ރިޕޯޓުއިންތިގެ ހާއްސަ އިންޓަވިއު: ނުކުމެ ހުންނެވީ އެމްޑީޕީއަށް އިތުބާރު ހޯދަން

އިންތިގެ ހާއްސަ އިންޓަވިއު: ނުކުމެ ހުންނެވީ އެމްޑީޕީއަށް އިތުބާރު ހޯދަން

އިންތި އިންތިހާބުތައް ބޮޑުކޮށް ކާމިޔާބުކުރާ ޕާޓީއަކަށް އެމްޑީޕީ ހެދުމަކީ ވެސް އޭނާގެ އަމާޒެކެވެ. އެހެންވެ, މުޅި ރާއްޖޭގައި ވެސް ރަނގަޅަށް އިންތިޒާމްވެގެން ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއަކަށް އެމްޑީޕީ ހެއްދެވުމަކީ ވެސް އޭނާ ކުރައްވާނެ މަސައްކަތެކެވެ.

މެމްބަރު އިމްތިޔާޒް ފަހުމީ "އަދަދު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: އެމްޑީޕީގެ ޗެެއާޕާސަން ކަމަށް އޭނާ ވަނީ ކުރިމަތިލައްވާފައި. ފޮޓޯ: މުހައްމަދު އިސާމް / އަދަދު
މެމްބަރު އިމްތިޔާޒް ފަހުމީ "އަދަދު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: އެމްޑީޕީގެ ޗެެއާޕާސަން ކަމަށް އޭނާ ވަނީ ކުރިމަތިލައްވާފައި. ފޮޓޯ: މުހައްމަދު އިސާމް / އަދަދު

އެމްޑީޕީއޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހިޔާލަށް އަންނަ ބޭފުޅުންގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމެނެ އެވެ. އެންމެ ކުރިންވެސް އެ ފިކުރުގައި މިއަދާ ހަމައަށް ވެސް އެ ކޮށްލި ސޮއި މަތީ ދެ ގޮތެއް ނުވެ ހުންނެވި އިމްތިޔާޒު, އެމްޑީޕީން ވެސް ސިފަކުރަނީ އިހްލާސްތެރިއެއްގެ ގޮތުގަ އެވެ.

ޕާޓީގެ ތަރުޖަމާނުގެ ހައިސިއްޔަތުން އެ ޕާޓީގެ "މޫނު"ގެ ގޮތުގައި އޭނާ ގިނަ މަސައްކަތްތެއް ކުރައްވާފައިވާއިރު, ނުރަސްމީކޮށް އެންމެން ވެސް އޭނާއާ މުހާތަބު ކުރަނީ "ޗެއާމަން އިންތި"ގެ ނަމުންނެވެ. މިހާރު އޭނާ ނުކުމެ އެހުންނެވީ, ޗެއާޕާސަންގެ ނަން, އޭނާގެ ފަހަތަށް ރަސްމީކުރާށެވެ.

ފޯރިގަދަވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ރޭހަށް އިމްތިޔާޒު ނުކުންނެވީ އަޒުމަކާއި މޮޓޯއަކާ އެކު އެވެ; އިހުލާސްތެެރިކަމާއި ތެދުވެރިކަން ކުރިއަށް ނެރެ އޭނާގެ ބޮޑު މަސައްކަތަކަށް މެމްބަރުންނާއި ރައްޔިތުންގެ އިތުބާރު އެ ޕާޓީއަށް ހޯދުމެވެ.

Advertisement

"އަޅުގަނޑު ޗެއާޕާސަން ކަމަށް ގޮސްފައި އަޅުގަނޑު ހަމަ އެންމެ ބޮޑަށް ހުށަހަޅާނީ ހަމަ އިހުލާސްތެރިކަން، ތެދުވެރިކަން، އެއީ މި ޕާޓީން ނަގަހައްޓަން ޖެހޭ އެންމެ ހަރުދަނާ އެއް އުސޫލުކަމުގައި އަޅުގަނޑު ހަދާނަން،" މި ނޫހަށް އިމްތިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާކަން އިއުލާން ކުރެއްވުމަށްފަހު އިމްތިޔާޒު މި ނޫހަށް ދެއްވި ހާއްސަ އިންޓަވިއުގައި ޕާޓީއާމެދު އޮތް އޭނާގެ ތަސައްވަރާއި ވިސްނުންތައް ހާމަކުރެއްވި އެވެ.

އެގޮތުން އޭނާ ވިދާޅުވި ގޮތުގައި އޭނާ އިންތިހާބު ވެއްޖެނަމަ އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ އެވެ. އެކަމަކު, އެ ބަދަލުތައް ގެންނަވާނީ ހަމަ އެކަނި އޭނާގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އޭނާ ގެންނަވާނެ އެންމެ ބޮޑު ބަދަލަކީ އަބަދުވެސް އެންމެ މަގުބޫލު ޕާޓީއަށް އެ ޕާޓީ ހެދުމެވެ.

"ރައްޔިތުންނާއި ޕާޓީގެ އާއްމު މެމްބަރުންގެ އިތުބާރު މި ޕާޓީއަށް ހޯދުން އެއީ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ކުރާނެ އެއް ކަމަކީ،" އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުތައް ބޮޑުކޮށް ކާމިޔާބުކުރާ ޕާޓީއަކަށް އެމްޑީޕީ ހެދުމަކީ ވެސް އޭނާގެ އަމާޒެކެވެ. އެހެންވެ, މުޅި ރާއްޖޭގައި ވެސް ރަނގަޅަށް އިންތިޒާމްވެގެން ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއަކަށް އެމްޑީޕީ ހެއްދެވުމަކީ ވެސް އޭނާ ކުރައްވާނެ މަސައްކަތެކެވެ.

އިންތިއަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް އޭނާގެ ބައެއް ވާދަވެރިން ވެސް ސިފަކުރައްވަ އެވެ. އެހެން އެކަން އޮތް އިރު އެމްޑީޕީގެ އިސް މަގާމަކަށް ވަޑައިގެންނެވުމުން އެ ނަމަށް ކިލަނބުކަމެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުމެއް އެބަ އޮތްތޯ މި ނޫހުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެމްޑީޕީއަކީ ވެސް ނަޒާހަތްތެރި ޕާޓީއެއްގެ ގޮތުގައި ގިނަ ރައްޔިތުން ބަލައިގަނެފައިިވާ ކަމަށެވެ.

"ނަޒާހަތްތެރިކަމަށް އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން [އެމްޑީޕީގެ މެމްބަރުން] ހަގީގަތުގައި މި ވައްކަމާއި ހިޔާނާތާއި މިކަންކަމާ ވެސް ދެކޮޅު. އަދި އަދުލު އިންސާފު ގާއިމްކުރުމަށް މަސައްކަތް ކުރަމުން ދިޔަ ޕާޓީ މިއީ،" އޭނާ ވިދާޅުވި އެވެ.

އިންތި, އެމްޑީޕީގެ އެއްވުމެއްގައި: އޭނާއަކީ އަބަދުވެސް އެމްޑީޕީގެ ބޭފުޅެއް
އިންތި, އެމްޑީޕީގެ އެއްވުމެއްގައި: އޭނާއަކީ އަބަދުވެސް އެމްޑީޕީގެ ބޭފުޅެއް

އިންތި, އެމްޑީޕީގެ އެއްވުމެއްގައި: އޭނާއަކީ އަބަދުވެސް އެމްޑީޕީގެ ބޭފުޅެއް

"ޕާޓީ ކުރިއަށް ގެންދާނެ ތަޖުރިބާ އެބަހުރި"

އިންތިއަކީ އެމްޑީޕީގެ މާ އިސް މަގާމެއް މީގެ ކުރިން އަދާކުރައްވާފައިވާ ބޭފުޅަކަށް ނުވާތީ އެއީ ތަޖުރިބާ މަދު ބޭފުޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެ އެވެ. އޭނާ ވިދާޅުވީ އެހެން ނަމަވެސް ޕާޓީ ހިންގާނެ ތަޖުރިބާ އެބަހުރި ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި ދެމި ހުންނެވުމުން ލިބިވަޑައިގެންނެވި ތަޖުރިބާ އެވެ.

"އެ މަގާމަކަށް އައިސްގެން ކުރަން ޖެހޭ ތަޖުރިބާ ކުރެވޭނީ އެ މަގާމަށް އައިމަ. އެެހެން ނަމަވެސް އެމްޑީޕީގެ ޗެެއާޕާސަންކަމުގެ ދައުރު. އެ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާ ޒިންމާތަކާއި މި ޕާޓީގެ މުހިއްމުކަމާއި ދެން ބޭނުންވާނެ ކަންތަކާއި މިޕާޓީ ކުރި ތަޖުރިބާތަކާއި، މިކަންތައްތައް އަޅުގަނޑު ހަމަ ކުރިން ވެސް ދެންނެވި ފަދައިން ވަރަށް ގާތުން އަޅުގަނޑަށް އެނގޭ. އެހެންވީމާ އަޅުގަނޑުގެ އެބަހުރި މިޕާޓީ ކުރިއަށް ގެންދާނެ ގޮތުގެ ތަޖުރިބާ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަަންކަމުގައި އޭނާ ހުންނަވާ އިރު އެ މަގާމުގެ މަސްއޫލިއްޔަތު ވަރަށް ތެެދުވެރިކަމާ އެކީގައި އަދާކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލެއްވީ އިންތި ވިދާޅުވި ގޮތުގައި އެކަމަށް ޓަކައި ހަދަން ޖެހޭ ހުރިހާ "ކަލްކިއުލޭޝަންތަކެއް" ހައްދަވައިގެންނެވެ. އެހެންވީމާ އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

އެމްޑީޕީގެ އެތެރޭގެ ބައެއް ނިންމުންތަކަށް ވަޒީރުން ނުފޫޒުފޯރުވާ ކަމަށް ކުރިން ވާހަކަ ދެކެވުނެވެ. އެފަދަ ނުފޫޒެއް މިއިންތިހާބަށް އަތުވެދާނެ ކަމުގެ ކަންބޮޑުވުމެއް އެބަ އޮތްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ނުފޫޒެެއް އޮންނާނެހެން ހީނުވާ ކަމަށެވެ. ނުފޫޒެއް އޮތަސް އިންތިހާބު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

ސިޔާސީ ބޮޑު ސުވާލުތަކަށް އިމްތިޔާޒުގެ ސާފު ޖަވާބުތަކެއް

ޗެއާޕާސަންގެ މަގާމު މި ވަގުތަށް މިހާ ބޮޑަށް ވާދަވެރިވެފައިވަނީ އެމްޑީޕީން ކުރިއަށް ނިންމަން އޮތް ނިންމުންތަކުގެ މުހިންމު ކަމާއި ބޮޑުކަމުންނެވެ. މި އަހަރު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ދެން އިންތިހާބުވާ ޗެއާޕާސަނެކެވެ. އެ ކޮންގްރެސްއަށް އެޖެންޑާގައި އޮތީ ބަރުލަމާނީ ނިޒާމާމެދު ގޮތެއް ނިންމުމާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި 30 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެވޭނެ އިސްލާހާމެދު ގޮތެއް ކަނޑައެޅުމެވެ.

ނަޝީދާ ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ އިމްތިޔާޒު, ނަޝީދު އިސްލާހުތަކަށް އެއްކޮށް ތާއިދެވެ. އޭގެ ސަބަބުތައް އިމްތިޔާޒު މި ނޫހާ ހިއްސާކުރެއްވި އެވެ;

"ކޯލިޝަން އަކުންނޭ ވެރިކަމަށް މި އަންނަން ޖެހެނީ. ރާއްޖޭގައި މިނިޒާމު އޮތް އިރު ވެސް ކޯލިޝަންއަކީ ހަގީގަތުގައި ބަރުލަމާނީ ސިފައެއް. މިގޮތަށް މި ތަޖުރިބާ ކުރެވެމުން ދިޔައީ، ކޯލިޝަނަކުން އަންނަން ޖެހެނީ 50 ޕަސެންޓް އަދި އެއް ވޯޓް ހޯދަން ޖެހޭތީ. ދެން 50 ޕަސެންޓް އެއްވޯޓް އެއް ޕާޓީއަކަށް އެކަނި ނުލިބޭކަމުގެ ތަޖުރިބާ ކުރެވިއްޖެ ދެން މި ގާނޫނުއަސާސީ އައިފަހުން ވަރަށް ގިނަ ތަޖުރިބާތައް ކުރެއްވިއްޖެ އަދި އެގޮތަށް ވުމުގެ ސަބަބުން ބައެއް ފަރާތްތަކުން އެބަ ބުނޭ އެމްޑީޕީގެ މަސްލަހަތާ، އެމްޑީޕީވާ ވައުދުތަކާ އަދި އެމްޑީޕީގެ ފިކުރާ މިކަންކަން ކުރިއެރުވުމަށް ކުޑަ މަޑުޖެހުމެއް އެބަ އާދެޔޭ." އިމްތިޔާޒު ވިދާޅުވި އެވެ.

އިންތި މަޖިލީހުގައި: އެމްޑީޕީއަށް އިތުބާރު ހޯދުމަކީ އޭނާގެ މަގުސަދު
އިންތި މަޖިލީހުގައި: އެމްޑީޕީއަށް އިތުބާރު ހޯދުމަކީ އޭނާގެ މަގުސަދު

އިންތި މަޖިލީހުގައި: އެމްޑީޕީއަށް އިތުބާރު ހޯދުމަކީ އޭނާގެ މަގުސަދު

އެހެންކަމުން ފުރަތަމަ ބުރުން އެންމެ މެޖޯރިޓީ ނަގާ ކެންޑިޑޭޓަކު ހޮވުމާމެދު ވިސްނާލުމަކީ ހަމަ ރަނގަޅު ކަމެއްގެ ގޮތުގައި އިމްތިޔާޒު ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި, އެ ކެންޑިޑޭޓަކީ މަތިވެގެން ގޮސް 100 ޕަސެންޓާ ހަމައަށް ވޯޓު ނަގާ ކެންޑިޑޭޓަށް ވެސް ވެދާނެ އެވެ.

"...އެކަމަކު ދަށް ވެގެން ގޮސް 30 ޕަސެންޓަށް ވުރެ [ދަށް ނުވާ ނަމަ ހޮވެން]. ދަށް ވެގެން ގޮސް 20 ޕަސެންޓް 10 ޕަސެންޓް އެހެން ނުވާށޭ އެކަމުގައި މިންގަނޑެއް އޮންނަން ވާނޭ. ދަށް ވެގެން ގޮސް ސުން ޕަސެންޓް ލިބިއްޖެއްޔާ ދެން އެއީ އިންތިހާބެއް ނޫން. އެހެންވީމާ ދަށްވެގެން ގޮސް ވަކިވަރެއް ވެއްޖެއްޔާ ޖެހޭނެޔޭ އަނެއްކާ ވެސް ވޯޓްލާން،" އިމްތިޔާޒު ވިދާޅުވި އެވެ.

"30 ޕަސެންޓް ދެން އެެއީ ހަމަ އަދަދެއް. މީގައި މުހިއްމު ނުކުތާއަކީ މެޖޯރިޓީ ވޯޓް ނަގާ ކެންޑިޑޭޓް އެއީ ވިނިން ކެންޑިޑޭޓް ކަމަށްވުން ކިހިނެތްތޯ، އެއީ އެ ހުށަހެޅުން،"

އިމްތިޔާޒުގެ ތާއިދު 30 ޕަސެންޓަށް އޮތްއިރު, ބަރުލަމާނީ ނިޒާމަށް ވެސް މީގެކުރިން ވެސް ހާމަކުރައްވާ ގޮތަށް އިމްތިޔާޒުގެ ފުރިހަމަ ތާއިދު އެބަ އޮތެވެ;

"އަޅުގަނޑުމެން ޕާޓީން ހަމަ ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް. އަދި ވަރަށް ބޮޑަށް ދެކެވޭ ވާހަކަތައް މިހުންނަނީ އިނގޭތޯ ފެށުނީއްސުރެ އަޅުގަނޑުމެން ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށްގެން އޮތް ނިޒާމަކީ އެއީ. ކުރީގައި ބޭއްވި ރިފަރެންޑަމްގައި ވެސް އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރީ. ނަމަވެސް އެ އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބުނުވީ. އަޅުގަނޑުމެން އަބަދުވެސް ކުރަމުން ދިޔަ އެކިއުޒޭޝަން އެއް އިލްޒާމެއް އެއީ އެ އިންތިހާބު ރިގްކުރިކަމަށް،" އިމްތިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އޭރުގައި އެ ރިފަރެންޑަމްގައި ވެސް ބަރުލަމާނީއަށް ވޯޓްލީ މީހެއް. އަދި މިހާރުވެސް ބަރުލަމާނީ ނިޒާމަކީ އަޅުގަނޑަށް ވަރަށް ހިތްގައިމު، ގައުމެއް ހިންގަން ވަރަށް ފުރިހަމަ ވަރަށް ދެފުށް ފެންނަ ގޮތަށް، ވަރަށް ޖަވާބުދާރީ ކުރުވަނިވި ގޮތަކަށް، ވަރަށް ގިނަ ގައުމުތައް، ވަރަށް ތަރައްގީވެފައި ހުރި ގައުމުތަކުގައި ތަޖުރިބާކޮށްފައި އޮތް ވަރަށް ރަނގަޅު ނިޒާމެއްގެ ގޮތުގައި އަޅުގަނޑު މިހާރުވެސް ސިފަކުރާނީ،"

އެހެންވެ, އިމްތިޔާޒު ވިދާޅުވި ގޮތުގައި އެ ނިޒާމަށް އޭނާއަށް ވެސް ވަކާލާތު ކުރެވޭނީ އެއީ ވަރަށް ރަނގަޅު ނިޒާމެއްގެ ގޮތުގަ އެވެ.

އިމްތިޔާޒުގެ ދާއިރާގެ ވާހަކަ

މި އިންޓަވިއުގައި ދެން އިމްތިޔާޒު ވާހަކަ ދެއްކެވީ އޭނާގެ ދާއިރާއާ ގުޅޭ ގޮތުންނެވެ. މި ނޫހުން އޭނާއާ ސުވާލުކުރީ ދާއިރާއަށް އެކަށީގެންވާ ގޮތުގައި މަޖިލީހުގެ ތެރެއިން މަސައްކަތްކޮށްދެވޭ ކަމަށް ގަބޫލު ކުރައްވަންތޯ އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި ދާއިރާއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ އެއީ އެންމެ ނަފުސަކު ކުރާ ކަމެއް ނޫނެވެ. ޖަމާއަތެއްގެ ގޮތުގައި، އެމްޑީޕީން އަބަދުވެސް ދާއިރާތަކަށް މަސައްކަތްކޮށްދޭ ކަމަށެވެ.

"ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަންތައްތައް ހިނގައިގެން ދިޔައިމާ، ހާއްސަކޮށް އަސާސީ ހައްގުތައް ގެއްލޭ ވަގުތުގައި އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ އެމްޑީޕީ. އެހެންވީމާ އެ އަސާސީ ހައްގުތަކުގެ ދިފާއުގައި، ފަރުދީ މިނިވަންކަމުގެ ދިފާއުގައި، ގާނޫނު އަސާސީގައި ބަޔާންކުރާ އަދި ބައިނަލްއަގުވާމީ ގޮތުން އަޅުގަނޑުމެން އެއްބަސްވެފައި ހުރި އެއްބަސްވުންތަކުގައިވާ ގޮތަށް ތަންފީޒުކޮށް ނެގެހެއްޓުމަށް ޓަކައި އަޑު އުފުލައި އެެކަން ދިފާއުކުރުމުގައި، އޮޕޮޒިޝަންގައި އޮންނަ އިރު ވެސް އަޅުގަނޑުމެން އެބަ ތިބެން، އެހެންވިމާ އެގޮތުން ދާއިރާއަށް އެ ކޮށްދެވެނީ ކަންތައްތަކެއް ކަމަށް އަޅުގަނޑު ދެކެން," އިމްތިޔާޒު ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީން ހުށަހަޅާ ހުށަހެޅުންތައް ކޮންމެ ފަހަރަކު އެމްޑީޕީ ވެރިކަމަށް އައުމާ އެކުގައި އެ ހުށަހަޅަނީ އިންގިލާބީ ބަދަލުތަކެއް ގެންނަންށެވެ. އެއީ ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަންތައްތަކެވެ.

"...ކުޑަކުޑަ މިސާލެއްގެ ގޮތުގައި ދަންނަވަންޏާ އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުން ވެސް އެެއީ އެމްޑީޕީ. އޭގައި އަޅުގަނޑުގެ ހިއްސާ އޮންނާނެ މަޖިލީހުގައި [އަޅުގަނޑުގެ] ފުރަތަމަ ދައުރުގައި. ހަމަ އެއާ އެކުގައި އާސަންދަ، މިއީ ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ވީ ކަންތައްތަކެއް ނޫން،"

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox