ރާއްޖޭގައި ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ފައިނަލުން ފުރިހަމަ ރެކޯޑަކާ އެކު ހދ. ވައިކަރަދޫ، ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމު ފުރުސަތު ހޯދައިފި އެވެ.
ހދ. އަތޮޅުގެ ފައިނަލުގައި ކުޅޭނީ ވައިކަރަދޫ އާއި ނާވައިދޫ އެވެ. ހއ.ގެ ފައިނަލުގައި ކުޅެނީ އިހަވަންދޫ އާއި ހޯރަފުއްޓެވެ. އަދި ށ. އަތޮޅު ފައިނަލުގައި ކަނޑިތީމު ބައްދަލުކުރާނީ މިލަންދޫއާ އެވެ.
އިހަވަންދޫ އިން ރޭ މުރައިދޫ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ނުވަ ޕޮއިންޓާ އެކު ހޯދިއިރު، ދެ ވަނަ އަށް ދިޔަ މުރައިދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހއ. ކެލާ އާއި ހއ. ބާރަށް ރޭ ކުޅުނު މެޗު 4-4 އިން އެއްވަރުވިއިރު، ގްރޫޕްގެ ތިން ވަނަ ހޯދި ކެލާ އަށް ލިބުނީ ދެ ޕޮއިންޓެވެ. އަދި ފުލަށް ދިޔަ ބާރަށަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ހދ. ނެއްލައިދޫ އަތުން ވައިކަރަދޫ މޮޅުވީ 7-4 އިންނެވެ. ވައިކަރަދޫ އަށް ނުވަ ޕޮއިންޓް ލިބުނުއިރު، ރޭ ހދ. މަކުނުދޫ އާއި ކުޅުދުއްފުށި 1-1 އިން އެއްވަރުވެ، މަކުނުދޫ އަށް ވަނީ ދެ ވަނަ ލިބިފަ އެވެ. އެއީ ތިން ވަަނަ އަށް ދިޔަ ކުޅުދުއްފުއްޓާ އެއްވަރަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ފުލަށް ދިޔަ ނެއްލައިދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ރޭ ފީވައް އަތުން 5-0 އިން މޮޅުވެ، ކަނޑިތީމުން ވަނީ ނުވަ ޕޮއިންޓާ އެކު އެއް ވަނަ ކަށަވަރުކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނަ އަށް ދިޔަ ގޮއިދޫ އިން ވަނީ ރޭ 6-0 އިން މަރޮށި ބަލިކޮށްފަ އެވެ. ގޮއިދޫ އަށް ދެ ވަނަ ލިބުނީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ނިންމި މަރޮށި އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފީވައް މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ކެލާ ކޮޅަށް ބާރަށުގެ ގޯލުތައް ޖެހީ އަބްދުﷲ މިސްބާހު، ހުސެއިން އިލްހާމް، މުހައްމަދު އައްފާން އަދި ހުސެއިން ސިނާން އެވެ. ކެލާގެ ގޯލުތައް ކާމިޔާބުކުރީ އަހުމަދު އިނާދު، އަބްދުﷲ އިހުސާން، އަހުމަދު ޝަފަގް އަދި އަބްދުﷲ ސާޖިދު އެވެ. މުރައިދޫ ކޮޅަށް އިހަވަންދޫގެ އިބްރާހިމް ހާމިދު ދެ ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އަނެއް ދެ ގޯލު ޖެހީ ހަސަން ޝާމިލް އާއި ހުސެއިން ނަޝީދު އެވެ. މުރައިދޫގެ ދެ ގޯލު ޖެހީ އަހުމަދު ނައުފަލް އާއި އިޔާން އަހުމަދު ރަޝީދު އެވެ.
ގޮއިދޫ އިން ރޭ މަރޮށި ކައިރިން ބޮޑު މޮޅެއް ހޯދިއިރު، ގޯލުތައް ޖެހީ އިބްރާހިމް ރިފާޒާއި މުހައްމަދު މިސްބާހު ދެ ގޯލު ޖެހި އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު ސާމިން އާއި އިބްރާހިމް ތަމާމް އެވެ. ފީވައް ކޮޅަށް ކަނޑިތީމުގެ އަހުމަދު ޒަމީމް ހެޓްރިކެއް ހެދިއިރު، އިސްމާއިލް ނިހާން އާއި އަހުމަދު ޖައިލަމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
މަކުނުދޫ އާއި ކުޅުދުއްފުށީގެ ކުރިމަތިލުން އެއްވަރުވެގެން ނިމުނުއިރު، މަކުނުދޫގެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ސާވީ އެވެ. ކުޅުދުއްފުށީގެ ގޯލު ކާމިޔާބުކުރީ އަހުމަދު މުހައްމަދު އެވެ. ނެއްލައިދޫ ކޮޅަށް ވައިކަރަދޫގެ އަހުމަދު ރައުޝަން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު ޝިފާއު އާއި އަލީ އަބްދުﷲ އެވެ. ނެއްލައިދޫގެ އަލީ ހަސަން ވެސް ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ ހުސެއިން ހާފިޒް އެވެ.
މުބާރާތުގައި މިރޭ ކ. އާއި އއ. އަދި ގދ ގެ މެޗުތައް ފަށާނެ އެވެ. ގދ. ތިނަދޫ އާއި ގދ. ހޯޑެއްދޫގެ މެޗާއި ގދ. މަޑަވެއްޔާއި ގދ ވާދޫގެ މެޗު ކުޅޭއިރު، ކ. ހުރާ އާއި ކ. ތުލުސްދޫގެ މެޗު ވެސް އޮންނާނެ އެވެ. އަދި ކ. ގުރައިދޫ އާއި ކ. ގާފަރުގެ މެޗު ވެސް ކުޅޭނެ އެވެ. މީގެ އިތުރުން އއ. ބޮޑުފުޅަދޫ އާއި އއ. ފެރިދޫގެ މެޗާއި އއ. މަތިވެރި އާއި އއ. ރަސްދޫ ބައްދަލުކުރާ މެޗު ވެސް ކުޅޭނެ އެވެ.












