ކްރިމިނަލް ކޯޓުގައި މިވަގުތު ހުރި ވަސީލަތްތަކާއެކު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، ބެކްލޮގް ސާފުކުރަން 16 އަހަރު ހޭދަވާނެ ކަމަށް ވިދާޅުވެ އެކަން ހައްލުކުރައްވަން ހުށަހެޅުންތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވީ އިއްޔެ އެވެ.
ހިސާން މި ހުށަހެޅުންތައް ހުށަހެޅުއްވީ ކޯޓްތަކުގައި މައްސަލަތައް ތާވަލުކުރުން ލަސްވާ މައްސަަލަ ބަލަން ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި ޖޭއެސްސީ އާއި ބައެއް ކޯޓްތަކުގެ ފަނޑިޔާރުންނާ ބައްދަލުކުރަން އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުން މަސައްކަތްކުރަމުން އަންނަނީ 2000 ވުރެ ގިނަ މައްސަލަތައް ހިމެނޭ ބެކްލޮގަކާ އެކުގައި ކަމަށެވެ.
"ދެހާސް ނަވާރަ ވަނަ އަހަރު އަޅުގަނޑުމެން ފެށީ، ކްރިމިނަލް ކޯޓްގައި 2022 މައްސަލަޔާ އެކު. އޭގެ މާނައަކީ 2022 މައްސަލައިގެ ބެކްލޮގަކާ އެއްކޮށް އަޅުގަނޑުމެން 2019 ސްޓާޓްކުރީ،" ހިސާން އިއްޔެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެވަރަށް މައްސަލަތައް ނުނިމި އޮތް އިރު އަހަރަކު އިތުރު 900 މައްސަލަ ހުށަހެޅެ އެވެ. އެހެންވީމާ އެކޯޓުން މަސައްކަތް ކުރަން ޖެހެނީ އަހަރަކު އިތުރަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ މައްސަލަތަކާ ވެސް އެކުގައި ކަމަށް އިއްޔެ ހިސާން ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާއި އެ ކޯޓުގައި ގާޒީން މަދުވުމަކީ ވެސް ބެކްލޮގް އިތުރާން މެދުވެރިވާ ސަބަބުތަކެއް ކަމަށް ހިސާން އިއްޔެ ވިދާޅުވި އެވެ.
ބެކްލޮގް ސާފުކުރުމަށް އޭނާ ހުށަހެޅުއްވީ އެއީ އެކޯޓްގެ ރަސްމީ ގަޑީގެ ފަހުން ހަވީރު 5:00 އާ ހަމައަށް އެއް އަހަރު ދުވަސް ވަންދެން މަސައްކަތް ކުރުމަށެވެ.
އެގޮތަށް ކުރިޔަށްދެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެގޮތަށް މަަސަައްކަތް ކޮށްގެން ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިންސެންޓިވް އެއް ދީގެން އެމަސައްކަތް ކުރެވޭނެ ކަމަށާއި އެކަމަށް އަހަރު ދުވަހުގެ ތެރޭގައި ހޭދަވާނީ ތިން މިލިޔަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ބައެއް ތަފާސްހިސާބު
މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ނިމި 2021ވަނަ އަހަރު ފެށުނު އިރު 1732 މައްސަލަ ނުނިމި އޮތެވެ.
މިދިޔަ އަހަރު 773 މައްސަލައެއް އަލަށް ކޯޓަށް ހުށަހަޅާފައި ވާއިރު ނިމިފައި ވަނީ 701 މައްސަލަ އެވެ. އަދި، މިދިޔަ އަހަރު ނިމުނު އިރު 1804 މައްސަލަ ނުނިމި ކޯޓުގައި އޮތެވެ.
ޖުމްލަ 9973 އަޑުއެހުން ބޭއްވުމަށް ނިންމި ނަމަވެސް 4،852 މައްސަލަ އެކި އެކި ސަބަބުތަކާ ހެދި ކެންސަލްވި އެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާއްމުކުރި ތަފާސްހިސާބުތައް ދެއްކި ގޮތުން ޝެޑިއުލް ކުރި އަޑުއެހުންތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކާ ހެދި އެވެ.
އަޑުއެހުންތައް ކެންސަލްކުރި މައްސަލަތަކުގެ ތެރެއިން 11.5 އިންސައްތަ އަކީ ދައުވާ ލިބޭ ފަރާތާއި ގުޅުން ހުރެގެން ކެންސަލް ވެފައިވާ މައްސަލަތަކަށް ވާއިރު، ދިފާއި ވަކީލާ ގުޅުން ހުރި 8.2 މައްސަލައެއް ކެންސަލް ކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓަށް 2008 އިން ފެށިގެން 2017 އަށް 14،968 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރެއިން ނިމުނީ 13،692 މައްސަލަ އެވެ.
ބައެެއް މުހިންމު ހަބަރުތައް
- ކްރިމިނަލް ކޯޓުގެ އިމާރާތް ހުރީ ބޭނުން ކުރަން އެކަށީގެންވާ ފެންވަރުގައި ނޫން ކަމަށާއި، އެ އިމާރާތަކުން ވީ އެންމެ އަވަހަކަށް ނިކުތުމަށް މީގެ ދެ އަހަރު ކުރިން ޕްލޭނިން މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ ވިދާޅުވީ އިއްޔެ އެވެ.
- ރާއްޖޭގެ ހުރިހާ ރަށްތަކަކީ ތާރު އަޅައިގެން މަގުތައް ހަދަން ޖެހޭ ރަށްތައް ނޫންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.
- ވ. އާރަށް މައްސަލައިގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ގާޒީއަށް ނިސްބަތްކޮށް ބޭނުންކުރި ލަފުޒެއްގެ މާނަ އޮޅި, މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ، އަހްމަދު ޝަކީލް ނުރުހުންވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ ހުރިހާ ރަށްތަކަކީ ތާރު އަޅައިގެން މަގުތައް ހަދަން ޖެހޭ ރަށްތައް ނޫންކަމަށް ފާހަގަކުރައްވަމުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ:
"ކޮންމެ ރަށަކީ އަޅުގަނޑުވެސް ގަބޫލެއް ނުުކުރަން ތާރުއަޅަން ޖެހޭނެ ރަށެއްގެ ގޮތުގައެއް. ބައެއް އާބާދީ ތޮއްޖެހިފައި ހުންނަ ޓްރެފިކް ހައި ތަންތަނުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ. އެހެން ނަމަވެސް ރަށްރަށަށް ތަރައްގީ އައުމާ އެކީގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވާނެ،"
ދުވަހުގެ ފޮޓޯ

ދިވެހި ޕްރިމިއާ ލީގު 2022 ގެ މައި ސްޕޮންސަރަށް އުރީދޫ ހަމަޖެއްސުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ޓީމްގެ ޖާޒީއެއް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު ހަސަން އަލް ހަމަދީ އަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަރުވަނީ. ދިވެހި ލީގުގެ ނަން ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑްކޮށް 2015 އިން 2017 އަށް އެ ލީގު ސްޕޮންސާ ކުރީ އުރީދޫން. މިއަހަރުގެ ލީގު އިއްޔެ ހަވީރު ވަނީ ފަށާފައި -- ފޮޓޯ: އެފްއޭއެމް
ދިރާސާތަކުން ކިޔާލުމަށް
"ދަ ހީޓް އިޒް އޮން! ޓުވާޑްސް އަ ކްލައިމެޓް ރިޒީލިއަންޓް އެޑިއުކޭޝަން ސިސްޓަމް އިން ދަ މޯލްޑިވްސް"
މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރަމުންދާ އަސަރުތަކާއި އެކަންކަމާއި ގުޅިގެން ތައުލީމީ ނިޒާމުން އަމަލުކުރާ ގޮތް ދެނެގަތުމަށް ފަހު ޖެނުއަރީ 2022، ގައި ނެރެފައިވާ ދިރާސާ އެކެވެ. އެގޮތުން މައިގަނޑު ހަތް ދާއިރާއަކުން ތައުލީމީ ނިޒާމަށް އަސަރުކުރާ ގޮތް ވަނީ ދެނެގަނެފަ އެވެ.












