މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު މެޗުން މޮޅުވެ، ކ. ކާށިދޫ އަތޮޅު ފައިނަލުން ފުރުސަތު ހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި އެ އަތޮޅު ގާދިފުށި މޮޅަކުން މުބާރާތް ފަށައިފި އެވެ.
ކިނބިދޫ އަތުން ގާދިފުށި މޮޅުވީ 3-1 އިންނެވެ. ވޭމަންޑޫގެ މައްޗަށް ތިމަރަފުށި ކުރިހޯދީ 7-4 އިންނެވެ. ހުރާ އަތުން ކާށިދޫ މޮޅުވީ 5-2 އިންނެވެ. ކ. އަތޮޅު އަނެއް މެޗުގައި މާފުށި އަތުން ގުރައިދޫ ވަނީ 3-2 އިން މޮޅުވެފަ އެވެ. ރޭ ގއ. ކަނޑުހުޅުދޫ އަތުން 2-0 އިން އެ އަތޮޅު ނިލަންދޫ މޮޅުވިއިރު، ގއ، ދެއްވަދޫ އަތުން މާމެންދޫ މޮޅުވީ 4-2 އިންނެވެ.
ކ. އަތޮޅު ފައިނަލުގެ ޖާގައެއް ހޯދަން ރޭ ހުރާ އާއި ކާށިދޫގެ ކުރިމަތިލުން ފޯރިގަދަކޮށް ދިޔައިރު، ކާށިދޫ މޮޅުކޮށްދިނުމުގައި އިސް ރޯލެއް ކުޅުނީ މެޗުގައި ހެޓްރިކެއް ހަދައި މޮޅު ކުޅުންތެރިއަކަށް ހޮވުނު ކާށިދޫގެ ކެޕްޓަން އަބްދުﷲ ސުޒޭރު އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ އިލްވާން މުހައްމަދާއި އަހުމަދު ނާސިހު އެވެ. ވަރުގަދަ ސްކޮޑެއް އޮތްނަމަވެސް ހުރާ ޓީމަށް ރޭ ޓީމެއްގެ ގޮތުގައި ނުކުޅެވި ނަތީޖާ ނުނެރެވުނީ އެވެ. ހުރާ ޓީމުގެ ދެ ގޯލު ވެސް ޖެހީ މުހައްމަދު ތަސްނީމް (ތައްތި) އެވެ.
ކާށިދޫ އިން އަތޮޅު ފައިނަލުގައި ކުޅޭނީ އަނެއް ގްރޫޕް ކާމިޔާބުކުރި ގާފަރާ އެވެ. ގާފަރު ގްރޫޕްގެ ފަހު މެޗުގައި ރޭ މާފުށި އަތުން ގުރައިދޫ ކުރިހޯދިއިރު، އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ސޮލާހު، އަހުމަދު ޝުއޫން އަދި އާލިމް އަބްދުލް ގައްޔޫމް އެވެ. މާފުށީގެ ގޯލުތައް ކާމިޔާބުކުރީ މުހައްމަދު ލަޔާން އަހުމަދު އާއި ގުރައިދޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ވޭމަންޑޫގެ ދެ ކުޅުންތެރިން ކައިރިން ތިމަރަފުށީގެ އަސްވަދު (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ތިމަރަފުށިން ރޭ ވޭމަންޑޫ ބަލިކުރިއިރު، ފުރަތަމަ ހާފުގައި ރަނގަޅު ފޯމެއްގައި ކުޅެ، ފަރަގު ބޮޑު ނަތީޖާއެއްގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި ކުޅުން ދަށްވި އެވެ. އޭގެ ފައިދާނަަގައި ވޭމަންޑޫ އިން މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ނަމަވެސް ނަތީޖާ ހަމަހަމަ ކުރެވޭ ވަރަށް ގޯލު ޖެހޭ ވަރަށް ވުރެ ތިމަރަފުށިން ވަނީ ލިބޭ ފުރުސަތުތަކުގައި ނިންމާލުމުގައި ތަފާތު ދައްކައިފަ އެވެ.
ރޭގެ މެޗުގައި ތިމަރަފުށީގެ ލަނޑުތައް ޖެހީ އިސްމާއިލް މުނީޒް، އިބްރާހިމް އަސްވަދު (ގަބޭ) އަދި އަލީ ޝިފާއު (ރޮނާ) އެވެ. މީގެ ތެރެއިން މުނީޒް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހެޓްރިކެއް ހަަދައިގެންނެވެ. ޓީމުގެ އެޓޭކާއި ޑިފެންސްގައި ވެސް ރޭ ގަބޭގެ ކުޅުން ފާހަަގަކުރެވުނުއިރު، ލަނޑުޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދިނެވެ.
ވޭމަންޑޫ އަށް ބަލާއިރު، އެ ޓީމުގެ ހަތަރު ގޯލުގެ ތެެރެއިން ދެ ގޯލު ޖެހީ ޓީމުގެ ކެޕްޓަން އަދުހަމް ޝަރީފް އެވެ. އަނެއް ދެ ގޯލު ޖެހީ މާޒިން އަހުމަދާއި މޫސާ މުހައްމަދު މަނިކް އެވެ. އަދުހަމް ޖެހި ފުރަތަމަ ގޯލަކީ ފުރަތަމަ ހާފުގައި ވޭމަންޑޫ އަށް ޖެހުނު ހަމައެކަނި ގޯލެވެ. އަނެއް ތިން ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.
ކިނބިދޫ ޓީމު ކޮޅަށް ގާދިފުށިން ނަތީޖާ ނެރުމުގައި ފައިދާނެގީ ރަނގަޅު ފެށުމަކާ އެކީގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ތޯހިރާއި ހަސަން ރަޝީދު ގާތްގާތުގައި ދުރުން ޖެހި ދެ ގޯލުން ގާދިފުށިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ރަނގަޅަށް ޑިފެންސްކުރުމުގައި އޮގަނައިޒް ކުޅުމެއް ކުޅެވޭތޯ ގާދިފުށިން މަސައްކަތްކުރަމުން ދިޔައިރު، ކިނބިދޫ އަށް ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ލިބުނު ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.
ދެ ވަނަ ހާފުގައި ކިނބިދޫގެ ކެޕްޓަން އިބްރާހިމް އިމްރާހް (އިންމި) ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުނުވެ، ކައުންޓަ އެޓޭކުގައި ގާދިފުށީގެ ކެޕްޓަން ހުސެއިން ޒާހިރު ގޯލެއް ޖަހައި އެ ޓީމު މޮޅުކޮށްދިނީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ހުސެއިން އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ދެއްވަދޫ އާއި މާމެންދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެއްވަދޫގެ އަހުނަފް ރަޝީދާއި ސަލާހު އަހުމަދު ގޯލު ޖެހިއިރު، އެ ޓީމު އަތުން މާމެންދޫ މޮޅުކޮށްދޭން ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝަމްވީލް މުހައްމަދާއި ރައުހާން ރިފްއަތު އެވެ. މީގެ ތެރެއިން ޝަމްވީލް ހެޓްރިކެއް ހެދި އެވެ. ކަނޑުހުޅުދޫ ކޮޅަށް ނިލަންދޫގެ ގޯލުތައް ޖެހީ މައުފޫޒް އާދަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ މައުފޫޒް އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން ގދ އަތޮޅުގެ ދެ މެޗުގައި ހޯޑެއްދޫ އާއި މަޑަވެލި ބައްދަލުކުރާއިރު، ހައްދޫ ކުޅޭނީ ވާދޫއާ އެވެ. މ. އަތޮޅުގެ ދެ މެޗުގައި ކުޅޭނީ މުލި އާއި މުލަކްގެ އިތުރުން މަޑުއްވަރީ އާއި ނާލާފުށި އެވެ. މިރޭ ލ އަތޮޅުގެ މެޗުތައް ފަށާއިރު، ގަން ކުޅޭނީ މާމެންދޫއާ އެވެ. އަދި ކަލައިދޫ ނުކުންނާނީ އިސްދޫއާ ދެކޮޅަށެވެ.












