ރިޕޯޓުއުކުޅަސް ހެވި ދިލިފައި، ސަބަބަކީ ލޯކަލް ޓޫރިޒަމްގެ ނަފާ

އުކުޅަސް ހެވި ދިލިފައި، ސަބަބަކީ ލޯކަލް ޓޫރިޒަމްގެ ނަފާ

އެކަމުގެ ފަހަތުގައި އޮތީ 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސް ސިޔާސަތަށް ގެނައި ބަދަލެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމަށް ހާއްސަ ގެސްޓް ހައުސްތައް ހިންގޭ ގޮތަށް ރާއްޖެ އަށް ލޯކަލް ޓޫރިޒަމް ތައާރަފްކުރި ކުރުމެވެ.

އުކުޅަހުގެ ތުނޑި ފެންނަ ޑްރޯން ފޮޓޯއެއް. --ފޮޓޯ: ވައިލްޑް މޯލްޑިވްސް
އުކުޅަހުގެ ތުނޑި ފެންނަ ޑްރޯން ފޮޓޯއެއް. --ފޮޓޯ: ވައިލްޑް މޯލްޑިވްސް

އަރިއަތޮޅު އުތުރުބުރީގައި އޮންނަ އުކުޅަހަކީ ކުރިން މަސްވެރި ރަށެކެވެ. އޭރު މަހަށް ފުރާ 13 ގަނޑެތި އޮވެ އެވެ. ރަށުގެ ގިނަ މީހުން އާމްދަނީ ހޯދަނީ ވެހޭހާ ވާރެއަކާއި ދޭހާއަތްވެއްގައި ލޯބޯ ފިއްސައިގެންނެވެ. ބައެއް ޒުވާނުން ރަށުން ބޭރުގައި ރިޒޯޓްތަކުގައި މަސައްކަތްކޮށްގެން ވެސް އޭރު އާމްދަނީ ހޯދި އެވެ. އެކަމަކު މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. މަހަށް ފުރަނީ އެންމެ ދޯންޏެކެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް އާމްދަނީ ހޯދަނީ ރަށުގައި ތިބެގެންނެވެ. ކުރިއާ ބަލާއިރު ރަށުގެ އިގްތިސާދީ ބޮޑުތަނުން ކުރި އަރައިފި އެވެ. ރަށުގެ އާއްމު ހާލަތު ބޮޑުތަނުން ރަނގަޅުވެއްޖެ އެވެ.

އޭގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ފަހަތުގައި އޮތީ 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސް ސިޔާސަތަށް ގެނައި ބަދަލެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމަށް ހާއްސަ ގެސްޓް ހައުސްތައް ހިންގޭ ގޮތަށް ރާއްޖެ އަށް ލޯކަލް ޓޫރިޒަމް ތައާރަފްކުރި ކުރުމެވެ.

"މި ރަށު ފަޅުތެރެއަށް ވަދެ އޮތް މުށިމަސްތަކަށް ވުރެ މިއަދު މި ރަށުގައި ޑޮލަރު ތިޔާގިވާނެ،" ކުރިން މަހަށް ދިޔަ އެކަމަކު މިހާރު ގެސްޓް ހައުސްއެއް ހިންގާ މީހަކު ބުންޏެވެ.

"ލޯކަލް ޓޫރިޒަމްއާ އެކު މި ރަށް ވިދާލައިފި."

އުކުޅަހުގެ މަގެއް. --ފޮޓޯ: ޒުބްލޫޑައިވިން
އުކުޅަހުގެ މަގެއް. --ފޮޓޯ: ޒުބްލޫޑައިވިން

އުކުޅަހުގެ މަގެއް. --ފޮޓޯ: ޒުބްލޫޑައިވިން

އެހެންވެ އެމްޑީޕީން އޭރު ސިޔާސަތަށް ގެނައި ބަދަލާ މެދު އޭނާގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ. އެ ބަދަލާ އެކު އެތައް ބަޔެއްގެ އާމްދަނީ އެތައް ގުނައެއް ބޮޑުވެއްޖެ އެވެ. އެންމެ ތިން ކޮޓަރިއާ އެކު ފެށި ނަމަވެސް މިހާރު 250 އެއްހާ ކޮޓަރި އެބަހުއްޓެވެ. މިއަދު މި ރަށުގައި 34 ގެސްޓް ހައުސް އޮޕަރޭޓްކުރެ އެވެ.

މި ރަށަކީ، ލޯކަލް ޓޫރިޒަމްގެ ރާއްޖޭގެ ހަބު ކަމަށްވާ ކ. މާފުށީގެ ދެ ވަނަ މާފުށި ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ. ރަށު ކައުންސިލަށް މިހާރު ވެސް ހުއްދަ ހޯދަން ފޮނުވާފައިވާ ޕްރޮޖެކްޓްތަކަށް ބަލާއިރު ފެންނަނީ ކުރިއަށް އޮތް ދެ އަހަރު ޓޫރިޒަމް މުޅިން އެހެން ލެވެލަކަށް ދާނެ މަންޒަރެވެ.

ލޯކަލް ޓޫރިޒަމްއާ އެކު މި ރަށަށް އައި ބަދަލު ފެންނަނީ ޓޫރިޒަމް ނެތް ކައިރި އެހެން ރަށްރަށާ އަޅާކިޔުމުންނެވެ. މި ރަށުގައި މިއަދު ކޮންމެ ކަހަލަ ވިޔަފާރިއެއް މީހަކު ކުރިކަމަށް ވިޔަސް ވެސް، ކޮންމެ ކަހަލަ މަސައްކަތެއް ކުރިޔަސް އެކަމަކުން އެކަށީގެންވާ އާމްދަނީއެއް އެ މީހަކަށް ލިބެ އެވެ.

"އެންމެ ކުޑަމިނުން، ރެސްޓޯރެންޓަކަށް ރޮށިފިހާ މީހަކަށް ވެސް މަހަކު 15000 އެއްހާ ރުފިޔާ އެބަލިބޭ،" އުކުޅަސް ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް (މަނިކު) "އަދަދު" އަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު އުކުޅަސް ގެސްޓް ހައުސްއެއް ބައްލަވާލައްވަނީ. ޝައުކަތު (ވ-2) ގައި.
ރައީސް ނަޝީދު އުކުޅަސް ގެސްޓް ހައުސްއެއް ބައްލަވާލައްވަނީ. ޝައުކަތު (ވ-2) ގައި.

ރައީސް ނަޝީދު އުކުޅަސް ގެސްޓް ހައުސްއެއް ބައްލަވާލައްވަނީ. ޝައުކަތު (ވ-2) ގައި.

މި ރަށް ކައިރީ އެހެން ރަށްރަށުގެ ކަންމަތީ ފިހާރަތަކުގެ އެވްރެޖް ސޭލްސް އުޅެނީ ދުވާލަކަށް 4000-5000 އާ ދެމެދުގަ އެވެ. މި ރަށުގެ ފިހާރަތަކަށް އެވްރެޖްކޮށް ސީޒަން ތެރޭގައި ދުވާލަކު 35،000-40،000 ރުފިޔާ ވަދެ އެވެ. ކައިރި ރަށްރަށުގެ ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓްތަކުގެ ސޭލްސް އުޅެނީ ދުވާލަކަށް 4000-5000 އާ ދޭތެރޭގަ އެވެ. މި ރަށުގެ އެވްރެޖް ރެސްޓޯރަންޓްތަކުގެ ސޭލްސް އެވްރެޖްކޮށް 40،000 ރުފިޔާ އަށް އަރަ އެވެ.

ޓޫރިޒަމްއާ ގުޅުވައިގެން ރަށުގައި ކުދިކުދި ވިޔަފާރިތައް އުފެއްދުމުގެ ބޭނުމުގައި ކައުންސިލުން މިދިޔަ އަހަރު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި ކުރުނބާ ގާޑިޔާ ޕްރޮޖެކްޓަކީ ވެސް، ކޮންމެ ކަމެއް ކުރިޔަސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމުގެ މިސާލެކެވެ. ސީޒަން ތެރޭގައި ކޮންމެ ގާނޑިޔަލަކަށް މަހަކު 3000 އެއްހާ ޑޮލަރު ވަނެ އެވެ.

"މިއީ ގާތްގަނޑަކަށް ހަމަ ރަނގަޅު އާއިލާއެއް ދެ އާއިލާއެއް ހިތްހަމަޖެހިލައިގެން އުޅެވޭ ވަރުގެ އާމްދަނީއެއް،" ޝައުކަތު ވިދާޅުވި އެވެ.

އޭގެ އިތުރުން ބޭކަރީތަކާއި ރެސްޓޯރަންޓްތަކަށް ބޭނުންވާ ކޭކު އެޅުމާއި ޕާން ފިހުމާއި ގެސްޓް ހައުސްތަކަށް ލޯންޑަރީ ހިދުމަތް ދިނުމަކީ ވެސް ރަނގަޅު އާމްދަނީ ލިބޭ މަސައްކަތްތަކެވެ. ޝައުކަތު ވިދާޅުވި ގޮތުގައި ކުރީގައި މަސްވެރިކަން ކަހަލަ މަސައްކަތްތަކުގައި އުޅުނު މީހުން ވެސް މިހާރު ހަމަ ގާތްގަނޑަކަށް މުޅި އާއިލާގެ އެންމެން އުޅެނީ ޓޫރިޒަމްގެ ތެރޭގައި ކަމަށެވެ.

އުކުޅަސް ގެސްޓް ހައުސްއެއް. --ފޮޓޯ: ޒުބްލޫ ޑައިވިން
އުކުޅަސް ގެސްޓް ހައުސްއެއް. --ފޮޓޯ: ޒުބްލޫ ޑައިވިން

އުކުޅަސް ގެސްޓް ހައުސްއެއް. --ފޮޓޯ: ޒުބްލޫ ޑައިވިން

މި ރަށުގެ ޓޫރިޒަމަށް ރަށު މީހުންނާއި ރަށުން ބޭރު މީހުން ވެސް އިންވެސްޓްކޮށްފައިވެ އެވެ. އެކަމަކު ރަށުން ބޭރު އިންވެސްޓްމަންޓްތަކުގައި ވެސް ރަށުގެ މީހެއްގެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް އާއްމުކޮށް އޮވެ އެވެ. އެހެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޓޫރިޒަމްގެ ނަފާ އަންނަނީ ރަށަށް ކުރަމުންނެވެ.

"މަސްވެރިކަން ހުއްޓާލާފައި ގެސްޓް ހައުސްއެއް ހިންގަން ފެށިތާ އަދި އަހަރެއް ނުވޭ. މިހާރު ވެސް އިންވެސްޓްމަންޓް ކަވަރުވެ، ބޮޑު ފައިދާއެއް އެބަވޭ،" ކުރިން ވާހަކަ ދެއްކި ގެސްޓް ހައުސް ވިޔަފާރިވެރިޔާ ބުންޏެވެ.

ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ބައެއް ރަށްރަށުގައި ވިޔަފާރީގެ ވިސްނުން މާބޮޑަށް އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ކޮންޓްރޯލުން ނައްޓައިގެން އެބަ ދެ އެވެ. ރަށަށް ނުތަކާ ވަރަށް ގެސްޓް ހައުސްއަށް ހުއްދަ ދިނުމުގެ ސަބަބުން އޭގެ ނުރަނގަޅު އަސަރު އެބަ ކުރެ އެވެ. އެއީ އުކުޅަސް ސަމާލުވެ އޮތް ކަމެކެވެ. ކައުންސިލުން އާ ޕްރޮޕަޓީސްތަކަށް ހުއްދަ ދެނީ ހިސާބު ޖަހައިފަ އެވެ. ޓޫރިސްޓުން ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ ގޮނޑުދޮށުގައި ކަމަށްވުމުން ގޮނޑުދޮށުގެ ކެޕޭސިޓީއަކީ ހުއްދަދޭ އިރު ބަލާ ކަމެކެވެ.

ނަސީބަކުން މި ރަށަކީ ވަށައިގެން ގޮނޑުދޮށް އޮތް "ބީޗް އައިލެންޑެކެ"ވެ. މާފުށްޓާ އަޅާބަލާއިރު މި ރަށުގެ ގޮނޑުދޮށް ހަތަރު ފަސް ގުނަ ބޮޑެވެ. ކައުންސިލުން ޖަހާފައިވާ ހިސާބަށް ބަލާއިރު ދަތިކަމެއް ނެތި އެއް ވަގުތެއްގައި 1500 ޓޫރިސްޓުން ބީޗުގައި އެކޮމަޑޭޓްކުރެވޭނެ އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެއަށް ބަލައި، ރަށުގެ ބިލްޑިން ކޯޑް ކޮންޓްރޯލްކޮށްފައި މިއޮތީ،" ޝައުކަތު ވިދާޅުވި އެވެ.

އުކުޅަސް ގޮނޑުދޮށް. --ފޮޓޯ: ޒުބްލޫ ޑައިވިން
އުކުޅަސް ގޮނޑުދޮށް. --ފޮޓޯ: ޒުބްލޫ ޑައިވިން

އުކުޅަސް ގޮނޑުދޮށް. --ފޮޓޯ: ޒުބްލޫ ޑައިވިން

ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމާއި ބީޗުތައް އޭގެ ގޮތުގައި ބޭއްވުމާއި ރަށް ސާފުކޮށް ބޭއްވުމަކީ ވެސް ޓޫރިޒަމްގެ ކުރިއެރުވުމަށްޓަކައި ކައުންސިލުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެކެވެ. ބީޗް ސާފުކުރުމާއި ވަލުމަގުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން ވަނީ މުވައްޒަފުން ލައިފަ އެވެ.

"އެއީ ޑެއިލީކޮށް ހިނގާ ޕްރޮގްރާމެއް،" ޝައުކަތު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުގެ ލޭންޑްސްކޭޕިން ހެދުމަށް ވެސް ކައުންސިލުން އިސްކަންދެ އެވެ. އެކި ހިސާބުތަކުގައި ބިނާތައް ބެހެއްޓުމާއި ރަށުތެރޭގައި ޕާކުތައް ހެދުމާއި ބަގީޗާ ހެއްދުމުގެ ޕްލޭނެއް ހަދައި އެކަމަށް ފައިސާ ވެސް ވަނީ އެލޮކޭޓްކޮށްފަ އެވެ.

"ބޭނުމަކީ ހަގީގަތުގައި ސަސްޓެއިނަބަލް ޓޫރިޒަމަށް މަގުފަހިކުރުން. ރަށަށް އަރާ މީހުންނަށް ހިތްހަމަޖެހުން ހޯދައިދިނުން ހަގީގަތުގައި އެންމެ ބޮޑު ބޭނުމަކީ،" ޝައުކަތު ވިދާޅުވި އެވެ.

ލޯ ސީޒަން ތެރޭ ގެސްޓް ހައުސްތަކަށް އެހީވެދިނުމަށް ސަރުކާރުގެ އެހީގައި ކައުންސިލުން ވަނީ ރަށުގައި ކޮންވެންޝަން ސެންޓަރެއް އަޅައިފަ އެވެ. އެއާ އެކު ރަށުގައި ބައިނަލްއަގްވާމީ ކޮންވެންޝަންތައް ބޭއްވޭނެ އެވެ. އަދި އެ ކޮންވެންޝަންތަކަށް އަންނަ މީހުންތަކާ އެކު ގެސްޓް ހައުސްތަކަށް ބޮޑު ފައިދާއެއް ކުރާނެ އެވެ.

ކުރިމަގު އޮތީ ކިހިނެއް؟

ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި، ކައުންސިލުގެ ބައެއް ބިންތައް ސިޓީ ހޮޓާ ތަރައްއްގީކުރުމަށް ދޫކުރުމުގެ ވިސްނުން އެބައޮތެވެ. އަދި އަލަށް ހިއްކާ ސަރަހައްދުގައި ޓޫރިޒަމް ޒޯނެއް ހަދަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. ރާވާފައި އޮތީ އެ ސަރަހައްދުން ބިން ވިއްކުމަށެވެ.

"އެ ބިންތަކަށް އަޅުގަނޑުމެން މި ބަލަނީ ރަނގަޅު އިންވެސްޓްމަންޓްތައް އަންނާނެކަމަށް. އެއާ އެކީގައ ރަށުގެ ޓުއަރިޒަމް ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑުތަން ފުޅާވެގެން ދާނެކަމަށް އަޅުގަނޑުމެން ދެކެނީ،" ޝައުކަތު ވިދާޅުވި އެވެ.

ޓޫރިޒަމް އަށް ވަންނަ ފައިސާ އިން ކައުންސިލަށް އާމްދަނީ ހޯދުމަކީ ވެސް އޮތް ވިސްނުމެކެވެ. އެގޮތުން ރަށުގެ ފެރީ ޓާމިނަލް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެތަނުގެ ތެރެއިން ޓޫރިސްޓުން ރަށުތެރެއަށް އެތެރެވެވޭ ގޮތް ވަރަށް އަވަހަށް ހަދާނެ އެވެ. އެގޮތުން މިހާރު ހުރި އެމްޓީސީސީގެ ފެރީ ޓާމިނަލް ކައުންސިލަށް ނަގައި އެތަން ޒަމާނީ ތަނަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ފެރީ ޓިކެޓްގެ ތެރެއިން އަޅުގަނޑުމެން ބަލަނީ ލޯކަލް ޓެކްސް އެއް އިތުރުކުރަން. އޭގެ ތެރެއިން ކޮންމެ ޓުއަރިސްޓެއްގެ އަތުން ކައުންސިލަށް ލާރިއެއް ލިބޭނެ ގޮތެއް އިންތިޒާމްކުރާނަން،" ޝައުކަތު ވިދާޅުވި އެވެ. "އެއާ އެކު ރެކޯޑްސްތައް ވެސް ފަސޭހައިން ބެލެހެއްޓޭނެ."

އުކުޅަސް ގެސްޓް ހައުސްއެއް. --ފޮޓޯ: ޒުބްލޫ ޑައިވިން
އުކުޅަސް ގެސްޓް ހައުސްއެއް. --ފޮޓޯ: ޒުބްލޫ ޑައިވިން

އުކުޅަސް ގެސްޓް ހައުސްއެއް. --ފޮޓޯ: ޒުބްލޫ ޑައިވިން

ސަރުކާރުން ވަނީ ލޯކަލް ޓޫރިޒަމްގެ ތެރެއަށް ހޯމްސްޓޭ ކޮމްޕޯނެންޓް ދާދި ފަހުން ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. އެއީ އަމިއްލަ މީސްމީހުންގެ ގެއިން ކޮޓަރި ވިއްކޭނެ އުސޫލެކެވެ.

ޝައުކަތު ވިދާޅުވީ އުކުޅަސް ރައްޔިތުންނަކީ ޓުއަރިޒަމަށް ވަރަށް ބޮޑަށް ސަޕޯޓްދޭ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި އެހެންވެ އެފަދަ ކޮންމެ ކަމަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ހޯމްސްޓޭގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަމަކަށް އޭނާ ނުދެކެ އެވެ.

"މިރަށުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ހޯމްސްޓޭ އައުމަކީ ލޯކަލް ޓުއަރިޒަމަށް އިފެކްޓްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް. ހޯމް ސްޓޭ އަށް މި އަންނަނީ ތަފާތު ކެޓަގަރީގެ ޓޫރިސްޓުން،" ޝައުކަތު ވިދާޅުވި އެވެ.

އެހެންވީމާ އެއީ މިރަށަށްއިތުރަށް އާމްދަނީ ލިބޭނެ ކަމަކަށް ވާނެ ކަމަށް މިރަށުގެ ރައްޔިތުން ގަބޫލުކުރަނީ. ކުރިއަށް އޮތް ތާނގައި މިރަށުގައި ވެސް ހޯމްސްޓޭ ޓޫރިޒަމް ވެސް ވަރުގަދަވެގެންދާނެ ކަމަށް އަޅުގަނޑު ދެކެނީ."

މިއަދު އުކުޅަސް ފެންނަނީ ހެވި ދިލިފައި އޮންނަ ތަނެވެ. އޭގެ ސަބަބު ވަރަށް ސާފެވެ.

މުހައްމަދު ހަމްދޫން

…

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox