ރާއްޖޭގައި ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ރަނގަޅު ފެށުން ކުރިއަށްގެންގޮސްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކުގައި ހދ. މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ. ހއ. އިހަވަންދޫ އިން ވަނީ 1-0 އިން ހއ. ކެލާ ބަލިކޮށްފަ އެވެ. ކަނޑިތީމުން ށ. ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ހދ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. ށ. މަރޮށިން ވަނީ ފޯރިގަދަ މެޗަކަށް ފަހު 4-3 އިން އެ އަތޮޅު ފީވައް ބަލިކޮށްފަ އެވެ. ހއ. ބާރަށް އަތުން މުރައިދޫ ވަނީ ތަފާތު ބޮޑުކޮށް 5-0 އިން މޮޅުވެފަ އެވެ.
ކުޅުދުއްފުށި ރޭ ކުުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު އަލީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ކާމިޔާބުކުރީ އަހުމަދު މުހައްމަދު އެވެ. ނެއްލައިދޫގެ ދެ ގޯލު ޖެހީ މުހައްމަދު ވިސާމް އާއި މުހައްމަދު ސާވިން އެވެ.

ކުޅުދުއްފުއްޓާއި ނެއްލައިދޫ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
މަރޮށީގެ ގޯލުތައް ރޭގެ މެޗުގައި ޖެހީ ޝައިބާން އުސްމާން ދެ ގޯލާއި އިސްމާއިލް ނަސީރު އަދި މުހައްމަދު މާދިހު އެވެ. ފީވައް ޓީމުގެ ހުސެއިން ފާރިސް ދެ ގޯލު ޖެހިއިރު، އެ ޓީމުގެ ކެޕްޓަން އަބްދުﷲ ނަވީން ވަނީ ގޯލެއް ޖަހައިފަ އެވެ.
ވައިކަރަދޫ އަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ އިބްރާހިމް އަގީލް ދެ ގޯލާއި އަލީ ނާޒިމް ގޯލެކެވެ. ވައިކަރަދޫ ކޮޅަށް މަކުނުދޫގެ ދެ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން އިބްރާހިމް ސާވީ އެވެ.
މުރައިދޫ އިން ފުރަތަމަ މޮޅު ހޯދި މެޗުގައި އެ ޓީމުގެ އައިރޫން އަހުމަދު ރަޝީދު ހެޓްރިކެއް ހެދި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ކްލަބް މޯލްޑިވްސް ކަޕްގައި އާރްއޯއެލް އިން ފެނުނު އައިރޫން އެވެ. އަނެއް ދެ ގޯލު ޖެހީ ކެޕްޓަން އަސްރާރް އަބްދުﷲ އާއި އަބްދުﷲ ހިޝާން އެވެ. ބާރަށުގެ ހަމައެކަނި ގޯލު ޖެހީ ކެޕްޓަން ހަސަން ސޮލާހު އެވެ.
ކަނޑިތީމުން ގޮއިދޫގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދިއިރު، ކަނޑިތީމުގެ އިބްރާހިމް ނަދާދު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ކާމިޔާބުކުރީ ހުސެއިން ވާފިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނަދާދު އެވެ. ހަނި ފަރަގަކުން އިހަވަންދޫ އިން ކެލާ ބަލިކުރިއިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިހަވަންދޫ ޓީމުގެ އިބްރާހިމް ހާމިދު އެވެ.
މިރޭ ކުރިއަށްދާނީ ހއ. އަތޮޅުގެ ގްރޫޕް އޭގެ ދެ މެޗާއި ހދ. އަތޮޅުގެ ގްރޫޕް އޭގެ މެޗުތަކާއި ށ. އަތޮޅުގެ ގްރޫޕް އޭގެ މެޗުތަކެވެ. މި ތިން ގްރޫޕްގައި ވެސް މިރޭ ކުރިއަށްދާނީ ފަހު މެޗުތަކެވެ.
ހއ. އަތޮޅުގެ ގްރޫޕް އޭގައި ކުޅޭނީ މާރަންދޫ އާއި ވަށަފަރުގެ މެޗާއި ދިއްދޫ އާއި ހޯރަފުށީގެ ކުރިމަތިލުމެެވެ. ދިއްދޫ އާއި ހޯރަފުށި ކުޅެގެން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ.
ހދ. އަތޮޅު ގްރޫޕް އޭގައި މިރޭ އޮތީ ނާވައިދޫ އާއި ކުމުންދޫގެ މެޗާއި ފިނޭ އާއި ނޭކުރެންދޫގެ މެޗެވެ. މި ގްރޫޕް ކާމިޔާބު ކުރުމުގެ ފުރުސަތު ނޭކުރެންދޫ އާއި ނާވައިދޫ އަށް އެބައޮތެވެ.
ށ. އަތޮޅު ގްރޫޕް އޭގެ ކުރީގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވި ފޯކައިދޫ އެވެ. ފޯކައިދޫ މިރޭ ކުޅެނީ މިލަންދޫއާ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ބިލެއްފަހި ނުކުންނާނީ ކޮމަންޑޫއާ ދެކޮޅަށެވެ.












