ލޮސް އެންޖެލިސް، އެމެރިކާ (މާޗް 1) - އިނގިރޭސިވިލާތުގެ އެކްޓަރު ބެނެޑިކްޓް ކަމްބާބެޗްއަށް ހޮލީވުޑް ވޯކް އޮފް ފޭމްގައި ހާއްސަ ތަރިޔަކާ އެކު އޭނާގެ އަގު ވަޒަންކޮށްފި އެވެ.
"ދަ ޕަވާ އޮފް ދަ ޑޯގް"ގެ ތަރި ކަމްބާބެޗްގެ އަގު ވަޒަން ކުރަން ބޭއްވި ހަފްލާގައި އޭނާއަށް މަރުހަބާ ކީ މާވެލް ސްޓޫޑިއޯޒްގެ ވެރިޔާ ކެވިން ފެއިޖް އާއި "ސްޓާ ވޯޒް" އަދި "ސްޓާ ޓްރެކް"ގެ ޑިރެކްޓަރު ޖޭޖޭ އަބްރަމްސް އެވެ.
މާވެލްގެ ކުރިއަށް އޮތް ފިލްމު "ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނަސް" ގައި ކަމްބާބެޗްއަކީ މައިގަނޑު ކެރެކްޓާ އެވެ. އޭނާ ބުނީ ވޯކް އޮފް ފޭމްގައި އޭނާއަށް ހާއްސަ ތަރިއެއް ލިބުމަކީ "އާދަޔާ ހިލާފު ޝަރަފެއް" ކަމަށެވެ.
ހަފްލާގައި ކަމްބާބެޗް ދެއްކި ވާހަކައިގައި ވަނީ މޫސުމީ ބަދަލު ކުޑަކުރަން ފިޔަވަޅު އަޅަން ގޮވާލާފަ އެވެ. އޭގެ އިތުރުން ކޮވިޑާ މެދު ކަންބޮޑުވުން ފާޅުކޮށް، ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އަވަސް ފިޔަވަޅު އަޅަން ގޮވާލި އެވެ.
ކަމްބާބެޗްއަށް މަގްބޫލްކަން ލިބުނީ ބީބީސީގެ ސީރީޒް "ޝާލޮކް" އިންނެވެ. ކުރިއަށް އޮތް އޮސްކާ އެވޯޑުގައި އޭނާ ވަނީ "ދަ ޕަވާ އޮފް ދަ ޑޯގް" ފިލްމުގައި ކުޅުނު ރޯލަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

އެ ފިލްމަށް 12 ނޮމިނޭޝަން ލިބިފައިވެ އެވެ. ކަމްބާބެޗްއާ އެކު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ދެން ނޮމިނޭޓްވެފައި ވަނީ ހާވިއާ ބާޑެމް، އެންޑްރޫ ގާފީލްޑް، ވިލް ސްމިތް އަދި ޑެންޒެލް ވޮޝިންޓަން އެވެ. އޮސްކާ އެވޯޑް ހަފްލާ އޮންނާނީ މާޗް 27 ވަނަ ދުވަހު އެވެ.










