ރާއްޖެއަށް ޑްރަގް އެތެކުރިކަމުގެ ތުހުމަތުވާ މީހަކު ވަކި ޝަރުތުތަކަކާ އެކު ދޫކޮށްލަން، ހައިކޯޓްގެ އަމުރެއް ސަސްޕެންޑްކުރި އައްޑޫ ހިތަދޫ ކޯޓްގެ މެޖިސްޓްރޭޓް ރަފީއުއްދީން، އެކޯޓްގެ ނަމުގައި ޕްރެސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މިއަދު ރައްދު ދީފި އެވެ.
ހިތަދޫ މެޖިސްޓްރޭޓްކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ހިތަދޫ، މަންދޫބުގެ ރުޝާން އަހުމަދު ދީދީ ވަގުތީ ގޮތުން ބަންދުން ދޫކޮށްލަން އަމުރު ނެރުނީ ހައިކޯޓުގެ އަމުރެއް އޮތަސް އޭނާގެ ބަންދު މުރާޖައާކުރަން ހުރަހެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް ޝަރީއަތުގައި ބުނުމުން ކަމަށެވެ.
އެ އަމުރު ނެރުމުގެ ކުރީގައި އެއީ ކުރެވިދާނެ ކަމެއްތޯ ޝަރީއަތުން ސުވާލު އުފެއްދި ކަމަށާއި އެކަމާމެދު ދެ ހަސްމުން ދެކޭގޮތް ހުށަހަޅަން ފުރުސަތު ދިން ކަމަށާއި އޭގެ ތެރޭގައި ދައުލަތް ތަމްސީލުކުރަން ޕީޖީގެ ހަތަރު ވަކީލުން ތިއްބެވި ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.
"...އެގޮތުން 3 ދުވަސްފަހުން ބޭއްވުނު ޝަރީއަތުގެ މަޖްލީހުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރު އެގޮތުގައިއޮތް ނަމަވެސް އޭނާގެ ބަންދު މުރާޖައާ ކުރުމަށްފަހު ދޫކޮށްލަންޖެހޭ ސަބަބުތަކެއް ހުރިނަމަ ދޫކޮށްލުމަށް ހުރަހެއް އޮތް ކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ޖަވާބު ދެއްވާފައި ވުމާއެކު 90 ދުވަހުގެ މުއްދަތަށް، ބޭސްފަރުވާއަށް އޭނާ ވަގުތީ ގޮތުން ދޫކޮށްލާފައި ބެހެއްޓުމަށް މިކޯޓުން އަންގާފައިވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.
ކޯޓްތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ތަމްސީލުކުރަން އަންނަ ފަރާތްތަކުން ދައްކާ ވާހަކައަކީ ސީދާ ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އަމަލުކުރުމަށް އަންގާފައިވާ އެންގުންތަކެއް ކަމަށް ބަލަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެހެންވީމާ އެއީ ޕީޖީއަށް ނޭނގި ހިނގާފައިވާ ކަމެއްކަމަށް ދޭހަވާ ގޮތަށް ޝަމީމް ކުރެއްވި ޓްވީޓަކީ އޭނާގެ މަގާމާ އެކަށީގެންނުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ގާނޫނާ ހިލާފަށް ނެރުނު އެ އަމުރާ ގުޅިގެން ޝަމީމް އެ ދުވަހު ވަނީ އެ މެޖިސްޓްރޭޓްގެ ޝަކުވާ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހިތަދޫ ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ދޫކޮށްލަން ޖެހޭ ސަބަބުތަކެއް މެދުވެރިވެގެން ދޫކޮށްލެވޭ ހާލަތުގައި އަމުރު ބާތިލުކުރުމަކީ ޖިނާއީ އިޖުއާތުގެ ގަވައިދުން ދަށުކޯޓަށް އޮންނަ ބާރެއް ކަމަށެވެ.
އެ އަމުރާ ގުޅިގެން އާއްމުންގެ ފަރާތުން މެޖިސްޓްރޭޓަށް ފުރައްސާރަ ކުރިމަތިވިކަމަށާއި ބިރުދެއްކުމާއި ގެއްލުން ދިނުމުގެ އަމަލުތައް ހިންގި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.












