އިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އާއި އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)އިން އިސްލާމީ ތަރުބިއްޔަތު ދިރުވާ އާލާ ކުރުމަށް ފަންޑެއް ހުޅުވައިފި އެވެ.
އެ ފަންޑު އުފައްދާފައި ވަނީ "އައިއޯސީސީ ވަގްފު ފަންޑު"ގެ ނަމުގަ އެވެ.
އައިއޯސީސީން ބުނީ އެ ފަންޑު ގާއިމު ކުރުމުގެ މަގުސަދަކީ މުސްތަގުބަލުގައި އެ ފަންޑު ދިރުވައިގެން ތައުލީމާއި ތަރުބިޔަތާއި އިސްލާމީ ހަޟޯރަތާއި ސަގާފަތް އާލާކޮށް ދިރުވުމަށް ފަންޑުން ހަރަދު ކުރުން ކަމަށެވެ.
އެ ފަނޑުގައި ގާއިމުވެގެންވަނީ އައިއޯސީސީން ނެރޭ އިލްމީ ފޮތްތަކާއި ދިރާސާތަކުން ލިބޭ ފައިސާ އާއި ހެޔޮ އެދޭ ފަރާތްތަކުން އެ ފަނޑަށް ދޭ އެހީތަކުގެ މައްޗަށެވެ.
އައިއޯސީސީން، މުސްތަގުބަލެއްގައި ގިނަ ފޮތްތަކެެއް ޗާޕުކުރުމަށް ތައްޔާރުވަމުން ދާއިރު، ޕްރީ ސްކޫލް މަރުހަލާގައި ކިޔަވައިދޭން ހާއްސަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އެ ފޮތް ސެޓްގައި ހިމެނެނީ ޖުމުލަ 40 ފޮތެވެ. އެ ފޮތްތަކަކީ ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އަދި އެސްކޭޖީ މި ހަތަރު މަރުހަލާގެ ފޮތްތަކެވެ.
އެ ފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ އިސްލާމް، ދިވެހި، ގުރުއާން، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީސް، ސައެންސް އެންޑް ޓެކްނޮލެޖީ، ކްރިއޭޓިވް އާރޓްސް، ހެލްތު އެންޑް ވެލްބީން، އަދި ވެލިއުސް އެންޑް އެތިކްސް އެވެ.












