ޒިއުރިކް (ފެބްރުއަރީ 25) - ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމަ ދިގުލައިދާނެ ކަމަށް ފެންނާތީ އަންނަ މެއި މަހު ރަޝިއާގެ ޕީޓާސްބާގުގައި ކުޅެން ހަމަޖެހިފައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެ ޕެރިހަށް ބަދަލުކޮށްފި އެވެ.
ރަޝިއާގެ ޕީޓާސްބާގުގައި ހުންނަ ގެޒްޕްރޮމް އެރީނާ އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ފުރަތަމަ ނިންމި ދަނޑެވެ. އެކަމަކު، ޔޫކްރެއިނާއި ރަޝިއާގެ ހަނގުރާމައިގެ ކަންކަމާ ހެދި ޔުއެފާ އިން ރަސްމީކޮށް ނިންމީ ޕެރިހުގައި ހުންނަ ސްޓޭޑް ޑީ ފްރާންސް ސްޓޭޑިއަމްގައި ކުޅޭގޮތަށެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް ބަދަލުކުރާނެ ދަނޑެއް މަޝްވަރާ ކުރެވުނުއިރު، ޕްރޮޕޯސަލްގައި ދެން އޮތް އަނެއް ދަނޑަކީ ވެސްޓް ހޭމް ޔުނައިޓެޑްގެ މެޗުތައް ކުޅެމުން އަންނަ ލަންޑަން އޮލިމްޕިކް ސްޓޭޑިއަމް އެވެ. އެކަމަކު، ގިނަ ވޯޓު ލިބުނީ މެއި 28 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް ޕެރިހުގައި ހޯސްޓްކުރާ ގޮތަށެވެ.
މިއީ އެކިއެކި ސަބަބުތަކާ ހުރެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސި ދަނޑު ބަދަލުކުރަން ޖެހިޖެހިގެން ޖެހުނު ތިން ފަހަރެވެ. އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅޭތަން ބަދަލުކުރަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޕޯޗުގަލްގެ ލިޒްބަންގައި ކުޅުމުންނެވެ. މިދިޔަ އަހަރުގެ ފައިނަލް ތުރުކީގެ އިސްތަންބޫލްގައި ކުޅެން އޮއްވައި، ޕޯޗުގަލް އަށް ބަދަލުކުރަން ޖެހުނީ ތުރުކީގައި ކޮވިޑް-19ގެ ހާލަތު އެ ދުވަސްވަރު ގޯސްވުމުންނެވެ.
ހާލަތު ގޯސްވަމުން އަންނާތީ އަންނަ މަހު ކުޅެން އޮތް ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް މެޗުތައް ރަޝިއާގައި ނުބާއްވަން ޔޫރަޕްގެ ތިން ގައުމަކުން ވަނީ ގޮވާލައިފަ އެވެ. ރަޝިއާގައި މެޗުތައް ހޯސްޓް ނުކުރަން ގޮވާލި ތިން ގައުމަކީ ޕްލޭއޮފްގައި ރަޝިއާ ފަޅީގައި އޮތް ގައުމުތައް ކަމަށްވާ ޗެކް ރިޕަބްލިކާއި ސްވިޑެން އަދި ޕޮލެންޑް އެވެ. ގަތަރު ވޯލްޑް ކަޕްގެ ޖާގައަކަށް ރަޝިއާ ފުރަތަމަ ކުޅެން އޮތީ އަންނަ މަހު 24 ވަނަ ދުވަހު ޕޮލެންޑާ އެވެ. މޮޅުވެއްޖެނަމަ ދެން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ރަޝިއާ ނުކުންނާނީ ޗެކް ރިޕަބްލިކާއި ސްވިޑެން ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫކްރެއިނާއި ރަޝިއާ އިން ހަނގުރާމައެއް ނުފަށަން ކުޅިވަރުގެ އެކި ތަރިންނާއި ޓީމުތަކުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖްތަކެއް ދެމުންނެވެ. އެ ގޮތުން ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ބާސެލޯނާ އާއި ނަޕޯލީ ކުޅުނު މެޗުގައި ވަނީ ހަނގުރާމަ ނުކުރަން އެދޭ މެސެޖެއް ޖަހާފައިވާ ކެންވަސްއެއް ދައްކާލައިފަ އެވެ. ގިނަ ޓީމުތަކުން ރޭ މެޗަށް ނުކުތްއިރު، ހަނގުރާމައާ ދެކޮޅު މެސެޖްތައް ލިޔެފައިވާ ޓީޝާޓްތަކެއް ބޭނުންކުރި އެވެ. ޔޫކްރެއިން ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ބެންފީކާގެ ރޯމަން ޔަރެމްޗުކް އާއި އެޓަލަންޓާގެ ރުސްލާން މަލިނޯވްސްކީ ރޭ ލަނޑު ޖެހުމަށް ފަހު ޔޫކްރެއިނަށް އޮތް ސަޕޯޓް ދައްކުވައިދޭ މެސެޖެއް ލިޔެފައިވާ ޓީޝާޓެއް ދައްކާލި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މެންޗެސްޓާ ސިޓީ އަށް ކުޅޭ ޔޫކްރެއިންގެ ފުލްބެކް އޮލެކްސަންޑަ ޒިންޗެންކޯ ވަނީ ހަނގުރާމަ ނުކޮށް ސުލްހަ އަށް އެދި ޕޯސްޓެއް ލިޔެފަ އެވެ. ހަނގުރާމަ ނުކުރަން އެދި މީޑިއާގައި ޝުއޫރުފާޅުކުރި ހަމައެކަނި ރަޝިއާގެ ފުޓްބޯޅަ ކުޅުންތެރިއަކީ ރަޝިއާ ގައުމީ ޓީމުގެ ފޯވާޑް ފެޑޯ ސްމޯލޯފް އެވެ.












