ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީކުރުމުގައި އެއްރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއް ކަމަށާއި އެގޮތުން މަޑިވަރުގައި ހުޅުވުނު އެއާޕޯޓާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއާޕޯޓެއް ގާއިމުކުރެވިއްޖެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް މިއަދު ހުޅުވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ މީގެ 16 ވަރަކަށް އަހަރުކުރިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މިގޮތުން މި އެއާޕޯޓް ހުޅުވިގެން ދިއުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނާއި މިސަރަހައްދުގައި ރިޒޯޓްތައް ހިންގާ ފަރާތްތަކަށްވެސް ލިބިގެންދިޔަ އުފަލެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އަދި މި އެއާޕޯޓާއެކު ޅ. އަތޮޅުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި ގެސްޓްހައުން ހިންގާ ފަރާތްތަކާއި ހޯމް ސްޓޭގެ ވިޔަފާރިއާ އާއި އަދި އެހެން ވިޔާފާރިތަކަށް ވެސް ކުރިއެރުން ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ މި އެއާޕޯޓް ހުޅުވިގެން ދިޔައީ އެންމެ ފުރިހަމަ ވަސީލަތްތަކާއެކުގައި ކަމަށާއި ފާހަގަކުރައްވައި އެއާޕޯޓް ހިންގުމަށް ހަވާލުވެފައިވާ އައިލެންޑް އެވިއޭޝަނުން ރައްޔިތުންނާއި ރިޒޯޓްތަކުން ބޭނުންވާ ފެންވަރުގެ ހިދުމަތްތަކެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މި އަހަރުގެ ތެރޭގައި އިތުރު ދެ އެއާޕޯޓެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން، މަޑިވަރު އެއާޕޯޓް ތަރައްގީކުރި ފަރާތުން މި އެއާޕޯޓް އިތުރަށް ބޮޑުކޮށް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް ވަމުން އަންނަކަން ރައީސް ހާމަކުރެއްވި އެވެ.
ޅ. މަޑިވަރު އެއާޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގެ ފަރާތުން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.
މި އެއާޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ. މަޑިވަރު އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ހިދުމަތް ދެވެންހުރެ އެވެ. އަދި ޓާމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ވެސް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރުގެ އިތުރުން ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.













