އިއްޔެ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށާއި އޭނާ އަދިވެސް އޮތީ ހޭނާރާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ އީމާން އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލިގައި ވެންޓިލޭޓަރާއި ގުޅާފައި ކަމަށެވެ. އަދި އެކްސިޑެންޓުގައި ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން އިންޓާނަލް ބްލީޑިން ވަރަށް ބޮޑަށް ހުރުމުން، އީމާންގެ ހާލު އަދިވެސް ސްޓޭބަލް ނުވާކަމަށް ޝިއުނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އީމާން ހާލަތު މިވަގުތު ހުރި ގޮތުން ރާއްޖޭން ބޭރަށް އިތުރު ފަރުވާ ހޯދުމަށް ވެސް ގެންދިޔުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
"އެއީ މިވަގުތު އޭނާގެ ހާލު ހުރި ގޮތުން، މި ދެންނެވީ އިންޓާނަލް ބްލީޑިން ހުރުމުން ހަށިގަނޑު އެއް ތަނުން އަނެއް ތަނަށް ގެންދިޔުން އެންމެ ރައްކާތެރި ނޫން ކަމަށް އަދި ދަތުރުކުރުން އެންމެ ރަނގަޅު ނޫން ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނީ،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން އަދިވެސް އީމާންގެ ހާލަތު ސްޓޭބަލް ކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ސާޖަރީއެއް ހެދުމަށް ވެސް ޖެހިދާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އީމާން އެކްސިޑެންޓްވީ އިއްޔެ ހަވީރު ހުޅުމާލޭގައި ކުރެދިމާ ހިނގުމުން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރި ވަގުތު ކަހާލައިގެންނެވެ. އެކްސިޑެންޓްވުމާ އެކު އެމްބިއުލާންސަށް ގުޅި ނަމަވެސް އެމްބިއުލާންސް އެ ސަރަހައްދަށް ދިޔުމަށް 20 މިނެޓް ހޭދަވި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އީމާންއަށް ލިބެން ޖެހޭ ފަރުވާ ލިބުމުގައި ލަސްތަކެއް ހުރި ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތުކުރަމުންނެވެ. އެކްސިޑެންޓަށްފަހު އީމާންއަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
ނަމަވެސް, ހުޅުމާލެ ހޮސްޕިޓަލުގައި އައިސީޔޫ ފަރުވާދެވެން ނެތުމުން އީމާން ރޭގެ ވަގުތެއްގައި ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.













