މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022ގެ އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި މި ފަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލަށް ދިޔައިރު، އެންމެ ފަހުގެ ރަނަރަޕް ބ. އޭދުފުއްޓާއި ރ. ދުވާފަރު މޮޅަކުން މުބާރާތް ފަށައިފި އެވެ.
ތިމަރަފުށިން ފަަހަތުން އަރައި ބުރުނި ބަލިކުރީ 5-2 އިންނެވެ. ތ. އަތޮޅު އަނެއް މެޗުގައި ރޭ ގާދިއްފުއްޓާއި އޮމަދޫ ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރ. އިންނަމާދޫ ކޮޅަށް ދުވާފަރުން ކުރިހޯދީ 6-0 އިންނެވެ. ބ.ތުޅާދޫ އަތުން އޭދަފުށި މޮޅުވީ 5-1 އިންނެވެ. ގއ. ކޮނޑޭ އިން މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުގައި ރޭ ވަނީ 2-0 އިން ނިލަންދޫ ބަލިކޮށްފަ އެވެ. ގއ. މާމެންދޫން ދެ ވަނަ މޮޅު ހޯދީ ރޭ ކޮލަމާފުށި 5-1 އިން ބަލިކުުރުމަށް ފަހު އެވެ.
ރެހެންދި އެއް ވަނަ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބުރުނިން ވަނީ ތިމަރަފުށި ކައިރިން ތިން ވަނަ މިނިޓްގައި ރީބައުންސް ބޯޅައަކުން މުހައްމަދު އިބްރާހިމް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އޭގެ ފަހުން ފުލުފުލުގައި ތިމަރަފުށިން ފޮނުވާލި ހަމަލާތައް ބުރުނީގެ ކީޕަރު މުހައްމަދު ޖާނިމް ވަނީ މަތަކޮށްފަ އެވެ. ނަތީޖާ ތިމަރަފުށި ކޮޅަށް އަނބުރާލުމުގައި ތަފާތު ދެއްކީ ބަދަލަކަށް އެރި އިބްރާހިމް ހަމްދާން އެވެ. އޭނާ ވަނީ ދެ މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިންމާލުމުގެ ކުރިން ތިމަރަފުށިން ޖެހި ތިން ވަނަ ގޯލަކީ ބުރުނީގެ އަހުމަދު ސައްދާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ތިމަރަފުށި ޓީމުގެ ރޮނާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ތިމަރަފުށީގެ ފަހަތުން ދޫވި ބޯޅައެއް ބުރުނީގެ މުހައްމަދު ނާހިލް ނޫހު ވަނީ ގޯލުގެ ތެރެއަށް ފޮނިުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) ވަނީ ގޯލެއް ޖަަހައިފަ އެވެ. ތިމަރަފުށީގެ ފަހު ގޯލު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ޒަޔާން މުލާޒް އެވެ. މިއީ މުޖުތާޒް މުހައްމަދު (މުޖޭ) ދިން ބޯޅައަކުން ޒަޔާން ޖެހި ގޯލެކެވެ.
އަތޮޅު ފައިނަލުގައި ތިމަރަފުއްޓާ ދެކޮޅަށް ކުޅޭނީ އޮމަދޫ ނޫނީ ގާދިއްފުއްޓެވެ. ރޭ އެ ދެ ޓީމުގެ މެޗު އެއްވަރުވެގެން ނިމުނުއިރު، މި ގްރޫޕްގައި ބާކީ ދެން އޮތީ އޮމަދޫ އާއި ކިނބިދޫގެ މެޗެވެ. އެ މެޗުން ތިން ގޯލުގެ ފަރަގުން އޮމަދޫ މޮޅުވެއްޖެނަމަ އަތޮޅު ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ. އޮމަދޫ ދެ ގޯލުގެ ފަރަގުން މޮޅުވެއްޖެނަމަ ދެން ބަލަން ޖެހޭނީ ލަނޑުގެ ތަފާތަށެވެ.
ރޭ އޮމަދޫ ޓީމަށް ލީޑުނަގައިދިނީ ކުރި ރަނގަޅު އެޓޭކެއްގައި އަހުމަދު ނަޝްވާން އެވެ. ގާދިފުށީ ޓީމުގެ މުހައްމަދު ސާހިލް ހަނި އޭންގަލުން ޖެހި ބޯޅަ ގޯލަށް ވަދެ، އެ ޓީމުން އެއްވަރުކުރި އެވެ. އެކަމަކު، އޮމަދޫގެ އަޒްމާން އަހުމަދު ދުރުދުރުން ޖެހި ބޯޅަ ގޯލަށް ވަދެ، އޮމަދޫން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. ގާދިއްފުށިން އެއްވަރުކުރީ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޓީމުގެ ކެޕްޓަން ހުސެއިން ޒާހިރު އެވެ.
އޭދަފުށީ ޓީމުން ރޭ ގޯލުތައް ޖެހީ ޓީމުގެ ކެޕްޓަން އަހުމަދު އަޝްރަފު ޔޫސުފް ދެ ގޯލާއި އަލީ ނަސީމް އަދި ހަމްދާން އަބްދުއްސައްތާރުގެ އިތުރުން ތުޅާދޫގެ އަލީ ރަމީޒް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ތުޅާދޫގެ ހަމައެކަނި ގޯލު ޖެހީ އީމާން އިލްޔާސް އެވެ.

އޭދަފުށީ ޓީމުގެ ފާއްޓޭ (ވ) އަތުން ބޯޅަ ހޯދަން ތުޅާދޫގެ އާފިގް މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި މެޗުގައި ތުޅާދޫގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް އޭދަފުށީގެ ކީޕަރު އަލީ އަޖްފާން އަމްޖަދު ވަނީ މަތަކޮށްފަ އެވެ. އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓޭ) އާއި ހަމްދާންގެ ފަރާތުން ރަނގަޅު ޝޮޓްތަކެއް ފެނުނުއިރު، ތުޅާދޫ ކީޕަރު ވަނީ ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެެވެ.
ދުވާފަރުން އިންނަމާދޫ ބަލިކުރިއިރު، ތަރި އަކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ޖުމާން އަހުމަދު އެވެ. އޭނާ އެކަނި ހަތަރު ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު އިސާމް އެވެ. ކޮނޑޭ އިން ރޭގެ މެޗުގައި ނިލަންދޫ ބަލިކުރިއިރު، ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮނޑޭގެ ޝިފާޒް އެވެ.
ކޮލަމާފުށި ކޮޅަށް މާމެންދޫގެ ރައުހާން ރިފުއަތު ވަނީ ހެޓްރިކެއް ހަދައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ މުސީފް އަބްދުލް ގަފޫރާއި އަހުސާމް ހަސަން ދީދީ އެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އިމްރާން ރަޝީދު އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗު ކުޅޭނެ އެވެ.












