މިލާން (ފެބްރުއަރީ 16) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގައި މިރޭ ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، އިންޓަ މިލާންގެ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އިންޓާގެ ކޯޗު ސިމޯނޭ އިންޒާގީ ބުނެފި އެވެ.
މިއީ އިންޓަ އިން ފާއިތުވި 10 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އިންޓަ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާތައް ނުކުތީ އެ ޓީމުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އިޓާލިއަން ލީގުގައި މި ހަފުތާ ބަންދުގައި ނަޕޯލީއާ އެއްވަރުވެ، އިންޓަ ވަނީ ތާވަލްގެ އެއް ވަނައިން ވެއްޓިފަ އެވެ. އޭގެ ކުރިން ކުޅުނު މެޗުގައި ވާދަވެރި އޭސީ މިލާން އަތުން އިންޓަ ވަނީ ބަލިވެފަ އެވެ.
އެކަމަކު، އިންޒާގީ ބުނީ އެ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާ އެކު، ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް އިންޓަ ނެރޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"ކަރުދާހުގައި ލިވަޕޫލަކީ ފޭވަރިޓުން. އަހަންނަށް އެކަން އެނގޭ. ކުޅުންތެރިން ކައިރީގައި ވެސް މި ބުނީ އެއްވެސް ފިކުރެއް ނެތި، މި މެޗަށް ނުކުންނަން،" އިންޒާގީ ބުންޏެވެ. "މިކަހަލަ މެޗެއްގައި ހިތްވަރަކީ ވަރަށް މުހިންމު އެއްޗެއް. އެއީ ތަފާތަކަށް ވެސް ވެދާނެ."
އިންޒާގީ ބުނީ އިންޓަގެ ފޯވަޑުންގެ ތެރޭގައި ހިމެނޭ އަލެކްސިސް ސަންޗޭޒް އާއި ލަޓާރޯ މާޓިނޭޒް އަދި އެޑިން ޖެކޯގެ ތެރެއިން، މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ކުޅޭނެ ކުޅުންތެރިން އަދި ނުނިންމާ ކަމަށެވެ. މީގެ ތެރެއިން ޖެކޯ އަކީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަށް ކުޅުނު ކުޅުންތެރިއެކެވެ. އަދި ސަންޗޭޒަކީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލަށް ކުރިން ކުޅުނު ފޯވާޑެކެވެ.
އިންޓާގެ ނިކޮލޯ ބަރެއްލާ މި މެޗަށް ހުރީ ސަސްޕެންޑްވެފަ އެވެ. ބަރެއްލާގެ އިތުރުން، މި މެޗުގައި ނުކުޅޭ އިންޓަގެ ކުޅުންތެރިއަކު ނެތެވެ.
މިއީ 2020 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި އިންޓަ އިން 2012 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އިންޒާގީ ބުނީ 2019 ވަަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލްގައި މިހާރު ވެސް އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަކީ އިންޓަ އަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
އިންޓާ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ދަންވަރު 1:00 ގަ އެވެ. -- އޭއެފްޕީ












