ލިވަޕޫލް (ފެބްރުއަރީ 19) - ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އަށް ލިބިފައިވާ އަނިޔާއާ ބެހޭގޮތުން ހުރިހާ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ރަށުންބޭރުގައި ލިވަޕޫލުން 2-0 އިން އިންޓަ މިިލާން ބަލިކުރި މެޗުގެ ފުރަތަަމަ ހާފުގައި ޖޮޓާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރި އެވެ. އެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ޖޮޓާ އަށް އިންޓަ މެޗު އެއްކޮށް ފުރިހަމަކުރެވުނިސް ކަމަށާއި އެކަމަކު ރިސްކެއް ނަގަން ބޭނުންނުވާތީ އޭނާ ބަދަލުކުރީ ކަމަށެވެ.
އެކަމަކު، އެ މެޗަށް ފަހު ޖޮޓާ ޕްރޮޓެކްޓިވް ބޫޓެއް ފައިގައި އަޅާފައިހުރިއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖޮޓާގެ އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ މެޗުގައި ޖޮޓާ ނުކުޅޭނެ އެވެ. ކްލޮޕް ބުނީ އަނިޔާގެ ސަބަބުން ޖޮޓާ އަށް ގެއްލޭނީ ކިތަން މެޗުތޯ ބުނަން އަދި އުނދަގޫ ކަމަށާއި އެއީ އަނިޔާއާ ބެހޭ މައުލޫމާތު ވެސް އެއްކޮށް ލިބިފައިނުވާތީ ކަމަށެވެ.
ލިވަޕޫލުން އުންމީދުކުރަނީ މި މަހު 27 ވަނަ ދުވަހު ކުޅޭ ލީގު ކަޕް ފައިނަލަށް ޖޮޓާ ފިޓްވުމެވެ. ލީގު ކަޕް ފައިނަލުގައި ލިވަޕޫލް ކުޅޭނީ ޗެލްސީއާ އެވެ.
މިިދިޔަ މަހާއި މި މަހުގެ ފުރަތަމަ ދުވަސްކޮޅުގައި ލިވަޕޫލްގެ އެޓޭކްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދިއުމުން، ލިވަޕޫލްގެ އެޓޭކް ލީޑުކުރީ ޖޮޓާ އެވެ. އޭނާ ވަނީ އެ މުއްދަތުގައި ޓީމަށް މުހިންމު ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ.
ވުލްވްސް ދޫކޮށް މިދިޔަ ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ޖޮޓާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް 17 ގޯލު ޖަހައިފަ އެވެ.












