މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ ހަމަޖައްސައިފި އެވެ.
އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ހުސެއިން ނިޔާޒް އެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ އެވެ.
އުރީދޫ އިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެވުން ދެކެނީ ވަރަށް ފަހުރުވެރިކަމެއްގެ ގޮތުގައި ކަމަށެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ އެންމެ ވާދަވެރި އެއް ފުޓްސަލް މުބާރާތް ކަމަށާއި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ފެނިގެންދާ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް ކަމަށްވާތީ މުބާރާތް ކުރިއަށްދަނީ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022"ގެ ނަމުގަ އެވެ. މީގެ ކުރިން ވެސް ސޮނީ ސްޕޯޓްސް އިން ވަނީ މުބާރާތް ބާއްވާ ހުރިހާ ފަހަރެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ ގުޅިގެން މި މުބާރާތުގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު، މިއީ ޓައިޓަލް ސްޕޮންސަރަކަށް މަސައްކަތްކުރާ ދެ ވަނަ ފަހަރެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެެލެންޖް ބާއްވާ ހަ ވަަނަ ފަހަރެވެ. މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމެއް ކުޅޭނެ އެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މި މަހު 18 ވަނަ ދުވަހު ފަށާ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ތައްޔާރުވުމުގެ މަސައްކަތް ރަށްތަކުން އަންނަނީ ފޯރީގައި ކުރަމުންނެވެ.
ރަށްރަށުގެ ޓީމުތަކުން ސްޕޮންސަރުން ހަމަޖެއްސުމުގެ މަސައްކަތުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކޯޗުން ގެނެސް، ގިނަ ރަށްތަކުގެ ޓީމުތަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ގިނަ ރަށްރަށުން ޓީމުގެެ ކަންކަން ހަމަޖެއްސުމުގައި ކައުންސިލްގެ އެހީތެރިކަން ހޯދައި، ވީ އެންމެ ފުޅާކޮށް ރަށުގެ އެންމެންގެ ބައިވެރިވުން މިކަމުގައި ހޯދަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގެ ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އެވެ. މީގެ އިތުރުން އޮންލައިން ދެ ނޫހެއް ކަމަށްވާ ވަން އޮންލައިން އާއި ފަހު މިނިޓް ވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ޕާޓްނަރުންގެ ގޮތުގައި މަސައްކަތްކުރެ އެވެ.












