ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ކޯޓުން ބޭރުކޮށްލައިފި އެވެ.
މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގެ ހުރި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
އަށާރަވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި މަހުލޫފް ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ހިފިކަމުގެ ދައުވާ އެވެ.
މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.
"މައްސަލައިގެ ޝަރީއަތެއްކޮށް ހެކީންގެ ހެކިބަސް ނެގިކަމުގައި ވިނަމަވެސް، އަދީބު، އެސްއޯއެފްގެ ނަންބަރު 000025 ޗެކު ބޭނުންކޮށްގެން ރިޝްވަތު ދިނުމުން، އަހްމަދު މަހުލޫފް ރިޝްވަތު ހިފީކަން ސާބިތުކޮށްދެވިދާނެ ފުރުސަތު އޮތް ހެކިތަކެއް ކަމަށް ބެލެވޭނެ ހެކިތަކެއް ހުށަހެޅިފައި ނެތް" ގާޒީ ވިދާޅުވިއެވެ.

ނަމަވެސް، ގާޒީ މުހައްމަދު މިސްބާހު އެ މައްސަލަ ބޭރުކޮށްލީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިޔާގެ ބަހަށް އެކަނި ރިއާޔަތްކޮށް ރިޝްވަތު ދިން ކަމާއި، ހިފިކަމުގެ ދައުވާ ސާބިތު ކުރެވޭނެ ވަރުގެ އިތުރު ޝަފައީ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ ދައުލަތުން ގިނަ ގޯސްތަކެއް ހަދާފައިވާތީ އެވެ.
ގާޒީ ވިދާޅުވި ގޮތުގައި އަދީބު ފުލުހަށް ދިން ތަހުގީގު ބަޔާނުގައި ވާގޮތުން، މަހްލޫފަށް ރިޝްވަތު ދިންކަމަށް ބުނެފައިވާ ވަނީ މުހައްމަދު އައްލާމް ލަތީފްއާ ހަވާލާދީ، އޭނާ ބުނި ބުނުމެއްގެ މައްޗަށެވެ. ނަމަވެސް، އައްލާމް އެކަމަށް އިންކާރު ކުރާއިރު، އަދީބު ތަހުގީގަށް ދީފައިވާ ބަޔާނުގައި ގިނަ ފުށުއެރުންތަކެއް ޝަރީއަތަށް ފާހަގަކުރެވިފައި ވެއެވެ.
އެސްއީޒެޑް ބިލަށް ވަކި ގޮތަކަށް ވޯޓު ދޭން މަހުލޫފަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހަމަޖެއްސީ އައްލާމް މެދުވެރިކޮށް ކަމަށް އަދީބު ބުނި ނަމަވެސް، އެ ފައިސާ ދައުރުކުރި ގޮތާއި، އެ މުއާމަލާތު ހިނގި ގޮތުގެ އެއްވެސް ތަފްސީލެއް އޭނާ ކިޔައިދީފައި ނުވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
އެހެންވެ އަދީބުއަކީ ލާބައެއް ލިބިދާނެކަމުގެ އުންމީދެއް ނެތި އަދި ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި، މިނިވަންކަމާއި އެކު އެ މައްސަލާގައި ހެކިބަސް ދޭން ހުރި މީހެއް ކަމަށް ބެލެވެން ނެތް ކަމަށް ގާޒީ މިސްބާހު ދެކިވަޑައިގަތެވެ.
އޭގެ އިތުރުން އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށް ޝަރުތުކޮށް ވޯޓު ދިނުމުގެ ކުރިން މަހްލޫފަށް ފައިސާ ދިން ކަމަށް ތުހުމަތުކޮށް، އަދީބު އާއި އޭނާ އާ ދެމެދު ކޮށްފައިވާ މެސެޖުތަކެއްގެ ފޮރެންސިކް ރިޕޯޓެއް ދައުލަތުން ހުށަހެޅި ނަމަވެސް، އެ މުއާމަލާތް ކުރެވިފައި ވަނީ އެސްއީޒެޑް ބިލަށް ވޯޓު ނެގުމަށްފަހު ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި، އަދީބުގެ ފަރާތުން އެހީތެރިކަމަށް އެދިފައި ވަނީވެސް އެ ބިލަށް ފަހުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
އެއާއެކު ސައިބާ ކްރައިމް އެނަލިސިސް ރިޕޯޓުގައި ވެސް ދައުވާ އަށް ބާރުދޭ ވަރުގެ ހެއްކެއް ނެތްކަން ގާޒީ ފާހަގަކުރެއްވި އެވެ. އެހެންވެ ރިޝްވަތުގެ ގޮތުގައި 33،000 އެމެރިކާ ޑޮލަރުގެ ޗެކެއް މަހުލޫފަށް ލިބުނީ ދައުވާގައިވާ އެސްއީޒެޑް ބިލަަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައިކަން ގުޅުވާލެވެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ.
"މައްސަލައިގެ ތަހުގީގުކޮށްފައި ވަނީ ހެކި ހޯދުމަށްވުރެ ބޮޑަށް ދިފާއީ ހެކި ނަފީކުރުމަށް އިސްކަން ދީގެންކަން،" ދައުލަތުން އުފުލި ދައުވާ ބޭރުކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ކަމަށް ގާޒީ މިސްބާހަށް ފެނިވަަޑައިގަތެވެ.
އެ މައްސަލަ ތަހުގީގު ކޮށްފައިވަނީ އަދީބުގެ ބުނުމުގެ މައްޗަށް ކަމަށާއި، މަހުލޫފު ރިޝްވަތު ފައިސާ ހިފި ކަމަށް ދައުލަތުން ތުހުމަތު ކުރާއިރު، އެ ފައިސާ ދިން ގޮތާއި، އެ މުއާމަލާތް ހިނގީ ކިހިނެއް، ކޮން ދުވަހަކު ކަން ތަހުގީގު ކުރެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މައްސަލަ ބޭރުކޮށްލި ނަމަވެސް، އާ ހެކިތަކާއި އެކު އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.












