އޮފީހަށް ވަދެ ކާޑު ޖެހިއިރަށް ކަންފަތުގައި ޖެހުނީ އިންޒާރުގެ ރަނގަބީލުގެ އަޑެވެ. ނީވޭ ކަމަށް ހަދައިގެން، ނޭވާ ހިފަހައްޓައިލައިގެން ހުރެ ކުރިއަށް ދެތިން ފިޔަވަޅު އެޅި އިރަށް މަގު ބަންދުވި އެވެ. އަނެއްކާ ވެސް އިންޒާރު ތަކުރާރުވި އެވެ. ހިޔާލު ދެކަފިވި އެވެ. ދާންވީ މިސްރާބު އޮޅޭ ގޮތްވި އެވެ. އެ އިންޒާރުތަކަށް ބީރު ކަންފަތެއް ދޭންވީއޭ ހިތަށް އެރި އެވެ. އެއަށްވުރެ އަވަހަށް ނޫނެކޭ ހިތްބުނެލި އެވެ. އެއީ އިންޒާރެއް ނޫން ކަމަށް ސިކުނޑި ވިސްނައިދިނެވެ.
"ފުރުސަތަށް ކާންދީ، ޝަކުވާތައް ބަނޑަށް ޖައްސާ." އަހަންނާ ދިމާއަށް ބަލަން ހުރެ ހުމާމު ބުނެލި އެވެ.
ހުމާމު އެ ދައްކަނީ ކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ. އޭނާ އެ އެދެނީ ފަސޭހަ ކަމެއް ކުރާކަށް ނޫނެވެ. އޭނާ އެދޭ ގޮތަށް ކަންކަން ކޮށްފިނަމަ ކުޅިފަސް ލިބޭނީ އޭނާ އަށެވެ. އެ މީހުންނަށެވެ. ދުނިޔެ ބަދަލުވެ ހައިސިއްޔަތު ބަދަލުވާނެ އެވެ. އަތްމަތި ތިޔާގިވެ ދުނިޔެ ކުލަވާނެ އެވެ. އަހަންނަށް ނުވިސްނެނީ އެކަން ދިގުދެމިގެންދާނެ މުއްދަތެވެ. އެކަން ދެމި އޮންނާނެ މިންވަރެވެ.
"ވިސްނަން ދިން ތިން ދުވަސް މިއަދަށް ހަމަވީ. މިހާރު ރައްޔާއަށް ވިސްނިފަ ހުންނާނެ ކަމަށް މި ބަލަނީ." އަހަންނާ ހަތަރު ކަޅި ހަމަކޮށްލަމުން ހުމާމު ބުނެލި އެވެ.
ތެދެކެވެ. މީގެ ތިން ދުވަސް ކުރިން ވެސް ހުމާމު އެ މައުޟޫ ހުޅުވާލި އެވެ. އަހަރެން އޮފީހުން ގެއަށްދާން ތައްޔާރުވަނިކޮށް އޭނާ އައިސް އަހަރެންގެ މޭޒު ކައިރިއަށް ގުދުވެ ސިއްރުން އެ ވާހަކަ ބުންޏެވެ. އެކަން ހަނދާންކޮށްދިނެވެ. އޭނާ އެދޭ ކަންތައް ކޮށްދީފި ނަމަ އަހަންނަށް އޮތް އިނާޔަތުގެ ވާހަކަތައް ބުނެދިނެވެ. އެ ހަނދާންތައް އައު ކޮށްދިނެވެ.

"ރައްޔާ ބޭނުންވަނީ ތިޔަހެން މުޅި އުމުރު ހުސްކޮށްލަންތަ؟" ހުމާމުގެ އަނގައިން އެ ސުވާލު ނުކުތަސް އަހަންނަށް އިވުނީ ރަމީޒުގެ އަޑެވެ.
ރަމީޒަކީ ހުމާމުގެ އެއް އަތެވެ. އޭނާއަކީ އަމިއްލަ ކުންފުންޏެއް ހަދައިގެން ވިޔަފާރީގެ ތެރެއަށް ވަދެގެން އުޅޭ ނާކާމިޔާބު ވިޔަފާރިވެރި އެކެވެ. ރަމީޒުގެ ވިޔަފާރި ކޮޅަށް ޖެހުމަށް ފައި ވިއްދައިގެން ހުރި އެކަކީ ހުމާމެވެ. ހުމާމަކީ އެ ވިޔަފާރީގެ ބައިވެރިއެކެވެ. މަދަދުގާރެކެވެ. އޭނާގެ ޒިންމާއަކީ ކުންފުނި ޕްރޮމޯޓުކުރުމާއި މަސައްކަތްތައް ހޯދުމެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނާ ބޭނުންވަނީ އެކަން ކުރާށެވެ. އެކަން އަހަންނަށް އެނގުނީ ރަމީޒު ކިޔައިދިނީމަ އެވެ.
"ކުރިއަށް ކަނޑާނީ ގުޅިގެން، އެކުގައި މަސައްކަތްކޮށްގެން. އެއީ ފުރުސަތު. ކާން ދޭންވީ އެކަމަށް." ރަމީޒުގެ އެ ޖުމުލަ ސިކުނޑީގައި ގުގުމައިލި ކަހަލަ އެވެ.
ވަށައިގެން ހޯދާލަން މަޖުބޫރުވީ އެހެންވެ އެވެ. ރަމީޒު ފެންނާން ނެތީމަ އެވެ. ދެވަނަ ސިކުންތުގައި ސިކުނޑީގައި ކުރެހުނީ އެ މަންޒަރެވެ. ހުމާމާއި ރަމީޒުގެ އެދުމަކަށް ކޮފީއަކަށް ދެވުނު ދުވަހެވެ. އެކަހެރި މާހައުލެއްގައި، ކޮފީގައި ތިބެ ދެ މީހުން ދެއްކި ވާހަކަތަކެވެ. އެ ދުވަހު ދެއްކި ހުރިހާ ވާހަކައަކުން އަހަރެންގެ ސިކުނޑީގައި ތަތްވީ ރަމީޒުގެ އެ ޖުމުލަ އެވެ. އޭގެ މައްޗަށް ގަދަވެގަތީ ހުމާމު ދިން އިންޒާރެވެ. މިކަން ހާމަވެއްޖެނަމަ ފުރާނައިން އަތްދޮވެލާނެ ކަމަށް ބުނި ބުނުމެވެ.
"ކުރިއަށް ދާން ވިސްނާނަމަ، އުފާވެރި ތަނަވަސް ދިރިއުޅުމެއް ބޭނުންނަމަ ފުރުސަތު ލިބުނީމަ އޭގެ ބޭނުން ހިފަން ދަސްކުރަންވާނެ." ފުން ނަޒަރަކުން އަހަންނަށް ބަލަން އިނދެ ރަމީޒު ބުނެލި އެވެ.
"މީ ވަރަށް ސިންޕަލް ކަމެއް. ރައްޔާ ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް. ހުރިހާ ކަމެއް ކުރާނީ އަހަރުމެން،" އެއްމިޔަކުން ހީނލަމުން ރަމީޒުގެ މޫނަށް ބަލައިލަމުން ހުމާމު ބުނެލިއެވެ. "ހަމައެކަނި ފޮޓޯއެއް ނަގައިފަ ވައިބަރކޮށްލީމަ ވީ ދޯ."
"އާނ، ރޭވިފައިވާ ގޮތަށް ކަންކަން ކޮށްދީފި ނަމަ، އަހަރުމެންގެ ކެޕޭސިޓީ ޑަބަލްވާނެ. އެއީ ޕްލޭން އޭ އަކީ. ދެން އޮތީ ޕްލޭން ބީ. މުޅި އެތި ނުލިބިއްޖެ ނަމަ ކުރާންވީ ކަންކަން. އެ ރައްޔާއަށް އަދި މާ ފަސޭހަކަމެއް. އެކަން ލީޑް ކުރާން ހުރީ ރައްޔާ،" ރަމީޒުމެންގެ ރޭވުން ހިއްސާކުރިއެވެ. "ބަދަލުގައި ރައްޔާއަށް އޮތީ ތަނަވަސް އުފާވެރި ދިރިއުޅުމެއް."
"ކަމެއް ފަޅާ އަރައިގެން، އެންމެ ގޯސް ހާލަތުގައި ވެސް ރައްޔާއަށް ނުރައްކަލެއް ނޯންނާނެ. އަހަރުމެން ޕްރޮމިސް މި ކުރަނީ އަހަރުމެންނަށް މިކަމުގައި އެހީތެރިވިކަން އެއްވެސް މީހަކަށް ނާންގާނެކަން." ހުމާމު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ކޮން ކަމެއް؟" އޮފީހަށް ވަދެގެން އައި މުނީޒަށް ހުމާމު ފެނިފައި އަހައިލި އެވެ.
އަހަންނަށް ހިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނީ މުނީޒުގެ އަޑު ޖެހުމުންނެވެ. މުނީޒަކީ އަހަރުމެންގެ ސެކުޝަންގެ އިސްވެރިޔާ އެވެ. އެއީ ހިތްހެޔޮ އޯގާތެރި މީހެކެވެ. ބޮޑާކަމެއް ކިބުރުވެރި ކަމެއް އޭނާގެ ތޮބީއަތުގައި ނުހުރެ އެވެ. ކޮންމެ މީހަކާ ވެސް ގުޅޭނެ އެވެ. މީހުންގެ އިހުސާސްތަކަށް އިހުތިރާމު ކުރާނެ އެވެ. ވާހަކަ ދައްކާނީ ހިނިތުންވުމާ އެކުގަ އެވެ. އޭނާގެ ވިސްނުމުން ދުވާނީ މީރުވަހެވެ. ނަމަވެސް، ހޫމާމަކީ އޭގެ އިދިކޮޅެވެ. އެއީ އިދިކީލި ފިކުރުގެ ވެރިޔެކެވެ. އަބަދުވެސް މަސައްކަތް ކުރާނީ ކަމުން ރެކޭށެވެ. އަމިއްލަ ޖީބަށް ބަރުކުރާށެވެ. އޭނާ އަޅައިލާ ކޮންމެ ފިޔަވަޅަކުން ވެސް ފައިދާވުމަށް އެދޭނެ އެވެ. އޭނާއަކީ މުށްބާރު، ރުންކުރު މީހެކެވެ.
"ރައްޔާ ވާހަކައެއް ދައްކާތީ މަޑުކޮށްލީ." މުނީޒުގެ މޫނަށް ބަލައިލަމުން ހުމާމު ބުނެލި އެވެ.
އޭނާ ހެދީ ދޮގެކެވެ. ބޮޑު ދޮގެކެވެ. އޮފީހަށް ވަނީއްސުރެ ފަހަތުން ނެއްޓެން ނޭނގިގެން މި އުޅެނީ އަހަންނެއް ނޫނެވެ. ހުމާމެވެ. އޭނާ ބޭނުންވާ ޖަވާބު އަހަރެން އަނގައިން ނުނިކުމެގެންނެވެ. މުނީޒު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ރައްޔާ، ރަނގަޅަށް ނުނިދަނީތަ ރޭގަ؟" މުނީޒު ފެށީ އެހެން ވާހަކައެކެވެ.
ފާޑަކަށް އަހަރެން ބިރުގަންނަ ގޮތްވިއެވެ. މޭ ތުރުތުރު އަޅައިލި އެވެ. ގައިން ހީބިހި ނަގައިގަތެވެ. އަހަރެން ނުނިދާ އުޅުނުކަން މުނީޒަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނާއަށް މި ހުރިހާ ކަމެއް އެނގުނީ ހެއްޔެވެ؟ ހުމާމުމެންގެ ރޭވުމުގެ ނުބައި ވަސް އޭނާގެ ނޭފަތުގައި ޖެހުނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ.
ތުންފަތުގައި ގަދަކަމުން ހިނިތުންވުމެއް ކުރަހައިލަމުން އަހަރެން ހިނގައި ގަތީ މޭޒާ ދިމާއަށެވެ. ހުމާމު ވެސް ދިޔައީ އޭނާގެ މޭޒާ ދިމާ އަށެވެ. މުނީޒު މިސްރާބު ޖެހީ ކެބިން އަށެވެ. ހިތާއިހިތުން މުނީޒަށް ޝުކުރު އަދާކޮށްލެވުނެވެ. ހުމާމުގެ ކިބައިން ސަލާމަތްވީމަ އެވެ.
މޭޒު ކައިރީގައި ހުއްޓިލުމަށްފަހު އަހަންނަށް ބަލައިލެވުނީ ހުމާމާ ދިމާއަށެވެ. އޭނާ އިޝާރާތްކޮށްލީ ފާރުގައި ހުރި ގަޑިއަށެވެ. އެއަށްފަހު އިނގިލިތައް ހަރަކާތްކޮށްލި އެވެ. ޓައިޕުކުރާއިރު އިނގިލިތައް ހަރަކާތްކޮށްލާ ގޮތަށެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. ނިތަށް ދެތިން ރޫ އަރުވާލަމުންނެވެ. އަނެއްކާ ވެސް ހުމާމު ހަރަކާތްތަކެއް ކޮށްލި އެވެ. އޭނާ ވާހަކަދައްކަނީ އިޝާރާތުންނެވެ. އޭނާ ބުނަމުން ދަނީ އަވަސްކުރުމަށެވެ. ގޮތެއް ނިންމުމަށެވެ. ލަސްވެއްޖެނަމަ ނާކާމިޔާބު ވާނެކަމަށެވެ. މުނާސަބު ވަގުތުގައި ކަންކޮށް ނިންމާށެވެ. އޭނާ އެ ބުނަނީ މި ވަގުތު އެކަން ކޮށް ނިންމާލާށެވެ.
"އަހަރެން އެއްބަހެއް ނުވަން." މުނީޒުގެ މޫނަށް ބަލައިލަމުން އަހަރެން ޖަވާބުދިނީމެވެ.
މުނީޒަށް ހުރިހާ ކަމެއް ފަޅާއެރީއެވެ. ކެބިންއަށް އަހަރެން ގެންދިޔައީ ހުމާމުގެ ހަރަކާތްތައް ފެނިގެންނެވެ. ޝައްކުވެގެން އޭނާގެ ބޮލުގައި ރިއްސާލީމަ އެވެ. މުނީޒު ބޭނުންވީ ޔަގީންކުރާށެވެ. ހުމާމަކީ ކާކުކަން އެނގޭތީ އެވެ. ސުވާލަކަށްފަހު ސުވާލެއް އަހަރެންގެ ކުރިމަތީގައި މުނީޒު ފަތުރައިލަމުން ދިޔަ އެވެ. އަހަރެން ވެސް ޖަވާބުތައް އަތުރައިލަމުން ދިޔައީ މުނީޒުގެ ސުވާލުތަކުގެ މަތީގަ އެވެ.
"ދުވަސްކޮޅެއް ވެއްޖެ މި ކަމެއްގަ ޑިމާންޑު ކުރާތާ. ސަރ ވިދާޅުވި ގޮތަށް އަޅުގަނޑަށް މިހާރު ހަމަ ނިދި ވެސް ނުލިބޭ. ނިދޭއިރަށް ވެސް ކުއްލިކުއްލިއަށް ހޭލެވެނީ. ހުވަފެނުގައި ވެސް ފެންނަނީ ހުމާމު. އޭނާ ދޭ އިންޒާރުތައް. މިކަން ނުކޮށްފިނަމަ އަހަންނަށް ހަދައިލާނެ ގޮތް. އަހަރެން ކޮށައިލާނެ ކަމަށް ބުނެ ދޭ އިންޒާރު. މިއަދު އޮފީހަށް ވަން އިރަށް ވެސް ހަމަ އެހެން ބުނެފި. އެ ގޮތަށް އިންޒާރު ދީފި."
"ކޮބާ އޭނާގެ ޑިމާންޑަކީ؟ ޕްލޭނަކީ؟"
ސީދާ ނުކުތާއަށް މުނީޒު މިސްރާބު ޖެހި އެވެ. އަހަންނަށް ޖަވާބުދޭން ދަތިވި އެވެ. ނަމަވެސް ހިތްވަރުކޮށްފައި ފެށީމެވެ.
"އެމީހުން ބޭނުންވަނީ މި ފަހަރު މި ހުޅުވާލި ފުރުސަތަށް މީހުން ހުށަހަޅާ އަގުތައް ބުނެދޭން. ދެން ބިޑު އެވެލުއޭޓިން މަރުހަލާގައި އެހެން މީހުންގެ ބިޑުތައް ކެންސަލްވާނެ ކޮންމެ ވެސް ކަމެއް ކުރިއޭޓް ކުރަން."
"ބޭނުމަކީ؟ ކޮން އެމީހުންނެއް؟"
މުނީޒަށް ނޭނގި އޮތީ ހުމާމުގެ ފަހަތުގައި ހުރީ ރަމީޒުކަމެވެ. އޭނާގެ ބޭނުމަކީ ކޮބައިކަމެވެ. އެ މީހުންގެ ރޭވުމަކީ ކޮބައިކަމެވެ. އެ ހުރިހާ ކަމެއް އަހަރެން ތިލަކޮށްދިނީމެވެ. ރަމީޒާއި ހުމާމު ކޮފީ މޭޒުގައި ދެއްކި ވާހަކަތައް ކިޔައިދިނީމެވެ. މިކަން ފަޅާއަރައިފި ނަމަ އަހަންނަށް އޮތް ނުރައްކަލުގެ ވާހަކަތައް ވެސް ބުނެދިނީމެވެ.
"އަޅުގަނޑުގެ މައްސަލައެއް ނެތް. ރަނގަޅު ކަމެއް ކޮށްގެން އަޅުގަނޑަށް ކޮންމެ ފަދަކަމެއް ކުރިޔަސް." ހިތުގައި ޖަހަމުން ދިޔަ ވިންދުތަކުގައި އަތް އަޅައިލަމުން ބުނެލެވުނެވެ.
"ވައްކަމާއި ފަސާދައަށް ހުރި ދޮރުތައް ބަންދުކުރާ މީހުންނަށް ގާނޫނީ ހިމާޔަތް އޮންނާނެ،" މުނީޒު ހިނިތުންވެލި އެވެ. "ގާނޫނުގެ ދިގު އަތް އަބަދުވެސް ފޯރާނީ ފަސާދައަށް ހުޅުވޭ ދޮރުތައް ބަންދުކުރުމަށް. ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށް."
"އެކަމަކު؟" ބުނަން އުޅުނު ވާހަކަ ކަރުބުޑުގައި ތާށިވީ މުނީޒު ފެށުމުންނެވެ.
"މި ކަމުގައި އަހަރެން ހުރިހާ ޒިންމާއެއް ނަގާނަން. ރައްޔާ ތިޔަވީ ގުރުބާނެއް. ކޮރަޕްޝަނަށް ނޫނެކޭ ބުނެ ތިޔަ އަދާކުރީ ގައުމީ ވާޖިބެއް. އެހެން ނޫންނަމަ މީހަކަށް ދޮނެއް ކަޅެއް ނޭނގޭހާ އޮމާންކޮށް ހުމާމުމެން ބޭނުންވާ ގޮތަށް ހުރިހާ ރިސޯޓެއް އެމީހުންނަށް ކާމިޔާބުކުރެވުނީސް. އާހިރުގައި އެމީހުން ނުހައްޤު މުއްސަނދިންނަށް ވެގެންދާނެ. މިހާރު ވެސް ކޮރަޕްޝަން ނުހުއްޓުވިގެން މި އުޅެނީ އެފަދައިން ނުހައްގު މުއްސަނދިން މޭޒު ދޮށުން ދޭ ފައިސާއިންނާއި ކޮފީތަކުން އުފަންވާ ކަޅުބާޒާރުގެ ސަބަބުން."
އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މުނީޒުގެ ކެބިންއިން ބޭރަށް ނުކުމެލަމުން ހުމާމުގެ މޭޒާ ދިމާއަށް ބަލައިލީމެވެ. އޭނާގެ ގޮނޑި ހުރީ ހުސްކޮށެވެ. އެ ވަގުތު ހިތާއި ހިތުން ޝުކުރު އަދާކޮށްލެވުނެވެ. އެމީހުންގެ ދަލުގައި ނުޖެހި ސަލާމަތް ވެވުނީތީ އެވެ. ދުނިޔޭގެ ދަޅަތަކަށް ނުހެއްލެވުނީތީ އެވެ. ހިތާއިހިތުން ރައްދު ދެވުނީ ހުމާމުގެ އިންޒާރުތަކަށެވެ. ރަމީޒުގެ ބުނުމަށެވެ. އާއެކެވެ. ކޮންމެ ފުރުސަތަކީ ޖަވާހިރެއް ނޫނެވެ. ކަފާ، ގާނާ ބައްޓަން ގެންނަން ޖެހޭނީ ޖަވާހިރެއް ފަދަ ފުރުސަތަށެވެ. ފުރުސަތެއް ގޮތަށް ފެންނަ އަނދަވަޅަކަށް ނޫނެވެ. ކާންދޭންވީ އަނދަވަޅަކަށް ނޫނެވެ. ފަހި ފުރުސަތަށެވެ. ހައްގަށެވެ. ހުމާމު ކޮންނަން އުޅުނީ އަނދަވަޅެކެވެ. (ނިމުނީ)




