ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް އިންތިޒާމްކުރާ ކްލަބް މޯލްޑިވްްސްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި މައިލޯއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި މައިލޯއާ އެކު ސޮއިކުރުން އޮތީ އިއްޔެ ހަވީރު ހުޅުމާލެ ޗާކޯލް ރެސްޓޯރެންޓްގައި ބޭއްވި އިވެންޓެއްގަ އެވެ. ކްލަބް މޯލްޑިވްސްގެ އިސް ސްޕޮންސަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މައިލޯ އިން އަންނަނީ ބައިވެރިވަމުންނެވެ.
އިއްޔެގެ އިވެންޓްގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފް އެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރީ ނެސްލޭ ލަންކާ ކުންފުނީގެ ސީނިއާ މެނޭޖަރެއް ކަމަށްވާ ޗަމިންދަ ވިތާނާ އެެވެ.

ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ޕާޓްނަރު މައިލޯއާ އެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި މައިލޯގެ އިތުރުން އެހެން ތިން ޕާޓްނަރުން ވެސް ހަމަޖެހިގެންދާނެ ކަމަށް ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދެ އެވެ. ކްލަބް މޯލްޑިވްސްގެ ވިސްނުން ހުރީ މި އަހަރުގެ މުބާރާތް އަންނަ ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށެެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކްލަބް މޯލްޑިވްސް އިން ފުޓްސަލް ކަޕެއް ބާއްވަން އެންމެ ފުރަތަމަ ފެށީ 2006 ވަނަ އަހަރު އެވެ. ކްލަބް މޯލްޑިވްސް ކަޕް ޖެހިޖެހިގެން 15 އަހަރު ބޭއްވުމަށް ފަހު ހުއްޓުން އައީ ކޮވިޑް-19އާ ހެދި އެވެ. ކޮވިޑްގެ މެދުކެނޑުމަށް ފަހު އަލުން ކްލަބް މޯލްޑިވްްސް ކަޕް ބޭއްވީ މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ އެ މުބާރާތުގެ ފިރިހެން ޑިވިޝަން އެވެ. އަންހެން ފުޓްސަލް ކުރިއެރުވުމަށް ކްލަބް މޯލްޑިވްސްގެ ފަރާތުން ފެށީ 2010 ވަނަ އަހަރު، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ އެެވެ. މި މުބާރާތަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ސްކައުޓް ކުރުމަށް ވެސް ބޭނުންކުރާ މުބާރާތެކެވެ.
ކްލަބް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅޭ ފުޓްސަލް މުބާރާތްތަކަށް ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދެ އެވެ. ކްލަބް މޯލްޑިވްސްގެ ވިސްނުން ހުރީ އަހަރު ދުވަހަށް ބަހާލައިގެން އެ ޖަމިއްޔާގެ ފަރާތުން އެކި އިވެންޓްތައް ބޭއްވުމާއި ފުޓްސަލް މުބާރާތްތަކަށް ދެވޭނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.












