މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ފައިނަލުން ހދ. ނާވައިދޫ އާއި ހއ، ހޯރަފުށި އަދި ށ. މިލަންދޫ އިން ފުރުސަތު ހޯދައިފި އެވެ.
އަތޮޅު ބުރުގެ ފައިނަލުން ފުރުސަތު ލިބެނީ ގްރޫޕްތަކުގެ އެއް ވަނަ ޓީމަށް އެކަންޏެވެ.
ހއ.ގެ ގްރޫޕް އޭގެ އެއް ވަނަ ހޯރަފުށިން ހޯދީ ފަހު މެޗުގައި ރޭ 4-4 އިން ހއ. ދިއްދޫއާ އެއްވަރުވި ނަމަވެސް ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕްގެ ދެ ވަނަ އަށް ދިޔަ ދިއްދޫ އާއި ތިން ވަނަ ހޯދި ވަށަފަރަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މާރަންދޫ އެންމެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އެވެ. އެ ޕޮއިންޓަކީ ރޭ ވަށަފަރާ 3-3 އިން އެއްވަރުކޮށްގެން ހޯދި ޕޮއިންޓެވެ.
ހދ.ގެ ބީ ގްރޫޕް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ނާވައިދޫ އާއި ނޭކުރެންދޫގެ ތެރެއިން ރޭ ބޮޑު ފަރަގަކުން މޮޅުވާ ޓީމަކަށް އެ ގްރޫޕްގެ އެއް ވަނަ ލިބޭ ގޮތަށް އޮތްއިރު، ނާވައިދޫން ކުރިހޯދީ ރޭ ކުޅުނު މެޗުގައި ކުމުންދޫ އަތުން 22-2 އިން މޮޅުވެގެންނެވެ. ނޭކުރެންދޫ އިން ރޭ ފިނޭ އަތުން 10-0 އިން މޮޅުވި އެވެ. ނާވައިދޫ އަށް އެއް ވަނަ ލިބުނީ ހަތް ޕޮއިންޓާއި ފައިދާ 22 ގޯލާ އެކު އެވެ. ނޭކުރެންދޫ އަށް ލިބިފައިވަނީ ހަތް ޕޮއިންޓާއި ފައިދާ 13 ގޯލެވެ. މި ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ފިނޭ އަށް ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ކުމުންދޫ ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
ފުރަތަމަ ދެ މެޗުން މޮޅުވި ށ. ފޯކައިދޫ ރޭ ކުޅުނު މެޗުން އެ އަތޮޅު މިލަންދޫ އަތުން 2-0 އިން ބަލިވީ އެވެ. އެހެންވެ، ފޯކައިދޫ ވަނީ ފަހު ވަގުތު ކަޓައިފަ އެވެ. ށ. އަތޮޅު ގްރޫޕް އޭގެ އެއް ވަނަ މިލަންދޫ އިން ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ، ފޯކައިދޫ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދި ބިލެއްފަހި އަށް ތިން ޕޮއިންޓް ލިބުނުއިރު، އެންމެ ފުލަށް ދިޔަ ކޮމަންޑޫގެ އޮތީ އެއް ޕޮއިންޓެވެ.
ރޭ ކުޅުނު މެޗުގައި މާރަންދޫގެ ގޯލުތައް ޖެހީ އަހުމަދު މުހައްމަދު، އިހުސާން ޖަލީލް އަދި އަންދުﷲ އާދަމް އެވެ. ވަށަފަރުގެ ގޯލުތައް ޖެހީ އަހުމަދު ސިނާން އާއި އިބްރާހިމް ސަނޫން އެެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސަނޫން އެވެ.
ހޯރަފުށީގެ މުހައްމަދު ރިޝާން ރޭ ދެ ގޯލު ޖެހިއިރު، އަނެއް ދެ ގޯލު ޖެހީ އަލީ ޒިޔާދު މުހައްމަދު އާއި އަބްދުﷲ ޔާމީން (ޔާނިު) އެވެ. ދިއްދޫގެ އާދަމް ނަސީމް ދެ ގޯލު ޖެހިއިރު، ހިޝާމް ހަސަން ވަހީދާއި އާދަމް ނަސީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ނަސީމް އެވެ.
މިލަންދޫގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ފޯކައިދޫގެ އިބްރާހިމް މުޝީރް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ލަނޑު ޖެހީ މިލަންދޫގެ މުހައްމަދު ނާޖިހު އެެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ބިލެއްފަހީގެ މުހައްމަދު އަމީން ހެޓްރިކެއް ހެދިއިރު، އަބްދުﷲ ހަމީދާއި އިބްރާހިމް އައިމަން ވަނީ ގޯލެއް ޖަހައިފަ އެވެ. ކޮމަންޑޫގެ ވިލްދާން އަހުމަދާއި އަބްދުލް ސަމަދު ގޯލެއް ޖެހިއިރު، ހުސެއިން ހައްމާދު ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ރޭ ލަނޑު ގޯންޏެއް ފެނުނު މެޗުގައި ނާވައިދޫގެ އަހުމަދު ހަމީދު ހަތް ގޯލު ޖެހިއިރު، އެ ޓީމުގެ އަބްދުﷲ ވިސާމް ހަ ގޯލާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ފަސް ގޯލު ޖެހި އެވެ. ހުސެއިން މައިޝާން ދެ ގޯލު ޖެހިިއިރު، އާދަމް ވަހީދު ހުސެއިން އާއި މުހައްމަދު ޝާއިން ވަނީ ގޯލެއް ޖަހައިފަ އެވެ. ކުމުންދޫގެ ދެ ގޯލު ޖެހީ މުހައްމަދު އާދަމް އެވެ.
ފިނޭ ކޮޅަށް ނޭކުރެންދޫ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) ފަސް ގޯލު ޖެހިއިރު، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ހެޓްރިކެއް ހެދި އެވެ. ނޭކުރެންދޫ ޓީމުގެ ކެޕްޓަން މުހައްމަދު ވިލްފް ދެ ގޯލު ޖެހިއިރު، އަލީ އިފާޒް ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
މުބާރާތުގައި މިރޭ ހއ، ހދ. އަދި ށ އަތޮޅުގެ އަތޮޅު ފައިނަލްގެ ފަހު ޖާގަތައް ކަށަވަރުވާނެ އެވެ. މިރޭ ހއގައި ކުޅޭނީ ކެލާ އާއި ބާރަށުގެ މެޗާއި އިހަވަންދޫ އާއި މުރައިދޫގެ މެޗެވެ. ހދ.ގެ އޮތީ ވައިކަރަދޫ އާއި ނެއްލައިދޫގެ މެޗާއި މަކުނުދޫ އާއި ކުޅުދުއްފުށީގެ މެޗެވެ. އަދި ށ އަތޮޅުން އޮތީ މަރޮއްޓާއި ގޮއިދޫގެ މެޗުގެ އިތުރުން ކަނޑިތީމާއި ފީވަށުގެ ކުރިމަތިލުމެވެ.












