ބޮޑެތި މަތިންދާބޯޓް ޖެއްސޭވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރަން ހިންގާ ޕްރޮޖެކްޓަށް ބިޑްކުރުމުގެ ސުންގަޑި ހަމަވިއިރު ހަތަރު ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދީފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން އެއާޕޯޓްގެ ރަންވޭ 2،200 މީޓަރަށް ދިގުކުރާނެ އެވެ. އެއާޕޯޓުގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1،200 މީޓަރެވެ. އެއާބަސް އޭ-320 މަރުކާގެ މަތިންދާބޯޓްތަކާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓްތައް ވެސް އޭރުން އެއާޕޯޓަށް ޖެއްސޭނެ އެވެ.
އެ ޕްރޮޖެކްޓަށް ހަތަރު ކުފުންޏަކުން ބިޑްކޮށްފައިވާކަން ހާމަކުރަން އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރަންވޭ ބޮޑުކުރުމުގެ އިތުރުން، އަހަރަކު 1.3 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް ވެސް އެ ޕްރޮޖެކްޓްގެ ދަށުން ހަދާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފައިވާ ލައިން އޮފް ކްރެޑިޓް އެއްބަަސްވުމުގެ ދަށުން ކުރާ މަސަައްކަތްތައް ހަވާލުކުރުމުގައި އިސްކަން ދޭން ޖެހޭނީ އިންޑިއާގެ ކުންފުނިތަކަށެވެ. އެހެން ނަމަވެސް, އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ހުޅުވައިލީ އިންޓަނޭޝަނަލް ބިޑަކަށެވެ.












