މި އަހަރުގެ އޮސްކާ އެވޯޑް ޝޯ ހުށަހަޅައިދޭނީ ތިން އަންހެން ކޮމެޑީ ތަރިން، ރެޖީނާ ހޯލް، އޭމީ ޝޫމާ އަދި ވޮންޑާ ސައިކްސް ކަމަށް އިއުލާންކޮށްފި އެވެ.
މާޗް 27 ވަނަ ދުވަހު ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި އޮންނަ 94 ވަނަ އެކެޑެމީ އެވޯޑް ހުށަހަޅައިދޭން ތިން އަންހެން ތަރިން ހޮވިއިރު، ފާއިތުވި ތިން އަހަރު ޝޯ ބޭއްވީ ހޯސްޓެއް ނެތި އެވެ.
"މަޖާ ވަގުތުކޮޅަކަށް އެންމެން ވެސް ތައްޔާރުވޭ. މިކަން ނުކުރާތާ ދުވަސްކޮޅެއް ވެއްޖެ،" އެވޯޑަށް ހާއްސަ ވެބްސައިޓުގައި އާއްމުކުރި ބަޔާނެއްގައި ތިން ތަރިން ބުންޏެވެ.
އެކަން އިއުލާނު ކުރުމަށް ފަހު ގުޑް މޯނިން އެމެރިކާ ޝޯގެ ސެގްމެންޓެއްގައި ބައިވެރިވި އޭމީ ބުނީ ޝޫމާ ބުނީ އޭނާގެ އެކުވެރި ވޮންޑާ ސައިކްސް އަދި ރެޖީނާއާ އެކު އޮސްކާސް އެވޯޑް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
މި އެވޯޑް ޝޯ ހުށަހެޅުމުގެ ފުރުސަތު އެއް ފަހަރާ ތިން ތަރިންނަށް ނުލިބޭތާ 35 އަހަރު ވެއްޖެ އެވެ. އެންމެ ފަހުން އެގޮތަށް ޝޯ ހުށަހެޅީ 1987 ވަނަ އަހަރު ޗެވީ ޗޭސް، ގޯލްޑީ ހޯވްން އަދި ޕައުލް ހޯގަން އެވެ. އަދި މިއީ ތިން އަންހެން ތަރިން އެކުގައި ޝޯ ހުށަހަޅަން ލިބޭ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އެ އެވޯޑް ޝޯ ހުށަހަޅައިދިނީ އޭބީސީ އިން ދައްކާ ލޭޓް ނައިޓް ޝޯގެ ހޯސްޓް ޖިމީ ކިމެލް 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން 2019 ގެ ޝޯއަށް ހަމަޖެއްސީ ކޮމީޑިއަން ކެވިން ހާޓް އެވެ.
ނަމަވެސް ކެވިން ހާޓް ކުރި ޓްވީޓްތަކަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެ، އޭނާ ނިންމީ ޝޯއިން ވަކިވުމަށެވެ. އެއާ އެކު އެ އަހަރު ޝޯ ކުރިއަށް ދިޔައީ ހޯސްޓެއް ނެތި އެވެ.
އޭގެ ފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ ޝޯ ބޭއްވި ހުށަހެޅުންތެރިއަކު ނުލަ އެވެ.
އޮސްކާ އެވޯޑަށް އޮންނަ ތަރުހީބު ފަހަކަށް އައިސް ވަނީ ދަށްވާން ފަށާފަ އެވެ. މިދިޔަ އަހަރު ޝޯގެ ރޭޓިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ދިޔަ އެވެ.










