ތައިލެންޑުގެ ޗިއަންގްމައި ގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮތް 42 ކިލޯ މީޓަރުގެ މެރެތަން ދުވުންތެރިޔާ ލީލާ އަހުމަދަށް ނިންމާލެވުނީ ހަ ގަޑި އިރާއި ވިހި މިނިޓުންނެވެ. އެއީ އޭނާގެ އެންމެ މޮޅެއް ނޫނެވެެ. އޭގެ ކުރިން، އެވަރުގެ ރޭހެއް ހަތަރު ގަޑި އިރާއި ވިހި މިނިޓުން ވެސް ނިންމި އެވެ. އެކަމަކު، ވިއްސަކަށް ވުރެ ގިނަ އަހަރުވީ އޭނާގެ ކަސްތަރު ހަޔާތުގައި ހަނދާނުން ނުފިލާވަރުގެ ފަހުރަކާއި ޔަގީން ކަމެއް ލިބި، ޖަޒުބާތުގައި ޖެހުނު ދުވަހެއް ވެސް އެ ނޫނީ ވަކި ނާދެ އެވެ. އޭގެ ކުރިން 19 މެރެތަން ދުވެފައި ނިންމި ލީލާ، އެދުވަހުގެ މެރެތަން ފަށައިގެން ނިމެންދެން ހިނގީ އެވެ. އޭނާ އެއް ނުދުވެ އެވެ. އޭގެ ފަހުން ވެސް ކުރިން އެ ދުވި ވަރާ ގާތަށް ވެސް ނުދުވެ އެވެ.
"ދުވަން ފައި ޖައްސާލި ތަނާ އެނގިއްޖެ ދުވަސްކޮޅެއް ކުރިން ފެށިގެން ކަކުލުގައި ހުރި ރިހުމަކީ އާދައިގެ ރިހުމެއް ނޫންކަން. އެހެންވީމަ ހިތަށް އެރީ ދުވަން ދިމާކޮށްފިއްޔާ ތަދެއްގަ އޭ ދުވާނީ. އެކަމަކު 42 ކިލޯމީޓަރު ކިހިނެއް ތަދެއްގަ އުޅޭނީ؟،" ދެ ދަހަރު ވީ ދުވުމުގެ ފަލްސަފާ ނިމި، ހިނގުމާއި ހިނގުމުގެ ފާޑުވެރިކަމުގެ ތެރެއަށް ގެނބެމުން އަންނަ 52 އަހަރުގެ ލީލާ އެ މެރަތަންގައި ހިނގައިގަތީ ކަކުލުގައި ހުރި ރިހުމަކީ އަނިޔާއެއްގެ އަސަރުކަން ރޭކާލީ ހިސާބުންނެވެ.
"އެކަމަކު ވެސް މެރެތަން ދޫކޮށްފައި ދާން ބޭނުމެއް ނުވި. ދޫކޮށްލައިފި ނަމަ ފަހުން ވާނެ ދެރަ ހިތަށް އަރާތީ. އެހެން ހިތައި ހިނގައިގަތީ. އޭރު އެކުގައި ރޭސް ފެށި އެންމެން ލޮލުކޮޅަށް ގޮސް އޮބާލައިފި. ދެރަވި. ލަދުވެސް ގަތް،" ލީލާ ބުންޏެވެ.
ލީލާގެ ކަކުލަށް ދިމާވީ އާންމުކޮށް ދުވާ މީހުންނާއި އެތުލީޓުންނަށް ދިމާވާ މައްސަލައެކެވެ. އޭނާގެ ކަކުލު ހުޅުގައި އެވަރަށް ރިއްސީ ހުޅުގައި އިންނަ "މެނިސްކަސް" ނަމަކަށް ކިޔާ މަޑު ކަށިކޮޅު އިރައިގެން ގޮސްފައި ހުރުމުންނެވެ - ދުވުމާއި ކުޅުމުގެ ތެރޭގައި ވެއްޓިގެންނާއި ފައި އެޅޭ ގޮތަކުން ކަކުލަށް އަރާ ލޮޅުންތަކުގެ ސަބަބުން ބައެއް ފަހަރަށް މެނިސްކަސް އިރައިގެންދެ އެވެ-
މެރެތަންގެ ފަހުން ހުޅުގެ އޮޕަރޭޝަނެއްކޮށް، މިހާރު ލީލާގެ ކަކޫ އަލުން އޭގެ ސިއްހަތަށް ރުޖޫއަ ކުރެވިއްޖެ އެވެ.

އެކަމަކު ޒުވާން އުމުރުން ފަހަތަށް އަޅާފައިވާ އޭނާގެ ކަކުލަށް ދެވަނަ ފަހަރަށް އެވަރުގެ ޝޮކެއް ނުވަތަ އަނިޔާއެއް ބަރުދާސްތު ނުކުރެވިދާނެއޭ ހީވެ، ކަސްރަތުގެ ފަލްސަފާއަށް އާ ބަދަލެއް ގެންނަން ނިންމީ އެވެ. ދުވުން ހުއްޓާލައި ލީލާ ހިނގަން ފެށީ އެ ހިސާބުންނެވެ.
"ދެން ބަލަން ފެށި ހިނގުމާ ބެހޭ އެއްޗެހި." ލީލާ ސްޓައިލުގެ ހިނިގަނޑަކާ އެކު ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
ދުވުން މަޑުޖައްސާލައި ހިނގުމަށް، ހިތި ފޮނި އިހުސާސެއް
ދުވުމުން ހިނގުމަށް ބަދަލުކުރި އިރު އެރި ލޮޅުންގަނޑުގެ އަސަރު ލީލާގެ ސިކުނޑިއާ ހަމައަށް ވެސް ފޯރި އެވެ. ދުވުމަކީ މުޅި އުމުރު އޭނާ ކުރި ކަމެކެވެ. ވިއްސަކަށް އަހަރު ކުރިން ދުވަންފެށި ގޮތަށް، ދިރިއުޅުމުގެ ފަރުވާ އަށް ދުވުން ބަދަލުވެ، ހިތުގެ ހިތްހަމަޖެހުމާއި ސިކުނޑީގެ އުފާވެރިކަން ދުވުމާއި ގުޅުނެވެ. ހާލަތުގެ އަޅަކަށްވެ ދުވުން ދޫކޮށް ހިގަން ފަށައިގަތް ނަމަވެސް އެ ބަދަލަށް ހޭނެން ވަގުތު ކޮޅެއް ނެގި ކަމަށް ލީލާ ބުންޏެވެ.
"އެހެންވެ ފުރަތަމަ ކުރަން ފެށި ކަމަކީ ޑިސްޓްރެކްޝަނެއްގެ ގޮތަށް އެހެންނާ ނުކުރާ ކަމެއް ކުރަން ފެށީ. ހިނގަން ދާއިރު ފޯނު ގެންދަން ފެށީ. ސަބަބަކީ އޭރު ދުވާ މީހުން ފެނުނީމަ ދެރަވޭ. އެހެންވީމަ އެ ނޫން ދިމާލަކަށް ފޯކަސް ގެންދަން ވެގެން ކުރަން ފެށި ކަމަކީ ހިނގަމުން ދާއިރު ފެންނަ މަންޒަރުތައް ފޮޓޯ ނަގަނީ. އެއީ ސިކުނޑިއަށް ހަދަން ފެށި ކުޑަ މަކަރެއް،" ލީލާ ބުންޏެވެ.
އެގޮތަށް އެއް އަހަރު ވަންދެން ކޮންމެ ދުވަހަކު ލީލާ ފޮޓޯ ނެގި އެވެ. "ލޫކް އަޕް" ނަމުގައި އަލްބަމެއް ހަދައިގެން އެ ފޮޓޯތައް ކޮންމެ ދުވަހަކު ފޭސްބުކަށް ވެސް ލައި ހެދި އެވެ.
ހިނގަނީ ތަފާތުކޮށް، މިއީ އާދައިގެ ކަމެއް ނޫން!
ލީލާއަށް ގަބޫލުކުރެވޭ ގޮތުން ހިނގުމަކީ އާދައިގެ ކަމެކޭ ހީވާ މީހުންނަށް އެގޮތަށް ހީވަނީ ހިނގުމަކީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގޭތީ އެވެ. ހިނގުން ސްޕޯޓެއްގެ ގޮތުގައި ކުރާކަން ނުދަންނަ ގިނަ މީހުން އުޅޭ އިރު، ލީލާ ފާހަގަކުރީ، ހާއްސަ އުކުޅުތަކެއް ދަސްކޮށްގެން ހިނގުން ޝައުގުވެރި، ކުޅިވަރުގެ ރޫހު ގަދަ ކަސްރަތެއްގެ ގޮތުގައި ކުރެވިދާނެ ކަމެވެ. އެ ޓެކްނިކްތައް ދަސްކޮށްގެން ހިނގަން ފެށުމުން ސިއްހީ އެތައް ފައިދާއެއް ހޯދިދާނެ ކަމެވެ.
ފުރަތަމަ ހިނގަން ފެށި އިރު ހިތަށް އެރީ ކެލޮރީ ބާން އެއް ނުވެއޭ. އެކަމަކު ބާރަށް ހިނގުމުގެ ޓެކްނިކް ދަސްކޮށްގެން ސްޕީޑް ހޯދަން ފެށީމަ ކެލޮރީ ބާން ވާތަން ވެސް ފެނޭ.
ދުވުމެކޭ އެއްގޮތަށް، މައިގަނޑު ކަސްރަތެއްގެ ގޮތުގައި ހިނގާ މީހުން ހިނގުމުގެ ތިން ގޮތެއް ގެންގުޅެ އެވެ.
ފުރަތަމަ ގޮތަކީ އާދައިގެ ހިނގުމެވެ. އެއީ އާންމުކޮށް ކަސްރަތަށް ހިނގަން ނިކުންނަ އިރު ހިނގާ ހިގުމެވެ. މި ހިނގުމުގައި އާންމުކޮށް ހިނގާ ވަރަށްވުރެ ބާރަށް ފައި އަޅަމުން އަތް ހިއްލަމުން ހިނގުން ނޫން އިތުރު އުކުޅެއް ނުގެންގުޅެ އެވެ.
ދެވަނަ ގޮތަކީ "ޕަވާ ވޯކިން" އެވެ. މިއީ ހިނގުމުގައި ބޭނުންކުރާ ތަފާތު އުކުޅެކެވެ. އެކަމަކު މި ހިނގުމުގައި ކުޅިވަރުގެ ފާޑުވެރިކަމެއް ހުރެ އެވެ. މިގޮތަށް ހިނގާއިރު އަތުގެ ހަރަކާތް ވަކި ގޮތަކަށް ބަހައްޓައިގެން ސްޕީޑު ހޯދަ އެވެ. މި ޓެކްނިކްގައި ފައި ލޭންޑް ކުރާ ގޮތް ތަފާތުވެ އެވެ. ހަށިގަނޑު ތެދަށް ބެހެއްޓުން ފަދަ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭން ޖެހެ އެވެ.
ތިން ވަނަ ގޮތަކީ "ރޭސް ވޯކިން" އެވެ. މިއީ ހިނގުމުގެ އެންމެ އެކްސްޓްރީމް އުކުޅެވެ. ދުވުމުން ލިބޭ ފައިދާތައް އެއާ އެއް ވަރަކަށް ރޭސް ވޯކިން އިން ހޯދިދާނެ އެވެ. 1908 ވަނަ އަހަރުން ފެށިގެން އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ވެސް ހިމަނާފައިވާ ރޭސް ވޯކިންއަކީ އެތައް ގޮތަކުން ބަލާއިރު ދުވުމަށްވުރެ މާ އުނދަގޫ ވެސް ކަމެކެވެ. ދުވުމަށް ވުރެ ސިއްހީ ފައިދާތައް ވެސް ގިނަ ކަސްރަތެކެވެ.
ލީލާ ވެސް މިހާރު ރޭސް ވޯކިން ދަސްކުރަނީ އެވެ.
"ރޭސް ވޯކް ކޮށްގެން ހާފް މެރެތަން އެއްގެ 20 ކިލޯމީޓަރު މީހަކު ނިންމާފަ އެބަހުރި ދޮޅުގަޑި އިރަށްވުރެ އަވަހަށް. ސްޕޯޓެއްގެ ގޮތުގައި ޓެކްނިކް ތައް ދަސްކޮށްގެން ރޭސް ވޯކް ކުރާ މީހާގެ ސްޕީޑުގަ ނުވެސް ދުވެވޭ އަހަންނަށް މިހާރު ނޯމަލްކޮށް ދުވާއިރުގަ ވެސް."
ލީލާ ބުނީ ރޭސް ވޯކިންގެ އުކުޅުތައް ދަސްކޮށްގެން ހިނގަން ފެށުމުން މިހާރު އޭނާ އަށް، އަށް މިނިޓުން ކިލޯމީޓަރަކަށް ހިނގާލެވޭ ކަމަށެވެ. ދުވެފައި އޭނާ އަށް ކިލޯމީޓަރެއް ފުރިހަމަ ކުރެވެނީ ހަ މިނިޓުންނެވެ.
ރޭސް ވޯކިންގެ ބައެއް ޝައުގުވެރި މައުލޫމާތު
- ރާއްޖޭގައި ހާފް މެރެތަން އެއްގެ 20 ކިލޯމީޓަރު ފިރިހެނަކު އެންމެ އަވަހަށް ފުރިހަމަކޮށްފައިވަނީ އެއް ގަޑި އިރާއި ނުވަ މިނިޓުންނެވެ. ހާފް މެރެތަން ރޭސް ވޯކިންގެ ދުނިޔޭގެ ރިކޯޑަކީ އެއްގަޑި އިރާއި 16 މިނިޓެވެ. ހަތް މިނިޓުގެ ތަފާތެކެވެ.
- ރާއްޖޭގައި ހާފް މެރެތަން އެއްގެ 20 ކިލޯމީޓަރު އަންހެނަކު އެންމެ އަވަހަށް ފުރިހަމަކޮށްފައިވަނީ އެއްގަޑި އިރާއި 23 މިނިޓުންނެވެ. ހާފް މެރެތަން ރޭސް ވޯކިންގެ ދުނިޔޭގެ މި ރިކޯޑަކީ އެއްގަޑި އިރާއި 28 މިނިޓެވެ. ފަސް މިނިޓުގެ ތަފާތެކެވެ.
- ރޭސް ވޯކް ކުރާއިރު މީހާގެ ކޮންމެވެސް އެއް ފައި އަބަދުވެސް ހުންނަންވާނީ ބިމުގައި ޖެހިފަ އެވެ. ސްޕީޑް ނަގާއިރު ރޭސްވޯކިން ދުވުމާ ތަފާތުވަނީ އެހެންނެވެ. ރޭސް ވޯކިން މުބާރާތްތަކުގައި ޖަޖުކުރަނީ މިގޮތަށް ބަލާފަ އެވެ.
- ރޭސް ވޯކް ކޮށްގެން ދުވުމާ އެއްވަރުގެ ސިއްހީ ފައިދާ ލިބެ އެވެ. އެކަމަކު މިއީ ދުވުމަށްވުރެ ރިސްކު ކުޑަ ކަސްރަތެކެވެ.
ލީލާއަށް ދަސްވީ ކޮން ކަމެއް؟
"ހިނގަން ފެށީމަ އެނގުނު ކަމަކީ ދުވި އިރު ބޭނުންކުރި މަސްތައް ނޫން ކަން މިހާރު މި ބޭނުންކުރަނީ. މިސާލަކަށް ހިނގާއިރުގަ ފޫކޮޅު މަތީގެ މަސްތައް ތަންކޮޅެއް ބޮޑަށް ބޭނުންކުރާނެ. ސްޕީޑް ނަގާ ވަރަކަށް ފިޔަވަޅު އަޅާ ގޮތް ބަދަލުކުރަން ޖެހޭކަން އެނގުނު. ހިނގާއިރު، އަތުގެ މޫވްމަންޓާއި ފައި ލޭންޑްކުރާ ގޮތަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭކަން އެނގުނު،" ލީލާގެ ފޮތުގައި މިވަގުތަށް އޮތީ މުޅިން ވެސް ރޭސް ވޯކް ކުރާނެ ގޮތުގެ ޓިޕްސް އެވެ.
އޭނާ ބޭނުން ވަނީ މި ހުރިހާ މައުލޫމާތަކާއި ތަޖުރިބާއަކާ އެކު މީހުންނަށް ހިނގުމަށް ހިތްވަރު ދިނުމަށެވެ. ހިނގާފައި މެރެތަން އެއް ޖެހިދާނެ ކަން މިހާރު ސާބިތުކޮށްދީފި އެވެ. އެއީ ވެސް ވެދާނެ ކަމެއް ކަން ޔަގީން ކަމާއެކު މީހުންނަށް ބުނެދޭޏް އޭނާ ބޭނުންވެ އެވެ. ނު ދުވެވުނަސް ހިނގިދާނެ ކަން ބުނެދޭން ބޭނުންވެ އެވެ.
"އަހަރެން މިހާތަނަށް 20 މެރެތަން ދުވެފިން. މީހުން އަހާނީ ކިތަށް މެރެތަން ތޯ ދުވީ. މީހުން ނާހާނެ ދުވުން ނިންމީ ހިނގާފައިތޯ ނުވަތަ ދުވެފައިތޯ. އެހެންވީމަ ހިނގާފައި މެރެތަން އެއް ނިންމާލެވުމަކީ ވެސް ކާމިޔާބެއް," ލީލާ ބުންޏެވެ.
ކަސްރަތުގެ ބޭނުމަކީ ހެލިފެލިވެ އުޅުމެވެ. ދުވަނީ ވެސް ދުޅަހެޔޮ ކަމަށެވެ. ހިނގުމުން ވެސް ލިބެނީ އެ ފައިދާ އެވެ. ލީލާ ބުނާ ހެން މިއިން އެއްވެސް ކަމަކީ އާދައިގެ ކަމެއް ނޫނެވެ. ތަގުދީރު ނިޔާކުރާ ގޮތުން ވަކި ހާލަތެއް މެދުވެރިވުމަކީ މާޔޫސްވާން ވީ ސަބަބެއް ނޫނެވެ. ކަކުލުގެ ފިކުރު އޮތަސް އަދިވެސް ލީލާ މެރެތަން ތަކުގައި ބައިވެރިވާނެ އެވެ. އެކަމަކު ދެން އޭނާ ބޮޑަށް ފެންނާނީ ދުވާ މީހެއްގެ ގޮތުގައެއް ނޫނެވެ. ބާރު ހިނގުންތެރިއެއްގެ ގޮތުގަ އެވެ.










