މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅުނު ދެ ވަނަ މެޗުން ވެސް ށ، ފޯކައިދޫ އާއި ހއ. ހޯރަފުށި މޮޅުވެއްޖެ އެވެ.
ފޯކައިދޫ ވަނީ ކުޅުނު ފުރަތަމަ މެޗުން ށ. ކޮމަންޑޫ ބަލިކޮށްފަ އެވެ. ރޭ ފޯކައިދޫން މޮޅުވީ ށ. ބިލެއްފަހި އަތުން 6-2 އިންނެވެ. ހއ. ހޯރަފުށިން ފުރަތަމަ މެޗުގައި ހއ. ވަށަފަރުގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ދެ ވަނަ މެޗުގައި ރޭ ހއ. މާރަންދޫ އަތުން މޮޅުވީ 1-0 އިންނެވެ.
ފޯކައިދޫގެ މުހައްމަދު ރިޝްވާން (ފުކޭ) އާއި އިބްރާހިމް މުޝީރް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ދެ ގޯލު ކާމިޔާބުކުރީ ހުސެއިން ނަބީހާއި ނަދީމް ނަވާޒް އެވެ. ބިލެއްފަހި ޓީމުގެ ގޯލުތައް ޖެހީ އަބްދުﷲ ހަމީދާއި މުހައްމަދު އަމީން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފޯކައިދޫގެ މުޝީރް އެވެ.
މާރަންދޫ އަތުން ފޯކައިދޫން ހަނި މޮޅެއް ހޯދި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން އުޅެނިކޮށް އަލީ ޒިޔާދު މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޒިޔާދު އެވެ.
ހދ. ނާވައިދޫ އިން ފުރަތަމަ މޮޅު ހޯދީ ހދ. ފިނޭ އަތުން 3-1 އިން މޮޅުވެގެންނެވެ. ނާވައިދޫގެ އަހުމަދު ހަމީދު އެއް ގޯލު ޖެހިއިރު، އެ ޓީމުގެ ނަސީމް ދެ ގޯލު ޖެހި އެެވެ. ފިނޭ ޓީމުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އާނިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނާވައިދޫގެ އަބްދުﷲ ވިސާމް އެވެ.
ށ. މިލަންދޫ އާއި ށ. ކޮމަންޑޫ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޮމަންޑޫގެ ވިލްދާން އަހުމަދު އެވެ.
ހދ. ކުމުންދޫގެ މައްޗަށް 4-1 އިން ކުރިހޯދައި ހދ. ނޭކުރެންދޫ ވެސް ވަނީ ފުރަތަަމަ މޮޅު ހޯދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނޭކުރެންދޫގެ ކެޕްޓަން މުހައްމަދު ވިލްފް މި މެޗުގައި ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ. ކުމުންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އާސިމް އަލީ އެވެ.
ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން މޮޅުވި ހއ. ދިއްދޫ ވަނީ ރޭ 2-1 އިން ހއ. ވަށަފަރު އަތުން ބަލިވެފަ އެވެ. ވަށަފަރުގެ ގޯލުތައް ޖެހީ އިބްރާހިމް ސަނޫން އާއި އަބްދުﷲ ސިނާން އެވެ. ދިއްދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ތައުމީން ނޫހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވަށަފަރުގެ ސަނޫން އެވެ.
މުބާރާތުގައި މިރޭ ވެސް ހއގެ ގްރޫޕް ބީގެ ދެ މެޗާއި ހދ. ގެ ގްރޫޕް ބީގެ ދެ މެޗުގެ އިތުރުން ށ. ގެ ގްރޫޕް ބީގެ ދެ މެޗު ކުޅޭނެ އެވެ. ހއ.ގެ ގްރޫޕް ބީގައި މިރޭ އޮންނާނީ އިހަވަންދޫ އާއި ކެލާ ކުޅޭ މެޗާއި ބާރަށާއި މުރައިދޫގެ ކުރިމަތިލުމެވެ. ހދ.ގެ ގްރޫޕް ބީގައި އޮތީ ވައިކަރަދޫ އާއި މަކުނުދޫގެ މެޗާއި ކުޅުދުއްފުއްޓާއި ނެއްލައިދޫގެ މެޗެވެ. އަދި ށ. އަތޮޅު ގްރޫޕް ބީގައި ކުޅޭނީ ކަނޑިތީމާއި ގޮއިދޫގެ މެޗާއި މަރޮއްޓާއި ފީވަށުގެ މެޗެވެ.












