އަބުދާބީ، ޔޫއޭއީ (ފެބްރުއަރީ 9) - އޮފްސައިޑް ބެލުމަށް ފީފާއިން އާ ޓެކްނޮލޮޖީއެއް މިހާރު ކުރިއަށްދާ ފީފާ ކްލަބު ވާލްޑް ކަޕްގައި ބޭނުން ކުރަން ފަށައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ (ފީފާ) އިން އަންނަނީ ރެފްރީންނަށް ނިންމުންތައް ނިންމުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ދެ ޓެކްނޮލޮޖީއެއް ތައާރަފްކޮށް، ބޭނުން ކުރަމުންނެވެ. އެއީ ބޯޅަ ގޯލު ރޮނގު ހުރަސްކުރިކަން ޔަގީންކޮށްދޭ ގޯލް ލައިން ޓެކްނޮލޮޖީގެ އިތުރުން މެޗުގެ ފުރަތަމަ ރެފްރީ އާއި އެސިސްޓަންޓް ރެފްރީގެ އެހީތެރިންނަށް ނުފެންނަ ފައުލްތަކާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އެވެ.
ޔޫރަޕްގެ ބޮޑެތި ލީގުތަކާއި މުބާރާތްތަކުގައި މިހާރު ވީއޭއާރް އަންނަނީ ގަވާއިދުން ބޭނުން ކުރަމުންނެވެ. ވީއޭއާރްގެ އެހީގައި ޕެނަލްޓީ ދިނުމާއި، ރަތްކާޑު ދެއްކުމާއި، އޮފްސައިޑް ގޯލް ފަދަ ނިންމުންތަކުގައި ރެފްރީއަށް އެހީތެރިކަން ލިބެ އެވެ. ނަމަވެސް މި ޓެކްނޮލޮޖީއަކީ ބައެއް ފަހަރު ސަޕޯޓަރުން އެހާ ގަޔާވާ އެއްޗަކަށް ނުވެއެވެ. ސަބަބަކީ އޮފްސައިޑްތޯ ނުވަތަ ނޫންތޯ ބެލުމަށް ހޭދަވާ ވަގުތު ބައެއް ފަހަރު ދިގުވެ މެޗުގެ ފޯރިއަށް އަސަރުކުރާތީ އެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފީފާއިންވަނީ އާ ޓެކްނޮލޮޖީއެއް ތައާރަފްކޮށް ޓެސްޓް ކުރަން ފަށައިފަ އެވެ. ޔޫއޭއީގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވާލްޑް ކަޕްގައި މި ޓެކްނޮލޮޖީ އަންނަނީ ބޭނުން ކުރަމުންނެވެ. އާ ޓެކްނޮލޮޖީގެ އެހީގައި ކުޅުންތެރިޔާ އޮފްސައިޑްވާކަން ސިކުންތުކޮޅެއްގެ ތެރޭގައި އެނގޭނެ އެވެ. އަދި މިކަމުގެ ސަބަބުން ކުރިން ކުޅުންް މެދު ކަނޑާލާފައި ވީއޭއާރް އިން ރޮނގުތައް ދަމައި، ޔަގީންކުރަން ހޭދަވާ ވަގުތު ސަލާމަތްކުރެވޭނެ އެވެ.
އާ ޓެކްނޮލޮޖީގައި ވަގުތުން ގްރެފިކްސްގެ އެހީގައި ކުޅުންތެރިޔާ ހުންނަ ހިސާބު ޔަގީންކަމާ އެކު ބަލައިލެވޭނެ އެވެ. މެޗުތައް ކުޅޭ ސްޓޭޑިއަމްގެ ފުރާޅުގައި މި ޓެކްނޮލޮޖީ އަށް ހާއްސަ 12 ކެމެރާއެއް ހަރުކުރެވިފައިވާނެ އެވެ.
ފީފާއިން ކުރިން ޓެސްޓްކޮށްފައިވާ މި ޓެކްނޮލޮޖީގެ ކްލަބް ވޯލްޑް ކަޕްގެ ހުރިހާ މެޗެއްގައި ބޭނުން ކުރަން ނިންމާފައިވާއިރު، ދުނިޔޭގެ އެންމެ އަގުބޮޑު ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގައި މި ޓެކްނޮލޮކީ ބޭނުން ކުރާނެކަމަށް ބެލެވެނީ ކުރިއަށް އޮތް ސީޒަނުގެ ކުރިން ޓްރަޔަލް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ.
މިހާރު ގިނަ ލީގު ތަކުގައި ބޭނުން ކުރަމުން އަންނަ ވީއޭއާރުގެ ނިންމުންތަކަށް ފަހަކަށް އައިސް ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު، އާ ޓެކްނޮލޮޖީއާއިއެކު ފުޓްބޯޅައިގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ރިއަލްޓައިމްކޮށް މި ޓެކްނޮލޮޖީގެ އެހީގައި ނިންމުންތައް ނިންމޭނެތީ އެވެ.
ކްލަބް ވޯލްޑް ކަޕްގައި ރެފްރީކަން ކުރާ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި މި ޓެކްނޮލޮޖީ އަކީ އިތުބާރު ކުރެވޭ އަދި ނިންމުންތަކުގެ ޔަގީންކަން ބޮޑުކޮށްދޭނެ އެހީއަކަށް ވާނެ އެވެ.
ފީފާއިން ތައާރަފް ކުރި އާ ޓެކްނޮލޮޖީ ބޭނުންކުރާ މެޗެއްގައި ކުޅޭނެ ޔޫރަޕްގެ ފުރަތަމަ ކުލަބަކީ ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އެވެ. ކުލަބު ވާލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ޗެލްސީ ނިކުންނާނީ އޭޝިއާގެ ޗެމްޕިއަން އަލް ހިލާލާ ދެކޮޅަށެވެ.












