މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު މެޗުން މޮޅުވެ މ. މުލައް އަތޮޅު ބުރުގެ ފައިނަލުން ފުރުސަތު ހޯދިއިރު، ވަރުގަދަ ޓީމަކާ އެކު މުބާރާތަށް ނުކުތް ގދ. ވާދޫ ތިން ވަނަ މޮޅު ހޯދައިފި އެވެ.
ރޭ ކުޅުނު މެޗުން މުލި އަތުން މުލައް މޮޅުވީ 5-2 އިންނެވެ. މ އަތޮޅު އަނެއް ގްރޫޕްގެ ފަހު މެޗުން ނާލާފުށި ވަނީ 4-0 އިން މަޑުއްވަރީ ބަލިކޮށްފަ އެވެ. އަތޮޅު ފައިނަލުގައި މުލައް ނުކުންނާނީ މި މަހު ނުވަ ވަނަ ދުވަހު ދިއްގަރާ ދެކޮޅަށެވެ.
މުބާރާތުގައި އެންމެ ވަރުގަދަކޮށް އޮތް އެއް ގްރޫޕް ކަމަށްވާ ގދ އަތޮޅުގައި ރޭ ވާދޫ އިން ވަނީ 4-2 އިން ގައްދޫ ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ހޯޑެއްދޫ ވަނީ 5-2 އިން މަޑަވެލި ބަލިކޮށްފަ އެވެ. ރޭ ލ އަތޮޅުގެ މެޗުތައް ފެށިއިރު، މާމެންދޫ އަތުން ގަން މޮޅުވީ 3-0 އިންނެވެ. ކަލައިދޫގެ މައްޗަށް އިސްދޫ ކުރިހޯދީ 5-3 އިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ އިސްދޫ އާއި ކަލައިދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ހޯޑެއްދޫން މަޑަވެލި ބަލިކޮށް ފުރަަތަމަ މޮޅު ހޯދިއިރު ތަރި އަކީ މަޝްހޫރު ފުޓްބޯޅަ ތަރި އާދަމް ލަރީފް (ރޮނާ) އެވެ. ރޮނާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ގޯލު ޖަހައިގެންނެވެ. އަނެއް ތިން ގޯލުގެ ތެެރެއިން އެއް ގޯލަކީ މަޑަވެލިގެ ނަސީފް ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލުތައް ޖެހީ އަހުމަދު ނަވާލް ޖަމީލާއި ސާއިން އިސްލާމް އެވެ.
މުލި އަތުން މުލައް މޮޅުވި މެޗުގައި އެ ޓީމުގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި ހަސަން އިބްރާހިމް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިފަ އެވެ. މުލަކޭ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދިއިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ އާދަމް ޝަހީމް (އާނާ) އެވެ. މުލިން ޖެހި އެއް ގޯލަކީ މުލަކުގެ ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ޒިދާން އެވެ.
ވާދޫ އިން ގައްދޫ ބަލިކުރިއިރު، ވާދޫގެ ގޯލުތައް ޖެހީ އަރުގަމް އިބްރާހިމް އާއި މުހައްމަދު އިޔާދު އަލީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. ގައްދޫގެ ގޯލުތައް ޖެހީ ހުސެއިން ޔަލީން އާއި ޝާރިގް އިބްރާހިމް ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވާދު ޓީމުގެ މުސައްނިފު މުހައްމަދު އެވެ. ނާލާފުށިން މަޑުއްވަރީ ބަލިކުރީ އަލީ އަޒުމީލް، މުހައްމަދު ފަޒީލް، އިބްރާހިމް ޝައްފާން އަދި މޫސާ ނައިސާންގެ ގޯލުތަކުންނެވެ.

މާމެންދޫގެ މައްޗަށް ގަން ކުރިހޯދީ ޒައިދާން އަބްދުﷲ، ހަސަން ފަވާޒް އަދި އަހުމަދު ހަލީމް (އައްމަޑޭ)ގެ ގޯލުތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގަމުގެ މުހައްމަދު ލުފްޝާން އެވެ.
ކަލައިދޫ އަތުން އިސްދޫ މޮޅުވިއިރު، އެ ޓީމުގެ އަލީ ހުމޭޒް ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެވެ. އަނެއް ދެ ގޯލު ޖެހި އަލީ މީސާގް އެވެ. ކަލައިދޫގެ ދެ ގޯލު ޖެހީ އިބްރާހިމް ނާއިލް އެވެ.
މުބާރާތުގައި މިރޭ ހަ މެޗެއް ކުޅެވޭނެ އެވެ. ރ. އަތޮޅުގެ އިންނަމާދޫ އާއި ދުވާފަރު ކުޅޭއިރު، ބ. އޭދަފުށި ބައްދަލުކުރާނީ ތުޅާދޫއާ އެވެ. ތ. ގާދިއްފުށިން އޮމަދޫއާ ކުޅޭއިރު، އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ބައްދަލުކުރާނީ ބުރުންޏާ އެވެ. ގއ. އަތޮޅުގެ ކޮލަމާފުއްޓާއި މާމެންދޫ ބައްދަލުކުރާއިރު، ގއ. ކޮނޑޭ ނުކުންނާނީ ނިލަންދޫއާ ކުޅޭށެވެ.












