މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އަތޮޅު ބުުރުުގައި ރޭ ކުޅުނު މެޗުތަކުން ގދ. ގދ. ވާދޫ، ތިނަދޫ، ގއ. ދާންދޫ، އއ. ރަސްދޫ އަދި ގއ. ކޮނޑޭ އަށް މޮޅެއް ލިބިއްޖެ އެވެ.
ވާދޫ އިން ހޯނޑެއްދޫ ބަލިކުރީ 2-0 އިންނެވެ. ގައްދޫގެ މައްޗަށް ތިނަދޫ ކުރިހޯދީ 1-0 އިންނެވެ. ދާންދޫ އިން ކޮލަމާފުށި ބަލިކުރީ 4-1 އިންނެވެ. އއ. ބޮނޑުފުޅަދޫ އާއި އއ. މަތިވެރި 1-1 އިން އެއްވަރުވިއިރު، ކޮނޑޭ އިން ވަނީ ގެމަނަފުށި ކޮޅަށް އަށް ގޯލުން މޮޅުވެފަ އެވެ. އަދި އއ. ފެރިދޫ އަތުން އެ އަތޮޅު ރަސްދޫ ކުރިހޯދީ 2-1 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ވާދޫ ޓީމުން ގޯލުތައް ޖެހީ އިބްރާހިމް ޝައުފު މުހައްމަދާއި މުހައްމަދު އިޔާދު އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވާދޫ ޓީމުގެ މުސައްނިފު މުހައްމަދު އެވެ. ގައްދޫ އަތުން ތިނަދޫ މޮޅުވިއިރު، ގޯލު ޖެހީ 12 ވަނަ މިނިޓްގައި އަހުމަދު އަބްދުލް އަޒީޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ތިނަދޫގެ އަހުމަދު ރިއްފަތު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދޫ އާއި ހޯޑެއްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ކޮލަމާފުށި ކޮޅަށް ދާންދޫގެ ގޯލުތައް ޖެހީ އިބްރާހިމް ހަަސަން ދެ ގޯލާއި އިސްމާއިލް ނަސީރާއި މުހައްމަދު އަބްދުއްސައްތާރު ގޯލެކެވެ. ކޮލަމާފުށީގެ ގޯލު ކާމިޔާބުކުރީ މުހުލިސް ނަޖީބު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދާންދޫގެ ގޯލްކީޕަރު، އެ ދާއިރާގެ މަޖިލިސް މެމްބަރު، ޔައުގޫބް އަބްދުﷲ އެވެ.
އއ. ބޮނޑުފުޅަދޫ އާއި މަތިވެރީގެ ކުރިމަތިލުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މަތިވެރީގެ ގޯލު ޖެހީ މުހައްމަދު އިމްރާން އެވެ. ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކާއި ގައުމީ ސީނިއާ ޓީމުގެ ގޯލްކީޕަރަކަށް ކުޅެފައިވާ ކީޕަރު އިމްރާން މަތިވެރި ފުޓްސަލް ޓީމުގައި ކުޅެނީ ކުރިއަށެވެ. ބޮޑުފުޅަދޫ ޓީމަށް އެއްވަރުކޮށްދިނީ ޖާދުﷲ އަހުމަދު އެވެ.
ކޮނޑޭ އިން ގެމަނަފުށި ކޮޅަށް އަށް ގޯލު ޖެހިއިރު، ތަރި އަކީ ކޮނޑޭ ޓީމަށް ހަތަރު ގޯލު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝިފާޒް އާދިލް އެވެ. ކްލަބް މޯލްޑިވްސް ކަޕްގައި މާލެ ސިޓީ ކައުންސިލަށް ވެސް ޝިފާޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކޮނޑޭގެ އަނެއް ހަތަރު ގޯލު ޖެހީ އިބްރާހިމް، އިނާން އަހުމަދު، އަހުމަދު އަދި ވިޝާން ހަސަން ދީދީ އެވެ.
ފެރިދޫ ޓީމުގެ މުހައްމަދު ޝައްފާން އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ރަސްދޫ މޮޅުވީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެެވެ. މި ގޯލުތައް ޖެހީ އަހުމަދު އިޔާދު އާއި އިބްރާހިމް އާޒިމް އެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަސްދޫ ޓީމުގެ އިޔާދު އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.












