ހަނގުރާމައެއް ފެށުމަށް ތައްޔާރުވެ ހާލަތު ގޯސްވަމުންދާ ޔޫކްރޭންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން, ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަސްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. ރަޝިޔާގެ ބޯޑަރާ އެންމެ ކައިރި ސިޓީގައި އެ ދަރިވަރުން ތިބިއިރު, އެ ދަރިވަރުންނާއި އާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މަޝްރަހު ހޫނުވުމާއެކު, ފޮރިން މިނިސްޓްރީން ގެންދިޔައީ ދަރިވަރުންގެ ހާލަތު ބަލަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވި ގޮތުގައި, ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން އެ ގައުމުން ބޭރުކޮށް ވަގުތުން ރާއްޖެ ގެނައުމަށް ރައީސް ސޯލިހް ވަނީ އަންގަވާފަ އެވެ. އެހެންވެ, އެ މަސައްކަތް ފޮރިން މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

އަދި އެ ގައުމަށް ދިވެހިން ދަތުރު ނުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.
ޔޫކްރެއިން ސަރުކާރާ ވަކިވެގަނެގެން އުޅޭ ގްރޫޕްތަކުން ކޮންޓްރޯލް ކުރާ އެ ގައުމުގެ އިރުމަތީ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން އިއްޔެ ވަނީ އަމުރު ކުރައްވާފަ އެވެ.
ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވާފަ އެވެ. ޕުޓިން ސޮއިކުރެއްވި ދެ ގަރާރެއްގެ ދަށުން އިރުމަތީ ޔޫކްރެއިންގެ އެ ދެ ސަރަހަދުގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީން "ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް" ކުރުމަށް އެންގެވި އެވެ.
ރަޝިއާގެ ނިންމުމާ އެކު ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އޭގެ އިތުރުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާވެސް ވަނީ ދީފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ އިއުލާނު ކުރީ އެމެރިކާ އިންނެވެ. ވައިޓް ހައުސް އިން ބުނީ ޑޮނެސްކް އާއި ލުހާންސްކްގައި އެއްވެސް އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއް ކުރުން އެމެރިކާގެ ރައްޔިތުންނަށް މަނާ ވާނެ ކަމަށެވެ.
ފްރާންސްގެ ރައީސް އޮފީހުން ބުނީ ދަތިކުރުމުގެ ފިޔަވަޅު އަމާޒު ކުރާނެ ރަޝިއާގެ ކުންފުނިތަކާއި ފަރުދުންގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރަމުންދާ ކަމަށެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގައުމީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެމަނިކުފާނު ވަރަށް އަވަހަށް ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.













