ލިވަޕޫލް (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ އަތުން 4-0 ޗެލްސީ މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓަށް ފަރަގުކުޑަކޮށްފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 26 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 27 މެޗުން 47 ޕޮއިންޓާ އެކު އެވެ. ލީގުގައި މާދަމާރޭ ސިޓީ ކުޅޭނީ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށެވެ.
ބާންލީގެ ޓާފް މޯގައި ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އަތުން ދޫވި ބޯޅައެއް ގޯލަށް ޖަހަން ބާންލީގެ ޑްވައިޓް މެކްނީލަށް ލިބުމުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނު ކަމުގައި ވިޔަސް ދެ ވަނަ ހާފްގެ ފުރަތަމަ 25 މިނިޓް ތެރޭ ޗެލްސީން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
ޗެލްސީން ލީޑުނެގީ 47 ވަނަ މިނިޓްގައި ރީސް ޖޭމްސް ޖެހި ގޯލުންނެވެ. މިއީ ޑިސެމްބަރު މަހުގައި ލިބުނު އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ފަހުން ޗެލްސީ ފުރަތަަމަ އެގާރައިގައި ޖޭމްސްގެ ފުރަތަމަ މެޗެވެ.
މެޗުގެ 52 ވަނަ މިނިޓްގައި ޗެލްސީން ލީޑުފުޅާކުރީ ކްރިސްޓިއަން ޕުލިސިޗް ނަގައިދިން ހުރަހަކުން ކައި ހަވާޓްޒް ބޮލުން ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން ޖޭމްސް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލައިގެން ހަވާޓްޒް ޗެލްސީގެ ތިން ވަނަ ގޯލު ޖެހި އެވެ. އަދި މެޗުގެ 69 ވަނަ މިިނިޓްގައި ބާންލީގެ ޑިފެންޑަރު ޖޭމްސް ޓާކޯސްކީ ހެދި ގޯހެއްގެ ފައިދާނަަގައި އޭރިއާތެރެއިން ޕުލިސިޗް ޗެލްސީގެ ހަތަރު ވަނަ ގޯލު ޖެހި އެވެ.

ޗެލްސީގެ ކައި ހަވާޓްޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ލިވަޕޫލަށް މެޗުގެ ދެ ވަނަ މިނިޓްގައި ލީޑުނަގައިދޭން މުހައްމަދު ސަލާހު ޖެހި ބޯޅަ ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއަންސްކީ ވަނީ މަތަކޮށްފަ އެވެ. ވެސްޓް ހޭމްގެ ފޯވާޑް މިކޭލް އެންޓޯނިއޯ ޖެހި ދެ ބޯޅައެއް ލިވަޕޫލް ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 27 ވަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. މިއީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން މާނޭ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި ވެސްޓް ހޭމަށް އެއްވަރުކޮށްދޭން ޕަބްލޯ ފޯނާލްސް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ސަލާމަތްކުރީ އާނޯލްޑް އެވެ. ދެ ވަނަ ހާފްގައި ލިވަޕޫލް އޭރިއާތެރެއިން މެނުއަލް ލަންޒީނީ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މެޗުގެ ފަހު ކޮޅުގައި ލިވަޕޫލުން ޕްރެޝަރުގައި ކުޅެން ޖެހުނު ނަމަވެސް ޑިފެންސްކޮށް މޮޅެއް ހޯދި އެވެ. މި މެޗުން ލިވަޕޫލް މޮޅުވިއިރު، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ ރެކޯޑެއް ހަދައިފަ އެވެ. އެއީ އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު 60 މެޗުގައި ބަލިނުވެ ނިންމާލައިގެން ހެދި ރެކޯޑެވެ. ކުރިން މި ރެކޯޑް އޮތީ 59 މެޗާ އެކު ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ލީ ޝާޕް އަތުގަ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެންޓްފޯޑް ފުރަތަމަ އެގާރައިގައި ކްރިސްޓިއަން އެރިކްސަން ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ އިވާން ޓޯނޭ ހެޓްރިކެއް ހަދައި ވަނީ 3-1 އިން ނޮރިޗް ސިޓީ ބަލިކޮށްފަ އެވެ. ފިލިއްޕޭ ކުޓީނިއޯގެ މޮޅު ކުޅުމާ އެކު އެސްޓަން ވިލާ އިން ވަނީ 4-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. ރަނގަޅު ފޯމެއްގައި ކުރިއެރުން ހޯދަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ކްރިސްޓަލް ޕެލަސް އިން 2-0 އިން ވުލްވްސް އަތުން މޮޅުވިއިރު، ޖެސީ މާޝްގެ ކޯޗުކަމުގައި ލީޑްސް ޔުނައިޓެޑް ކުޅުނު މެޗުން ވަނީ 1-0 އިން ލެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ.












