ޕެރިސް (ފެބްރުއަރީ 16) - ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ރޭ ކީލިއަން އެމްބާޕޭ ފަހު ވަގުތު ގޯލު ޖަހައި ޕީއެސްޖީން 1-0 އިން ރެއާލް މެޑްރިޑް އަތުން މޮޅުވިއިރު، ރަށުންބޭރުގައި ސްޕޯޓިން ލިސްބަން އަތުން 5-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.
ޕެރިހުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ނޮވެމްބަރު މަހު ލިބުނު އަނިޔާއިން ރަނގަޅުވެ، ފުރަތަމަ ފަަހަރަށް ރޭ މެޗެއްގައި ކުޅުނު ޕީއެސްޖީގެ ނޭމާ ވަނީ ލިބޭ ބޯޅަތަކުގައި ރެއާލް ފަހަަތަށް ބާރުބޮޑުކޮށްފަ އެވެ.
އަނެއްކޮޅުން އަނިޔާއިން ރިކަވާވެގެން އައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ހުއްޓުވުމުގައި ޕީއެސްޖީން ކުރިހޯދި އެވެ.
މި މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދޭން 62 ވަނަ މިނިޓްގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ޖެހި ޕެނަލްޓީ ރެއާލް ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. މިއީ ބާސެލޯނާ ނޫން ކްލަބެއްގައި ހުރެ މެސީ ރެއާލާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވިފައިވަނިކޮށް އެމްބާޕޭ، ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގަ އެވެ. ނޭމާ ދިން ބޯޅަ ހަމަޖެހިލާފައި އެމްބާޕޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އަންނަ ސީޒަނުގައި ރެއާލާ ގުޅޭނެ ކަމަށް ވާހަކަ ދެކެވެމުންދާއިރު، ރޭ އޭނާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.
ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު ނުވަ ވަަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ސިޓީ މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރު ފަށާފައިމިވަނީ ސްޓައިލުގަ އެވެ. ރަށުންބޭރުގައި ކުޅެން ޖެހުނު ނަމަވެސް ތަފާތު ކުޅުމެއް ދައްކައި ނަތީޖާ ނެރުނީ ދެ ވަނަ ލެގަށްދާއިރު، އިތުބާރާ އެކު ނުކުމެވޭ ވަރަށެވެ.
ސިޓީން ފުރަތަަމަ ހާފު ނިންމާލީ ވެސް ހަތަރު ގޯލުގެ ލީޑަކާ އެކު އެވެ. ރިޔާދު މާރޭޒް ފުރަތަމަ ގޯލު ޖެހިއިރު، ހާފު ނިމުމުގެ ކުރިން ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ދެ ގޯލާއި ފިލް ފޯޑެން ވަނީ ލަނޑެއް ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ހަމައެކަނި ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަހީމް ސްޓާލިންނެވެ.












