ކައުންސިލްތަކަށް ކުންފުނި ރަޖިސްޓްރީ ކޮށްދެވޭނީ، ލޯކަލް އޮތޯރިޓީ ކުންފުނީގެ ގަވާއިދު އިސްލާހުކުރުމަށްފަހު ކަމަށް އިކޮނިމިކް މިނިސްޓްރީން މިއަދު ބުނެ އެވެ.
ކައުންސިލްތަކަށް ވިޔާފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" އެކުލަވާލައި 2021 އެޕްރީލް، 4 ވަނަ ދުވަހު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީން މަރިޔަމް ވިޝާމް ވިދާޅުވީ ދިހަ ވަރަކަށް ކައުންސިލުން ކުންފުނި އުފެއްދުމަށް ޝައުގުވެރިކަން ފާޅުކޮށް ބައެއް ކައުންސިލް ތަކުން ކުންފުނި އުފެއްދުމަށް ހުށަހަޅާފައިވާ ކަމަށެވެ.
"ގިނައިން ހުށަހަޅާފައި ހުރީ އާބާދީ ބޮޑެތި ރަށްތަކުން،" ވިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނި ރަޖިސްޓްރީ ކުރުމަށް ކައުންސިލްތަކުން ގިނައިން ހުށަހަޅާފައި ހުރީ އާންމު އެހެން ފަރާތްތަކުން ވެސް ކުރާ ބާވަތުގެ ވިޔަފާރިތައް ކުރުމަށެވެ. އެ ހުށަހެޅުންތަކަށް ބަލާއިރު، މިހާރު އެކުލަވާލާފައިވާ ގަވާއިދަށް އިސްލާހު ގެންނައުން މުހިންމު ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަމިއަލް ފަރާތްތަކުން ވެސް ކުރާ ވިޔާފާރިތައް ކައުންސިލުން ކުރަން ހުށަހަޅާފައި، ގަވާއިދަށް އިސްލާހު ގެނެސް ކުންފުނި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދޭނަން،" ވިޝާމް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 70 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެ އެވެ. އަދި ކައުންސިލްތަކުން ވިޔަފާރި ކުރުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައި ހިންގިދާނެ އެވެ.
ޅޯކަލް އޮތޯރިޓީ ކުންުފުނި އުފެއްދުމާ ބެހޭ ގަވާއިދުގައި، އަމިއްލަ ފަރާތަކާ ބައިވެރިވާ ގޮތަށް ކައުންސިލުތަކަށް ކުންފުނި ރަޖިސްޓްރީ ކޮށްދިނުމުގައި ބަލާނެ ހަ ކަމެއް މިހާރު ވެސް ފާހަގަ ކޮށްފައިވެ އެވެ. އެއީ:
- އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ސިޓީއެއްގެ އާބާދީ އާއި އިގްތިސާދީ ހާލަތު.
- އަމިއްލަ ފަރުދުންނާއި ގާނޫނީ ޝަހުސިއްޔަތަކުން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަމުންގެންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު.
- އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ސިޓީއެއްގެ ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރު.
- އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ނުވަތަ އެ ސިޓީއެއްގެ މުޖުތަމައަށް ކުރާނެ ފައިދާ.
- އެ ރަށެއްގައި، ނުވަތަ އެ އަތޮޅެއްގައި، ނުވަތަ އެ ސިޓީއެއްގައި ވަޒީފާ އުފެދޭނެ މިންވަރު.
- ކުންފުނިން ކުރާނެ ވިޔަފާރިން އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު.










