ލިވަޕޫލް (ފެބްރުއަރީ 6) - އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ދެ ވަނަ ޑިވިޝަނުގެ ކާޑިފް ސިޓީ އަތުން 3-1 އިން މޮޅުވެ، ލިވަޕޫލުން މުބާރާތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ލިވަޕޫލްގެ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ހަތަރު ގޯލު ވެސް ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ލިވަޕޫލްގެ އެޓޭކްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މިސްރުގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ މިރޭ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފައިނަލުގައި ވާދަކުރާނެ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ފަށައިގެން މާގިނައިރެއް ނުވެ، ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޖޮޓާ އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ކާޑިފްގެ ކީޕަރު ޑިލޯން ފިލިޕްސް ވަނީ މަތަކޮށްފަ އެވެ. ކާޑިފް އިން އޭގެ ފަހުން ފުރަަތަމަ ހާފުގައި ލިވަޕޫލަށް އިތުރު ފުރުސަތެއް ތަނަވަސްކުރެވޭ ވަރަށް ވުރެ ރަނގަޅަށް ޑިފެންސްކުރި އެވެ.
ދެ ވަނަ ހާފް ފެށުނުތަނާ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ ކުރިއަށް އެރި ބޯޅައެއްގައި ކާޑިފްގެ މާކް ހެރިސް އަށް ފައުލެއް ކުރުމުން ރެފްރީ ވަނީ ކެލަހާ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ. ކެލަހާ އަށް ރަތް ކާޑެއް ދައްކަން ޖެހޭ ކަމަށް ބުނެ، ކާޑިފް އިން އެޕީލްކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ފަހު ރެފްރީ ނިންމީ ރީނދޫ ކާޑަކީ ރަނގަޅު ނިންމުން ކަމަށެވެ.
ލިވަޕޫލުން ދެ ވަނަ ހާފް ފެށިގެން އަށް މިނިޓް ތެރޭ މެޗުގެ ފުރަތަމަ ގޯލު ޖެހި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ހިލޭ ޖެހުމަކުން ނެގި ބޯޅަ ޖޮޓާ ވަނީ ބޮލުން ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ. ލަނޑަށް ފަހު ލިވަޕޫލުން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. ދާދި ފަހުން ޕޯޓޯ ދޫކޮށް ލިވަޕޫލާ ގުޅުނު ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒާއި ޒުވާން މިޑްފީލްޑަރު ހާވީ އެލިއަޓް ކުޅެން އެރި އެވެ. އެލިއަޓް ކުޅެން ނުކުތީ ފައިގެ ކުޑަ ހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ.

ލިވަޕޫލްގެ އެލިއަޓް (މ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ޖޮޓާ (ކ) އާއި އާނޯލްޑް (ވ)އާ އެކު އުފާފާޅުކުރަނީ.
މެޗުގެ 68 ވަނަ މިނިޓްގައި ލިވަޕޫލުން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލުގައި ޑިއާޒް މުހިންމު ރޯލެއް ކުޅުނެވެ. ރޮނގުމަތިން ކަހަލަ ގޮތަކަށް ކާޑިފްގެ ޑިފެންޑަރު ޕެރީ އެންޖީ އަތުން ޑިއާޒް ބޯޅަ ހޯދައި ޖައްސާލި ބޯޅަ އޭރިއާތެރެއިން ހޯދައި، ޓަކޫމީ މިނަމީނޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ އެލިއަޓް އެވެ. އަންނަ މަހު 19 އަހަރު ފުރޭ އެލިއަޓް މި ގޯލު ޖެހީ އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ބަދަލުތަކެއް ގެނެސްގެން ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ ކުރި މަސައްކަތުގައި ކާޑިފް އިން ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ލިވަޕޫލް އޭރިއާތެރެއިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާޑިފްގެ ގޯލު ޖެހީ ރުބިން ކޯލްވިލް އެވެ.
އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި (ގަދަ 16 ޓީމުގެ ބުރުގައި) ލިވަޕޫލުން ނުކުންނާނީ އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީއާ ދެކޮޅަށެވެ.
ގަދަ 16 ޓީމު ކުޅޭ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ލޫޓަން ޓައުން ދަނޑުގައި އެ ޓީމު ކުޅޭނީ ޗެލްސީއާ އެވެ. ކްރިސްޓަލް ޕެލަސް އިން ސްޓޯކް ސިޓީއާ ކުޅޭއިރު، ޕީޓަބޮރޯ ނުކުންނާނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ވެސްޓް ހޭމް ޔުނައިޓެޑް ރަށުންބޭރުގައި ބައްދަލުކުރާނީ ސައުތެމްޓަންއާ އެވެ. މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލި މިޑްލްސްބަރާ އަމިއްލަ ދަނޑުގައި ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ.
ނޮޓިންހަމް ފޮރެސްޓާއި ލެސްޓާ ސިޓީ ކުޅެގެން މިރޭ މޮޅުވާ ޓީމެއް އަނެއް ބުުރުގައި ކުޅޭނީ ހަޑްސްފީލްޑް ޓައުންއާ އެވެ. ފްރޭންކް ލަމްޕާޑްގެ އެވަޓަން އަނެއް ބުރުގައި ކުޅޭނީ މިރޭ ބޯންމައުތާއި ބޯހަމް ވުޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.












