ހޯމް މިނިސްޓްރީގެ އާ ޑެޕިއުޓީ މިނިސްޓަރަކަށް ލުއައްޔު ސައީދު އައްޔަނުކޮށްފި އެވެ.
ގދ. ވާދޫ، ޕެރިސްއަށް ނިސްބަތްވާ ލުއައްޔު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވާކަން ރައީސް އޮފީހުން އިއުލާން ކުރީ މިއަދު އެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރިކަން އިއުލާންކުރަމުން ރައީސް އޮފީހުން ބުނީ ލުއައްޔު އަކީ އޮސްކްފޮޑް ބްރޫކްސް ޔުނިވާސިޓީއިން 2013 ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އޮނާސް އިން އެޕްލައިޑް އެކައުންޓިން ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި މީގެ ކުރިން ލުއައްޔު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)ގެ އިންޓާނަލް އޮޑިޓް އެގްޒެކެޓިވްކަން ވެސް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި އޭގެ އިތުރުން ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ އޮޑިޓަރުކަމުގެ މަގާމު ވެސް ލުއައްޔު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ލުއައްޔުއާއެކު ހޯމް މިނިސްޓްރީގެ ނައިބުންގެ ގޮތުންގައި ޖުމްލަ ފަސް ބޭފުޅުން މިވަގުތު އެބަ ތިއްބެވި އެވެ. އެއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު، މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ ނައިބު އަބޫބަކުރު އަބްދުލްކަރީމާއި މިއަދު ހަމަ އެ މަގާމަށް އައްޔަނުކުރި ލުއައްޔު ސައީދެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އެވެ.
މިވަގުތު ސަރުކާރުގެ އެކި އިދާރާތަކުގައި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންގެ ގޮތުގައި ޖުމްލަ 55 ބޭފުޅުން ތިއްބަވާކަމަށް ރައީސް އޮފީހުގެ ވެބްސައިޓުން ދައްކަ އެވެ.
މިއަދު ހޯމް މިނިސްޓްރީއަށް އާ ނައިބަކު އައްޔަނުކުރިއިރު، އިއްޔެ ވެސް ވަނީ ދެ މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަނުކޮށްފަ އެވެ. އެގޮތުން އިއްޔެ އައްޔަނުކުރީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝެއިހް މުހައްމަދު އަނީލްއާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ނާސިހު ރަޝީދު އެވެ.












