އެމްޑީޕީގެ މި ވެރިކަމުގައި ސަރުކާރުގެ ތެރެއިން އެންމެ ގިނައިން އިވޭ އަދި އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. ސަރުކާރުގެ މަސައްކަތުގައި ހަރަކާތްތެރި, އަދި ސަރުކާރުގެ ދިފާއުގައި އެންމެ ކުރީ ސަފުގައި ހުންނަވާ ފައްޔާޒަށް ލިބޭ ސަމާލުކަން ބޮޑެވެ.
އޭނާގެ ނަން އެމްޑީޕީގެ ތެރޭ ގަދަވެފައި އޮއްވައި, އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމުން އިންތިހާބުގެ ފޯރި ވެސް ވަނީ އަދާޔާހިލާފަށް ގަދަވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް މިނިސްޓަރުގެ ގޮތުގައި ވެސް ފާހަގަކުރެވޭ ފައްޔާޒު ޗެއާޕާސަން ކަމުގެ ރޭހަށް ނުކުންނެވީ އެ ޕާޓީ އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ތެރޭ ދެ ފެކްޝަނެއް އޮތްއިރު, ފައްޔާޒަކީ ތުހުމަތާއި ހަމަލާތައް އެންމެ ބޮޑަށް އަމާޒުވާ ބޭފުޅާވެސްމެ އެވެ. އެހެންވީއިރު, މި އިންތިހާބާއި އިންތިހާބުގެ ކެމްޕެއިނަކީ ފައްޔާޒަށް ފަސޭހަ މަގަކަށް ވެސް ނުވާނެ އެވެ.
އެހެން ނަމަވެސް، ޕާޓީގެ ހިންގުން ހަރުދަނާކޮށް ޕާޓީއަށް އާ ދިރުމެއް ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ. އެއީ އެމްޑީޕީގެ ފަލްސަފާތަކަށް އޭނާ ތާއިދު ކުރާތީ އެވެ. ފައްޔާޒު ވިދާޅުވާ ގޮތުން ނަމަ އެމްޑީޕީ އަކީ "އޮޓޮމެޓިކް ޗޮއިސް" އެކެވެ.
"އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް މި ގައުމު ބައްޓަންކޮށް އަދަލު އިންސާފުގެ ނިޒާމު ގާއިމުކުރުމަށްޓަކައި، އެ ފަލްސަފާގެ ތެރެއިން މިކަމުގައި ބައިވެރިވެގެން މި އަންނަނީ." "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ފައްޔާޒު ވިދާޅުވި އެވެ.
ދެބަސްވުމަށް ފުރުސަތު އޮންނަން ޖެހޭ
ސިޔާސީ ގޮތުން އެއްލާ އެތިފަހަރާއި ބަހުގެ ހަމަލާތަކަކީ ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައެއް ނޫނެވެ. އޭނާ އަކީ ރައީސް ސޯލިހާއި ނުވަތަ ރައީސް ނަޝީދާ ހިޔާލު ތަފާތުވި ނަމަވެސް ފެންނަ ގޮތް ވަރަށް ސާފުކޮށް ބުނާ މީހެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި، އެކަމުގެ ސަބަބުން ބައެއް ފަހަރު ހޫނު ފެނަށް ވެސް ވެއްޓޭ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
"ބައެއް މީހުން ކަންބޮޑުވަނީ ބައެއް ފަހަރު ޒުވާބުކޮށް ނޫނީ ހިޔާލު ތަފާތު ވާތީ. އަޅުގަނޑު ކުޑަކޮށް ވެސް އެއީކީ މައްސަލައެއް ކަމަށް ނުދެކެން. އަޅުގަނޑުމެން ވަކާލާތު ކޮށްގެން މިއައީ އަޅުގަނޑުމެންގެ މިނިވަންކަމާއެކު ވާހަކަ ދައްކާ ކަންކަން ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
ސިޔާސީ ކަންކަމުގައި އެކި ފިކުރުތައް ހުންނާނެ ކަމަށް ފައްޔާޒު ގަބޫލުކުރައްވަ އެވެ. އެހެންކަމުން، ސިޔާސީ ގޮތުން މޮޅު ހޯދުމަށް ކުރާ ކަންތައްތަކުގެ ތެރެއިން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ހިޔާލު ތަފާތުވުންތަކެއް އޮންނަ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
"އެމްޑީޕީ ތެރޭގައި އެބައޮތް ހިޔާލު ތަފާތުވުން. އެމްޑީޕީއަކީ ވެސް ހަމަ ސިޔާސީ ކަންތައްތަކެއް. އޭގެ ތެރޭގައި ލީޑާޝިޕް ސްޓްރަގަލް ވެސް ހުރިހާ ކަމެއް ވެސް ހުންނާނެ. އޭގެ ތެރޭގައި އެކަކު އަނެކަކުގެ މައްޗަށް ކުރިއެެރުމަށް މަސައްކަތް ކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.
މީގެކުރިން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ޕާޓީގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ރައީސް ސޯލިހާއި ރައީސް ނަޝީދު ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާތީ ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. މިފަހަރުގެ އިންތިހާބު ވެސް ފެނިގެންދަނީ ދެ ރައީސުންގެ ވާދަވެރިކަން ފެނިގެންދާނެ އިންތިހާބެއްގެ ގޮތުގަ އެވެ. ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކޮޅަކަށް ތާއިދުކުރުމަކީ މައްސަލައެއް ނޫނެވެ.

ފައްޔާޒު ކެބިނެޓް ބައްދަލުވުމެއްގައި: އެމްޑީޕީ ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި
"އަޅުގަނޑަކީ ކްލީންކޮށް އޮންނަ ގޮތަށް ފެނުމަށް ބޭނުންވާ މީހެއް. އަޅުގަނޑަށް ކަމަކު ނުދޭ ސިއްރުން ކަންކަން ކުރީމަ. އަޅުގަނޑުގެ ހިތުގަ އޮތް އެއްޗެއް ބުނާނަން. ރައީސް ސޯލިހު ވެސް ހަމަ ނުކުންނަވަންވީ. އެގޮތަށް ރައީސް ނަޝީދު ވެސް ހަމަ ނުކުންނަން ވީ،" ދެ ރައީސުން ކުރިޔަށް އޮތް އިންތިހާބުތަކުގެ ކެމްޕޭނަށް ނުކުމެވަޑައިގަތުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
އޭނާގެ އުންމީދަކީ މި ކެމްޕޭންގައި ވެސް އާންމު މެމްބަރުންގެ މެދުގައި މައްސަލަ ނުޖެހޭ ގޮތަށް ފޯރި ގަދަކޮށް ކަންކަން ކުރިޔަށް ދިޔުމެވެ.
މާލީ ބާރުވެރިކަން ހޯދައި މެމްބަރުންނާ ގުޅުން ރަނގަޅު ކުރުމުގެ އަމާޒު
ފައްޔާޒުގެ އެންމެ ބޮޑު ޓާގެޓެއް އޮތީ ތަފާތު ހިޔާލުތައް އެއްކުރުމަށެވެ. އަދި އެއް ނުކުރެވިއްޖެ ހާލަތެއްގައި ހަސަދަވެރިކަން ނެތި ކުރިޔަށް ދިޔުމުގެ ގޮތެއް ހޯދުމަކީ ވެސް އޭނާ ކުރަން އަމާޒު ހިފާފައިވާ ކަމެކެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތްއިރު ހަސަން ލަތީފްގެ ޗެއާޕާސަން ކަމުގައި ކަންކަން ކުރެއްވި ގޮތަށް އިތުރު އެހެން މީހަކަށް ކުރެވޭނެ ކަމެއް ނެތެވެ. ނަމަވެސް، ފައްޔާޒު ވިދާޅުވާ ގޮތުން މިއަދަކީ ތަފާތު ދުވަހެކެވެ.
"އަޅުގަނޑަށް ފެނޭ ތަފާތު ހިޔާލުތަކާކާއެކު ތަފާތު ގޮތަކަށް ކަންކަން ކުރެވޭނެ ތަން. އަޅުގަނޑުމެންނަށް އަބަދުވެސް އޮންނަ މައްސަލައެއް، އަޅުގަނޑުމެންގެ ދާއިރާތަކާއި ޕާޓީއާ އޮންނަ ގުޅުން ކުޑަ ވާހަކަ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމްޑީޕީގެ ދާއިރާތަކާއި ޕާޓީގެ މައި އޮފީހާ ގުޅިގެން، ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެއްކޮށް ސަރުކާރަށް ގެންގޮސް އެކަންކަމަށް ހައްލު ހޯދުމެވެ. އެކަންކަން ކުރުމަށް ގާނޫނުތައް ބަދަލުކުރުމަށް މަޖިލީހަށް ދާން ވެސް ފައްޔާޒު ހުންނެވީ ތައްޔާރަށެވެ. އޭނާ އެކަން ކުރަން ހުށަހަޅުއްވަނީ ޝެޑިއުލް ގޮތެއްގައި ދާއިރާތަކާ ބައްދަލުކުރުމަށެވެ.
"ރައްޔިތުން ބޭނުންވަނީ ކޮން ކަންތައްތަކަށްތޯ، ރައްޔިތުންގެ ކަންބޮޑުވުން ހުރީ ކޮން ކަންތައްތަކަށްތޯ. އެއަށް ބިނާކޮށް އަޅުގަނޑުމެންގެ މެނިފެސްޓޯތައް ހެދިގެން ދާނީ. ތަންކޮޅެއް އޯގަނައިޒްކޮށް ކުރިޔަށް ގެންދިޔުން އަޅުގަނޑުގެ ވަރަށް ބޮޑު މަގްސަދަކަށް ވެގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ދޭ ފައިސާއިން ރަށްރަށުގެ ދާއިރާތަކަށް ހަރަދުކުރެވޭނެ ގޮތްތަކެއް ވެސް ހޯދުމަކީ ޗެއާޕާސަން ކަމަށް އިންތިހާބު ވެއްޖެނަމަ ފައްޔާޒު ކުރައްވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ އަމިއްލަ ހާލަތުގައި މާލީ މިނިވަންކަން ލިބުމަކީ ކުރެވިދާނެ ކަމެއްތޯ ބައްލަވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އެމްޑީޕީ ހިންގައިގަތުމުގެ ކެޕޭސިޓީ އެބަހުރި"
އެމްޑީޕީގެ އިސް މަގާމަކުން ފައްޔާޒު ފެނިފައި ނުވި ނަމަވެސް, އޭނާއަކީ އެ ޕާޓީގެ ހަރަކާތްތަކުގައި ހިންގުންތެރި މެމްބަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފައްޔާޒު ގަބޫލުކުރާ ގޮތުގައި އޭނާ އަކީ "އިފެކްޓިވް އިމްޕްލިމެންޓް" ކުރާ މީހެކެވެ. ނަމަވެސް، އެކަމުގައި ގޮތް ނިންމަން އޭނާ ދޫކޮށްލެއްވީ ރައްޔިތުންނަށެވެ.
"އިކޮނިމިކް މިނިސްޓްރީއާ ހަވާލުވެގެން ހަމަ މިދަނީ އިދާރީ ކަންކަން ހިންގުން. އަޅުގަނޑުގެ ތަޖުރިބާ އެބަ ހުރި. ޕްރައިވެޓް ސެކްޓަރުގައި ވެސް ކުރެވުނު މަސައްކަތްތަކުގައި ވެސް ހިންގުމުގެ ތަޖުރިބާ އަޅުގަނޑުގެ އެބަހުރި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮގަނައިޒްޑް ގޮތަކަށް ކަންކަން ރާވާ ހިންގުމުގައި އެއީ އަޅުގަނޑުގެ އެޑްވާންޓޭޖެއް،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ކަންކަން ވަރަށް ރަނގަޅަށް ރާވާ ހިންގޭނެ ކަމުގެ ގާބިލްކަން އޭނާއަށް އޮތީ ވެސް އެހެންވެ އެވެ.
"ޕާޓީ އާއި ޕާޓީ މެމްބަރުންނާ އަދި ޕާޓީ އާއި ސަރުކާރާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަންޖެހޭ. މިއީ ކިހާވަރެއްގެ ކަމެއް ކަމާއި އަދި މި ދިވެހިރާއްޖެ ބަދަލުކޮށްލުމުގެ މަސައްކަތް އެއީކީ ދެތިން ހަތަރު އަހަރުން ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އެކަންމުގައި އަންނަ ގޮންޖެހުންތަކާއި އަންނަ ހިތްހަމަނުޖެހުންތައް ވެސް އެބަ ޖެހޭ މެނޭޖްކޮށްގެން ކުރިޔަށް ގެންދަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު: އެމްޑީޕީ ހަރުދަނާ ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ޕާޓީގެ ހިންގުން މިހާތަނަށް ވެސް ގޮސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް އަލުން ޕާޓީ ހިންގައިގަނެ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ކުރިމަތިލީ އެކަންކަން ކުރުމުގެ ކެޕޭސިޓީ ހުރުމުން ކަމަށް ފައްޔާޒު "އަދަދު"އަށް ވިދާޅުވި އެވެ.
ބަރުލަމާނީއާ ދެކޮޅު; ބާރުތައް ވަކި ބަޔަކަށް ލިބުން، ބޮޑު ކަންބޮޑުވުމެއް
ޗެއާޕާސަންގެ މަގާމު މި ވަގުތަށް މިހާ ބޮޑަށް ވާދަވެރިވެފައިވަނީ އެމްޑީޕީން ކުރިއަށް ނިންމަން އޮތް ނިންމުންތަކުގެ މުހިންމު ކަމާއި ބޮޑުކަމުންނެވެ. މި އަހަރު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ދެން އިންތިހާބުވާ ޗެއާޕާސަނެކެވެ.
އެ ކޮންގްރެސްއަށް އެޖެންޑާގައި އޮތީ ބަރުލަމާނީ ނިޒާމާމެދު ގޮތެއް ނިންމުމާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި 30 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެވޭނެ އިސްލާހާމެދު ގޮތެއް ކަނޑައެޅުމެވެ. އޭގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ފައްޔާޒުގެ ތާއިދެއް މިވަގުތަށް ނެތެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގައި ގަމު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ފައްޔާޒުގެ ނަޒަރުގައި ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ ވެސް ރަނގަޅު ނިޒާމްތަކެކެވެ. އެހެން ނަމަވެސް، މި ވަގުތަށް ބަލާއިރު ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"އެކި ގައުމަށް އެކި ފަހަރު އެކި ގޮތްގޮތް އެބަ ރަނގަޅުވޭ. އަޅުގަނޑުގެ ރައުޔުގައި ދިވެހިރާއްޖޭގެ ހާލަތަކަށް (ބަރުލަމާނީ ނިޒާމް) އަދި ކޮންވިންސެއް ނުވޭ،" ބަރުލަމާނީ ނިޒާމު މިވަގުތަށް ރާއްޖެއަށް ގެނައުމަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވައި, ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރާ ސަބަބުތައް ތަފްސީލް ކޮށްދެއްވާފަ އެވެ;
ފައްޔާޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރުތައް ވަކި ބަޔެއްގެ މުށު ތެރެއަށް ދިޔުމުގެ ފުރުސަތު ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އޮތުމެވެ.
"ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ސަރުކާރެއް އުފެދިގެން ދާއިރު މިކަހަލަ ކުޑަ ގައުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަދަދު ވެސް ކުޑަ. އެހެންމަ އަޅުގަނޑު ކަންބޮޑުވާ ކަމެއް، ބާރުގަދަ ބައެއްގެ އަތް މައްޗަށް މަޖިލީހާއި ސަރުކާރު ދިޔުމުގެ ފުރުސަތު, ޖުޑީޝިއަރީ އަދި ހުރިހާ އެއްޗެއް ވެސް އެ ކޮންޓްރޯލްގެ ދަށަށް އެބަ އާދޭ،" ފައްޔާޒުގެ ކަންބޮޑުވުމަކީ މިއީ އެވެ.
ފައްޔާޒު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ހުރިހާ ދިވެހިން ވޯޓު ލައިގެން ހޮވާ މީހަކަށްވުން މުހިންމެވެ. އެ ފުރުސަތު ބަރުލަމާނީ ނިޒާމުގައި ނެތުމުކީ އޭނާގެ ކަންބޮޑުވުމެކެވެ. ބަރުލަމާނީ ނިޒާމެއްގައި ގައުމުގެ އެންމެ އިސް ވެރިޔާގެ ގޮތުން ބޮޑުވަޒީރު, މަޖިލީހުގެ އެންމެ ރައްޔިތުން މަދު ދާއިރާއިން އިންތިހާބުވެގެން ވެސް އަތުވެދާނެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ހުރިހާ ރައްޔިތުން ވެގެން ހޮވާ ވެރިޔެއް ހުރުން މުހިންމު. ބަރުލަމާނީ ނިޒާމެއްގައި ވެއްޖިއްޔާ ކުޑަ ކުޑަ އަތޮޅަކުން ހޮވޭ މެމްބަރަކު ވެސް އެއީ ފަހަރެއްގައި ޕްރައިމް މިނިސްޓަރު ކަމަށް ވެސް ވެދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ނިޒާމުގެ މައްސަލާގައި ތަފާތު ގޮތްތަކަކަށް ފައްޔާޒު ވިސްނަވަ އެވެ;
ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އިތުރުކުރުމަކީ އެއް ބަޔަކަށް އެތަނުގެ ކޮންޓްރޯލް ނުނެގޭނެ ކަމެއް ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ. އަދި، ޕްރިފަރެންޝިއަލް ސިސްޓަމަކަށް ވޯޓުގެ ކަންކަން ކުރިޔަށް ގެންދިޔުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންތަކަކާއެކު ފައްޔާޒު ބައްދަލު ކުރައްވަނީ: ބަރުލަމާނީ ނިޒާމަށް ތާއިދެއް ނެތް
%30 ވެރިކަމަށް އައުން: ރަނގަޅު ކަމެއް ނަމަވެސް ބަހުސް ކުރަން ޖެހޭ
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއް ނަމަ، އެ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ވެސް ނަޝީދު ގެންނަން ބޭނުންވާ ބަދަލެކެވެ.
އެމަނިކުފާނު ވަނީ އެކަން ގައުމީ މަޖިލީހާ ވެސް ހިއްސާކުރައްވާފަ އެވެ. މިކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން ބޮޑުވެފައިވީ ނަމަވެސް, ފައްޔާޒުގެ ވިސްނުމުގައި އެއީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ބަރުލަމާނީއަށް މިވަގުތަށް ތާއިދު ނެތް ނަމަވެސް, ނަޝީދު 30 ޕަސެންޓް އިސްލާހާ ފައްޔާޒު ދެކޮޅެއް ނޫނެވެ.
"އެއީ، އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކުން ހަމަ ކުރިޔަށް ގެންދަވަންވީ، އެހެނަސް އޭގަ ވެސް އެބަހުރި އަނެއްކޮޅަށް، އަޅުގަނޑުމެން ކަހަލަ ޅަފަތުގަ ޑިމޮކްރަސީ އޮތް ގައުމެއް ވިސްނާލަންޖެހޭ ކަންކަން, މިއީ ޑިމޮކްރަސީ އެސްޓެބްލިޝް ކުރަން ލިބިފަ އޮތް ފުރުސަތެއް،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއަކީ އެކި ފިކުރުތަކުގެ ގިނަ ބަޔަކު އެއްވެގެން އުފެދިފައިވާ ޕާޓީއެއް ކަމަށް ފައްޔާޒު ގަބޫލު ކުރައްވަ އެވެ. ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އެގޮތަށް ކަނޑައެޅުމަށް ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ އެތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހެ އެވެ.
"އެމްޑީޕީއަކީ ވަރަށް ވައިޑް ރޭންޖެއްގެ ހިޔާލުތަކާއި ފިކުރުތަކެއް އެއްވެފަ އޮންނަ ތަނެއް, އެއް ވިސްނުމެއްގައި އެންމެން ތިބޭ ޕާޓީއެއް ނޫން އެމްޑީޕީއަކީ, ވަރަށް ތަފާތު ހިޔާލު އެމްޑީޕީ ތެރޭގައި ހުންނާނެ. އެކަމަކު މައިގަނޑު އަސާސްތަކެއްގެ މައްޗަށްހެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެން މީގެ ތެރޭގައި ބައިވެރިވެގެން މި އުޅެނީ،" މި ނޫހަށް ދެއްވި އިންޓަވިއުގައި ފައްޔާޒު ވިދާޅުވި އެވެ.
އެންމެފަހުން ބޭއްވި ގައުމީ މަޖިލީހުގައި ފާސްކުރި ގޮތަށް އޮގަސްޓް ހަަތަރެއްގައި އޮންނަ ކޮންގްރެސްގައި އެކަމާ ގުޅޭ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ފޯމަލް ސެޓަޕެއްގައި އެ ވާހަކަތައް ދެކެވި، ދެން އޭގެން ނުކުންނަ ނަތީޖާއަކާ އެކު ކުރިޔަށްދާން އެބަ ޖެހޭ. އެހެން ނޫނިއްޔާ އެ ބައިވަރު ވިސްނުންތައް އެކައްޗަކަށް ހެދޭނެ ޖާގައެއް ލިބިފައެއް ނެތް. އެކި އެކި ލޮބީ ގްރޫޕްސް އުޅޭނެ،" ކޮންގްރެސްގައި ވަކި ގޮތަކަށް އެއްބަސްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.












