އިންޑިއާ އައުޓް ކެމްޕޭން ހިންގަންޖެހޭ ސަބަބެއް ނެތް، ލިބިދާނޭ ގެއްލުންތައް ބޮޑު: ފޮރިން

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަސް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަސް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ފޮރިން މިނިސްޓްރީން މިއަދު ދީފި އެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ކުރަމުންދާ ދިރާސާއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވީ 1965 ވަނަ އަހަރު އދ.ގެ މެމްބަރަކަށްވި ކުޑަކުޑަ ރާއްޖެ އެ އިއްތިހާދުގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއާ ހަމައަށް ދަތުރުކުރެވުނީ އެހެން ގައުމުތަކާ އޮތް ގުޅުމުގެ މަތީގައި ކަމަށެވެ.

އިގުތިސޯދީ އަދި އަސްކަރީ ގޮތުން މި ސަރަހައްދުގައި އޮތް އެންމެ ބާރުގަދަ އިންޑިއާއާއެކު ޒަމާނުއްސުރެ ގާއިމުކޮށްފައި އޮތް ގުޅުމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ޚަލީލް ވިދާޅުވި އެވެ.

"އެފަދަ ގުޅުންތަކަށް ބުރޫއަރާފަދަ ކަމެއް ފަރުދެއް ވިޔަސް، ސިޔާސީ ޕާޓީއެއް ވިޔަސް އަދި ސަރުކާރެއްވިޔަސް ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އެކަމުގެ ނިކަމެތިކަން ލިބެނީ ރައްޔިތުންނަށް،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވެސް ވިދާޅުވީ ރާއްޖެއަށް އަބަދުވެސް އެކުވެރި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާއިރު، ވަކި ގައުމަކަށް އަމާޒުކޮށްގެން ހިންގޭ ދެކޮޅުވެރިކަމުގެ ހަރަކާތެއްގެ ދަތިކަން ގައުމަށާއި ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި، އިންޑިއާއެކު ގެންގުޅޭ ހާރިޖީ ސިޔާސަތަށް މި ސަރުކާރުގައި އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. މިގޮތުން، އެ ސިޔާސަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ގެންގުޅުނު ސިޔާސަތުކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް އަސަރު ކުރުމުގެ ފުރުސަތު ބޮޑު

އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން އެފަދަ ދިވެހިންނަށް އެއްވެސް ފުރައްސާރައެއް ނޫނީ ގޯނާއެއް ކުރިމަތިވާކަމުގެ ޝަކުވާއެއް ފޮރިން މިނިސްޓްރީއަށް ލިބެމުންދޭތޯ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރުގެ ނައިބު އަބްދުﷲ ހުމައިދު ވިދާޅުވީ އެފަދަ ޝަކުވާއެއް ރަސްމީ ސިފައެއްގައި އަދި ލިބިފައިނެތް ނަމަވެސް، އެ ކެމްޕޭނު ފުޅާވެ، މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެ ގައުމުގެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"މިހާރު އޮތް މަސްރަހު ހޫނުވެ، ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު. އެހެންވީމާ އެކަން [އިންޑިއާ އައުޓް ކެމްޕޭން] ހުއްޓުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ،" ހުމައިދު ވިދާޅުވި އެވެ.

އެކަމަށް ބާރު ދެއްވަމުން ޣަފޫރު ވެސް ވިދާޅުވި ގޮތުގައި އިންޑިއާއަށް ވަކިން އަމާޒުކޮށްގެން ހަރަކާތެއް ހިންގާކަން އެ ގައުމުގެ އާންމު ރައްޔިތުންނާ ހަމައަށް ތިލަވެ، އެ ކަމާ ދެކޮޅަށް ތެދުވެއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު އިންޑިއާގައި ތިބި ދިވެހިންނަށް ކުރާނެ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް މި ކެމްޕޭން އިންޑިއާގެ ސިޔާސީ ބޭފުޅުންގެ ސަމާލުކަމަށް އައިސްފިނަމަ، އެކަމުން ރާއްޖެއަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ހާއްސަކޮށް މިކަން އިންޑިއާގެ ސިޔާސީ ބޭފުޅުން ނަންގަވައިފިއްޔާ. ޕާލިމަންޓުގައި އެ ބޭފުޅުން އިންޑިއާ ސަރުކާރާ އެ ސުވާލުކުރާނެ. އެހާ އެހީދޭ ގައުމެއްގައި ތިބި ރައްޔިތުންތަކަކަށް ދަތިކަމާ ކުރިމަތިލާންޖެހޭނަމަ. ދެގައުމުގެ ދެމެދުގައި އޮތް ގާތްކަމާމެދު ސުވާލު އުފައްދާނެ. އެކަމުން ހީނަރުކަމެއް އަންނާނެ،" ޣަފޫރު ވިދާޅުވި އެވެ.

އެ ކެމްޕޭނާ ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް އެކި މިންވަރަށް ފުރައްސާރަކުރުން އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ އެފަދަ ހާދިސާއެއް ކޮންޓްރޯލުން ނެއްޓި، މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަން އިންޑިއާގައި ތިބި ދިވެހިންނާ ހަމައަށް ފޯރުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ޚަލީލް ވެސް ދެއްވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ ކަމެއް، ކަންބޮޑުވާންޖެހޭ ކަމެއް ނެތް

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުމެއްވާ ގޮތަކަށް އިންޑިއާއާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެތޯ ސާފުކުރަން މެމްބަރަކު ކުރި ސުވާލަށް ޚަލީލް ވަރަށް ސާފުކޮށް ޖަވާބު ދެއްވި އެވެ.

"ވެލިފުކެއްގެ ޒައްރުވެސް އެއްވެސް ގައުމަކަށް ދޭކަށް އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނޯންނާނެ. އަޅުގަނޑަށް ގަބޫލުކުރަން ދަތި ކުރިއަށް އޮތް ތަނުގައި ވެސް އެއްވެސް ސަރުކާރުން އެފަދަ ކަމެއް ކުރާނެ ކަމަކަށް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަންޖެހޭފަދަ އެއްވެސް ކަމެއް އިންޑިއާއާއެކު އޮތް ގުޅުމުގައި ނެތެވެ.

ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށް ބުނެ ކުރަނީ ސިޔާސީ ތުހުމަތެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox