ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތް ކަމަށާއި، އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނޭ ދައުވާއެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އޭނާގެ ދިފާއީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ހިންގި އިބްތިދާއީ އަޑުއެހުމުގައި އޮތީ ދައުވާ ހުށަހެޅުމާއި، ދައުވާއަށް ޖަވާބުދާރީވާ ގޮތެއް ބެލުމާއި ދެފަރާތުން ހެކި ހާމަކުރުމެވެ.
ދައުލަތުން ދައުވާ އިއްވުމުން މަހުލޫފު ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ހަތް ޝަފަހީ ހެކިންނާއި 24 ކިތާބީ ހެކި ހުށަހަޅާފަ އެވެ. މަހުލޫފުގެ ފަރާތުން ވަނީ އޭނާގެ ދިފާއުގައި ތިން ޝަފަހީ ހެކިންނާއި، އެއް ކިތާބީ ހެކި ހުށަހަޅާފަ އެވެ.
ހެކި ހާމަކުރުމަށްފަހު ދައުވާއަށް ޖަވާބުދާރީވަމުން މަހުލޫފްގެ ވަކީލު އާއިޝަތު ޝީނާ ވިދާޅުވީ، މަހުލޫފްގެ މައްޗަށް ދައުވާކުރަނީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށް ކަމަށްވާއިރު، އެކަން ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތް ކަމަށާއި، އޭގެ ބަދަލުގައި ދައުލަތުން މަސައްކަތް ކުރަނީ މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ 'ދަ ޖީންސް' ފިހާރައިގެ މުއާމަލާތަކާ ގުޅޭ ފައިސާއެއް ނޫން ކަމަށް ސާބިތުކޮށްދިނުމަށް ކަމުގަ އެވެ.
ދައުލަތުން އެ ބޭނުންވާ ގޮތަށް އެ ނުކުތާ ސާބިތުވި ނަމަވެސް، އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތު ހިފާފައިވާކަން ސާބިތުކޮށްނުދެވޭނޭ ކަމަށް ވަކީލު ޝީނާ ވިދާޅުވި އެވެ.

އަދީބުގެ ހެކިބަހުގެ މައްޗަށް އެކަނި ކަމެއް ސާބިތުނުވާނެ!
މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާ ބެހޭ ގޮތުން ދިފާއުން ދެއްކި ވާހަކައިގައި ވިދާޅުވީ، މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ދީފައިވާ ފައިސާ ކަމަށް ބަޔާން ދީފައި އޮތީ އަހުމަދު އަދީބު ކަމަށާއި، އޭނާއަކީ މަހުލޫފްއާ ދެކޮޅުވެރިކަމެއް އޮތް މީހެއް ކަމަށެވެ.
ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައި ޓުވީޓުތަކުން ވެސް އެކަން ހާމަވާ ކަމަށް ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.
އޭގެ އިތުރުން، އަދީބަކީ އޭނާގެ މައްޗަށް އެތައް ކުށެއް ސާބިތުވެފައިވާ މީހަކަށްވާއިރު، އޭނާގެ ހެކިބަހުގެ މައްޗަށް އެކަނި ބަލައިގެން ކަމެއް ސާބިތު ނުވަތަ ނަފީ ނުކުރެވޭނޭ ކަމަށް ސުޕްރީމް ކޯޓުން އަބްދުﷲ ޔާމީންގެ މައްސަލައިގައި ވެސް ކަނޑައަޅުއްވާފައި ކަމަށް ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.
ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެ ތެރޭގައި ހިމެނޭ ބޭންކް ސްޓޭޓްމަންޓްތަކާއި، ޓުވީޓާ ސްކްރީންޝޮޓްތަކަކީ ދައުވާގައި ބަޔާންކުރާ އެއްވެސް އުންސުރެއް ސާބިތުކޮށްދޭ ހެކިތަކެއް ނޫން ކަމަށް ވެސް ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.
މި ވާހަކައިގެ ރައްދުގައި ދައުލަތުން ވިދާޅުވީ މި މައްސަލައިހގެ މައިގަނޑު ހެއްކަކީ އަދީބު ކަމުގައިވިޔަސް, އޭނާގެ ބަހަށް ބާރުދޭ ހެކިތައްވެސް ހުށަހަޅާފައިވާނޭ ކަމަށާއި, އެހެންކަމުން އަދީބުގެ ހެކިބަހަށް ބުރަދަން ދޭންޖެހޭ ކަމަށެވެ.
ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތުވޭ
މަހުލޫފުގެ ދިފާއީ ވަކީލުންގެ ޓީމުން ދެކޭ ގޮތުގައި، މަހުލޫފްގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުން ސާބިތުވެ އެވެ. އެކަން ސާބިތުވަނީ މަހުލޫފްގެ ކޮއްކޮ އަލީ މުބީން އެސްއޯއެފްގެ އޮފީސް ތެރެއިން ފެނުނު ކަމަށާއި، އޭނާ އެ އޮފީހަށް ދިޔައީ ޑޮލަރު ގަތުމަށްކަމަށް އޭނާ އެ ވަގުތު ބުނި ކަމަށް އައްލާމް ލަތީފްގެ ބަޔާނުގައި ވެސް އޮންނާތީ އާއި، ޑޮލަރު ގަތުމުގެ މުއާމަލާތަށްފަހު ދޫކޮށްފައި އޮތް ރަސީދަކީ އެސްއޯއެފްއިން ބޭނުންކުރި ވައްތަރުގެ ރަސީދެއް ކަމަށާއި، އެ ރަސީދުގައި އޮތީ އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އައްލާމް ލަތީފް އާއި، އިޝްފާހް އާއި، އެސްއޯއެފްގެ ޖެނެރަލް މެނޭޖަރު ނާހިދު ރަޝީދުގެ ބަޔާނުގައި ވެސް ބުނެފައިވާތީ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
އެހެންނަމަވެސް، މި ރަސީދުގެ ސައްހަކަމާމެދު ދައުލަތުން ސުވާލު އުފައްދަ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި މި ރަސީދަކީ މަހުލޫފުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތުކުރުމަށްޓަކައި ފަހުން ތައްޔާރުކޮށްފައިވާ ރަސީދެކެވެ. އެކަން ސާބިތުކޮށްދިނުމަށް އެސްއޯއެފްގައި އެކައުންޓެއްޓެއްގެ ގޮތުގައި އޭރު މަސައްކަތްކުރި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން ދައުލަތުން ހުށަހަޅާފައި ވެއެވެ. އެ ބަޔާނާ ގުޅިގެން ދިފާއުން ފާހަގަކުރީ، ބަޔާން ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނަށް ލިޔުމުން އެންގި ކަމަށާއި، އަދި އެ ބަޔާނުގައި ވެސް، ރަސީދުގައިވާ ސްޓޭމްޕަކީ އެސްއޯއެފްގެ ސްޓޭމްޕްކަމަށް ބުނެފައިވާތީ، އެއީ ސައްހަ ނޫން ރަސީދެއްކަން ސާބިތުކޮށްނުދެވޭނެ ކަމަށެވެ.
ދިފާއުން ފާހަގަކުރީ މަހުލޫފްގެ މައްޗަށް ކުށް ސާބިތުކުރެވޭނޭ އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނޭ މައްސަލައެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށެވެ. މަހުލޫފްގެ ފަރާތުން މިގޮތަށް އެދުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކާ ހަވާލާދެއްވަ އެވެ. އެ ނިންމުމުގައި ބުނެފައިވާ ގޮތުން، ހުށަހެޅިފައި ހުންނަ ހެކިތަކަށް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިންނަމަވެސް އެ ހެކިތަކުން މައްސަލަ ސާބިތުނުވާނެ ނަމަ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދިއުމަށް ނިންމުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމުކަމެކެވެ.
މަހުލޫފްގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރެ، އެސްއީޒެޑް ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި އެސްއޯއެފް ކުންފުނިން ރިޝްވަތުގެ ގޮތުގައި ތިރީސް ތިންހާސް ޑޮލަރު ނަގާފައިވާތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވެއެވެ.
އެ މާއްދާގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބު ވެފައިވާ މީހަކު، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި، ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ ކުށެއް ކަމުގަ އެވެ.
މަހުލޫފުގެ މައްޗަށް ދައުވާކުރީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ފޮނުވިތާ ގާތްގަނޑަކަށް އަށް މަސް ދުވަސް ފަހުން ނޮވެމްބަރު 24, 2020 ދުވަހު އެވެ. އެ މައްސަލަ ސާބިތުވެއްޖެނަމަ އަންނާނޭ އަދަބަކީ 7 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން އަރުވައިލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.













