރަތަމަ މެޗުގައި ކުރެންދޫ އާއި ހިންނަވަރު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޅ. އަތޮޅުން ބައިވެރިވެފައިވަނީ ވެސް މި ދެ ޓީމެވެ. ހިންނަވަރާއި ކުރެންދޫގެ މެދުގައި އިތުރު މެޗެއް ކުޅުމަށް ފަހު އަތޮޅުގެ ޗެމްޕިއަން ޓީމެއް ކަނޑައަޅާނެ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފީއަލި ކޮޅަށް ބިލެއްދޫގެ މުނީފް އަބްދުﷲ ނަސީރު ވަނީ ދެ ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖަހާފައިވަނީ އިބްރާހިމް ޒިހާން އާއި މުހައްމަދު ރިޝްވާން އެވެ. ބިލެއްދޫ އިން މެޗު ނިންމާލީ ރަނގަޅު ޑިފެންސިވް ރެކޯޑަކާ އެކު ފީއަލި އަށް ގޯލެއް ވެސް ޖަހަން ޖާގަ ނުދީ އެވެ.
ނިލަންދޫ ކޮޅަށް މަގޫދޫގެ ދެ ގޯލު ޖެހީ ޕެނަލްޓީ އަކުން މޫސާ މާހިލް އާއި އަހުމަދު މޫސާ އެވެ. ނިލަންދޫން ޖެހި ގޯލަކީ މަގޫދޫގެ މުހައްމަދު އަމްޖަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފެރިދޫގެ މައްޗަށް މަތިވެރިން ފުރިހަމަ މޮޅެއް ހޯދިއިރު، އެ ޓީމުގެ މުހައްމަދު އިމްރާން (ކުޑަ އިންމަ) އާއި އިސްމާއިލް ނަސީމް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަރުޝަދު އަބްދުއްލަތީފާއި އާދަމް އިމްރާން އެވެ. ރަސްދޫ އިން ބޮޑުފޮޅުދޫ ބަލިކުރިއިރު، ގޯލުތައް ޖެހީ އަހުމަދު އިޔާދު އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް އާޒިމް ދެ ގޯލެވެ. ބޮޑުފޮޅުދޫގެ ދެ ގޯލު ޖެހީ ޖާދުﷲ އަހުމަދު އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 20:15 ގައި ފަށާ ދެ މެޗުގައި ގއ. ކަނޑުހުޅުދޫ އާއި ގެމަނަފުށި ކުޅޭއިރު، ދެން އޮތް މެޗުގައި ކުޅެނީ ގއ. ދާންދޫ އާއި ދެއްވަދޫ އެވެ. އޭގެ ފަހުން 21:15 ގައި ފަށާ ދެ މެޗަކީ ތ. އަތޮޅުގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗެވެ. އެއް މެޗުގައި ކިނބިދޫ އާއި އޮމަދޫ ކުޅޭއިރު، ދެން އޮތް މެޗުގައި ބުރުނި ބައްދަލުކުރާނީ ވޭމަންޑޫއާ އެވެ. މިރޭގެ ފަހު ދެ މެޗު 22:15 ގައި ފަށާއިރު، ގދ. މަޑަވެލި ބައްދަލުކުރާނީ ގައްދޫއާ އެވެ. އަދި ތިނަދޫ ކުޅޭނީ ވާދޫއާ އެވެ.












