ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކޮމަންޑޫ ދާއިރާއަށް 2019 ވަނަ އަހަރު އިންތިހާބުވި އަލް މަރްހޫމް ހުސައިން ވަހީދު އަވަހާރަވުމުން ބާއްވަން ހުސްވެފައިވާ އެގޮނޑިއަށް މާދަމާ މެމްބަރަކު އިންތިހާބުކުރާނެ އެވެ. މާދަމާ އޮންނަ އެ އިންތިހާބަށް ކެމްޕޭންކުރަން އޮތް ވަގުތު މިހާރު މިނިމެނީ އެވެ.
އެ ގޮނޑި 2019 ވަނަ އަހަރު ހުސައިން ވަހީދު ކާމިޔާބުކުރެއްވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ރަޝީދު އިދުރީސް ބޮޑު ތަފާތަކުން ބަލިކުރައްވައިގެންނެވެ. އެ އިންތިހާބުގައި ހުސައިން 56.29 ޕަސެންޓް ވޯޓް ހޯއްދެވި އެވެ. ރަޝީދަށް ލިބިވަޑަައިގެންނެވީ 43.56 ޕަސެންޓެވެ. އެއީ އެކަމަކު ވެރިކަމުގައި އޮތް ޕާޓީގެ ކެންޑިޑޭޭޓަކާ ވާދަކުރައްވައިގެން ލިބުނީމާ އެހާ ދަށް ނަތީޖާ އެއް ވެސް ނޫނެވެ.
ވެރިކަމުގެ އެތައް ދައުރަކުން ނޫނީ ބައެއް ދާއިރާތަކަށް ނާންނެހާ ގިނަ މަޝްރޫއުތައް އެދާއިރާގައި ފެށީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގަ އެވެ. ޖެހިގެން އޮތް ރަށާއި ފާލަމަކުން ގުޅައިލުމާއި އެރަށުން ވެސް ބައެއް ހިއްކުމެވެ. ހިއްކާފައިވާ ބިން ހިމާޔަތްކުރާނެ ބޮޑުހިލަ ތޮށި ޖެހުމެވެ. ބަނދަރު މަރާމާތު ކުރުމާއި މިހެން ގޮސް އެތައް ކަމެކެވެ. ކޮމަންޑޫ ދާއިރާއަށް މިހާރު އައިސްފައިވާ ތަރައްގީގެ އީދަށް އެކަނި ބެލި ނަމަވެސް، ބުނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ "ރަންގޮނޑި" އަކަށް ވެއްޖެ ކަމަށެވެ.
މި ބައިއިލެކްޝަނުގެ ފޯރި މިހާ ގަދަވެގެން އުޅެނީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. އެއް ކަމަކީ މިއީ އެމްޑީޕީ އިސްކޮށް އޮތް ކޯލިޝަން ސަރުކާރުގެ ދައުރުގެ މެދު ތެރެއިން އައި އިންތިހާބަކަށް ވުމެވެ. ސަރުކާރަށް މިހާރު ތާއީދު އޮތް ނެތް ގޮތުގެ ކޮންމެވެސް ވަރެއްގެ "ސާމްޕަލެއް" މި އިންތިހާބުން ލިބޭނެ އެވެ. އަނެއް ކަމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްޕީއެންސީއަށް ނާކާމިޔާބުވި ސަބަބުތައް އަދިވެސް އެގޮތުގައި އެބަ އޮތްކަން ނުވަތަ ނޫންކަން ޓެސްޓްކޮށްލެވޭނެ އިންތިހާބަކަށް މި އިންތިހާބު ވުމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގެ ނަތީޖާއަކީ ހަމަ އެކަނި ސިޔާސީ ބާރުވެެރިކަމާ ގުޅިފައި އޮންނަ ކަމެއް ނޫންކަން ގަބޫލުކުރާ ގަބޫލުކުރުމެއް ރާއްޖޭގައި ކުރިއްސުރެ އޮވެ އެވެ. އެހެންވީމާ އެއީ އަދި އިދިކޮޅަށް އޮތް ތާއީދު އެހާ ރަނގަޅަށް ކިރައިލެވުނު އިންތިހާބެއް ނޫނެވެ. އިދިކޮޅަށް ނާކާމިޔާބުވި އިންތިހާބުގެ ފަހުން އޮށްޓަރެއް ހުރި " ފަލަ އިންތިހާބެއް" މިލައްވައިލީ މިފަހަރު އެވެ. އިދިކޮޅަށް މިގޮނޑި ރަނަށްވާ އެއް ސަބަކީ މި އެވެ.
ކޮމަންޑޫ ދާއިރާގެ މީހުންނަށް އޮތް އަނެއް ޗޮއިސް އަކީ ސިޔާސީ ގޮތުން އަދި ވަރަށް ޒުވާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. ސިިޔާސީ މަޝްރަހަށް ބަދަލެއް ގެނެވޭ ވަރުގެ ޕާޓީއެއްގެ ގޮތުގައި "އެސްޓެބްލިޝް" ވެލަން އެެޕާޓީއަށް މިއީ ރަނުގެ ފުރުސަތެކެވެ.
އިދިކޮޅުން ބުނަނީ ސަރުކާރު އެެ އުޅޭ ގޮތަކީ އެމީހުންގެ ކާމިޔާބީކަމަށް
އިދިކޮޅު ޕީޕީއެމްޕީއެންސީން ބައިއިލެކްޝަނަށް ކުރާ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ކާމިޔާބުވާނެކަން، މަންޒަރު ދުރުން ބަލަން ތިބި މީހުންނަށް ވެސް މިހާރު އެނގޭނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް އިއުލާނުކުރީއްސުރެ މުޅި ސަރުކާރު ގޮސް ކޮމަންޑޫ ދާއިރާގައި އުޅޭތީ އެވެ.
"ދައުލަތުގެ ވަޒީރެއް ހުއްޓަސް، ސްޓޭޓްމިނިސްޓަރެއް ހުއްޓަސް، އަދި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއް ހުރި ނަމަވެސް، ނޫނީވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އެބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރަކު ހުރި ނަމަވެސް، އަދި ނުވިތާކަށް މަހުޖަނަކު ހުއްޓަސް، ކޯލިޝަނުގެ މަހުޖަނުވެސް އައިސް އެހެރީ ކީކިމިނީގައި ބަނޑަހަޖަހައިގެން،" އަދުރޭ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެތައް ފަހަރަކު އެދާއިރާއަށް ވަޑައިގެންނެވުމަކީ ވެސް އަދުރޭ ދެކެވަޑައިގެންނެވި ގޮތުގައި ޕީޕީއެމަށް ގޮނޑި ލިބިދާނެ ކަމަށް ސަރުކާރުން ދެކޭތީ ކުރާހާ މަސައްކަތެވެ.

ށ. ކޮމަންޑޫގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ރެލީއެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ -- ފޮޓޯ: ޕީޕީއެމް
ކޮމަންޑޫ ދާއިރާގެ ގޮނޑި ނަގަން ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ އިދިކޮޅުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އެއީ ވެސް ޕީޕީއެމަށް އެނގޮޑި ދޭން ޖެހޭ ސަަބަބެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ސަރުކާރުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ، ނަހަމަގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ޓަކައި މަސައްކަތްކުރަމުންދާ ދިއުމަށް ނޫނެކޭ ރައްޔިތުން އެބަ ބުނަން ޖެހޭ، އަދުރޭ ވިދާޅުވި އެވެ.
ރައްޔިތުންގެ ފައިސާ ހަރަދުކުރަން ވާނީ އެކަމަށް ހުރި ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިންކަން ސަރުކާރަށް ހަނދާންކޮށްދޭން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޕީޕީއެމަށް މިފަހަރު ވޯޓްދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ނުކުމެވަޑައިގެން ހުންނެވި ފަތުހީއަކީ އެންމެ ގާބިލު އަދި ޓްރެކް ރެކޯޑް އެންމެ ރަނގަޅު ކެންޑިޑޭޓެވެ. އެހެންވީމާ އޭނާއަށް ވޯޓް ދެއްވައި ޕީޕީއެމަށް އިންތިހާބު ކާމިޔާބުކޮށްދޭން އެދާއިރާގެ ރައްޔިތުންނަށް އޭނާ ގޮވައިލެއްވި އެވެ.
"އެމްއެންޕީން މި ނެރުނީ ސާފު ކެންޑިޑޭޓެއް"
އެމްއެންޕީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ނުކުމެވަޑައިގެން ތިއްބެވި ތިން ކެންޑިޑޭޓުންގެ ތެރެއިން ވެސް އެންމެ ފަސްބައި ސާފު ކެންޑިޑޭޓަކީ އެޕާޓީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު ކަމަށެވެ. އޭނާ ހޮވަން ޖެހޭ އެންމެ މުހިއްމު ސަބަބަކީ ރިޔާޒު ވިދާޅުވި ގޮތުގައި އެއީ އެއްވެސް ސިޔާސީ ލީޑަރެއްގެ މަސްލަހަތަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅަކަށް ނުވާތީ އެވެ.
"އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނު މަސައްކަތްކުރައްވާނީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް ޓަކައި ކަމަށް ވުން އެއީ ހޮވަން ޖެހޭ އެއް ސަބަބު. ދެން ހަމަ އެއާ އެކުގައި ހަންނާނަކީ މެނިފެސްޓޯއެއް، ފުއްދާނެ ވައުދުތަކެއް އެކުލަވައިލި ހަމައެކަނި ކެންޑިޑޭޓް،" ރިޔާޒް ވިދާޅުވި އެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: އެމްއެންޕީ
ކޮމަންޑޫ ދާއިރާގެ ގޮނޑި ނެގޭނެކަމުގެ ޔަގީންކަން އެމްއެންޕީއަށް ހޯދީ ރިޔާޒު ވިދާޅުވި ގޮތުގައި ވޯޓްލާން ތިބި ގާތްގަނޑަކަށް އެންމެނާ ބައްދަލުކޮށް ހިޔާލު ހޯދައިގެންނެވެ. އެގޮތުން ބައްދަލުކުރި މީހުންގެ އެތައް ބަޔަކު އެމީހުންގެ ވޯޓް އެޕާޓީއަށް ދޭނެކަމުގެ ޔަގީންކަން ދީފައި އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުޕީޕީއެމްޕީއެންސީގެ ވެސް އޮތް ކަންބޮޑުވުން މި އިންތިހާބާ މެދު އެމްއެންޕީގެ އެބަ އޮތެވެ. އެއީ އިންތިހާބަށް ނުފޫޒުފޯރުުވުން ކަމަށް އެޕާޓީތަކަށް ގަބޫލުކުރެވޭ ކަންތައްތަކެއް ހިނގަމުންދާ އިރު އެންޓިކޮރަޕްޝަން ކޮމިޝަނުގައި މެމްބަރެއް ނެތި އެ މުއައްސަސާ ވާވެފައި އޮތުމެވެ.
"އިންތިހާބެއް ހިނގަމުންދާ އިރުގައި، ކޮރަޕްޝަނާ ގުޅުން ހުރި ކަންތައްތައް ނޫނީވިއްޔާ މަގާމުގެ ނުފޫޒު ބޭނުންކުން ކަހަލަ ކަންތައްތައް ބަލަން އޮތް އިދާރާ އެވަނީ މަޖިލިސް ރިސެސްގައި އޮއްވައި އެތަން ހުއްޓުވާފައި، އެތަން ފަންކްޝަނެއް ނުކުރެވޭ،" ރިޔާޒް ވިދާޅުވި އެވެ.
"އެމްޑީޕީއަށް ޔަގީންކަމާ އެކު މިގޮނޑި ނެގޭނެ"
ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހަަސަން ވަހީދު ނިސްބަތްވެވަޑައިގަންނަވާ އަދި 2019 ގެ ކުރިން ވެސް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ދެމެހެއްޓި އެމްޑީޕީން ބުނީ މިފަހަރު ވެސް އިންތިހާބު ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެޕާޓީގެ ޗެެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެޕާޓީގެ ކެމްޕޭން ފެށި އިރު ކޮންމެވެސް ވަރަކަށް ދަތިތަކެއް ހުއްޓަސް، ގޮނޑި ނެގޭނެކަން މިހާރު ޔަގީން ކަމަށެވެ.
"ކެމްޕޭން ފެށިގެން އައި އިރު ބައެއް ކުދިކުދި ދަތިތައް ހުރި، އެއީ ދެން ކުއްލިއަކަށް [އައި އިންތިހާބަކަށް ވީމާ]. އަޅުގަނޑުމެން އެއްވެސް މީހަކު އުއްމީދުކުރި ބައިއިލެކްޝަނެއް ނޫން މިއީ. މިއީ ކުއްލިއަކަށް އައި ބައިއިލެކްޝަނެއް. އެހެންވީމާ މި އިލެކްޝަން މިގޮތަށް އައިމާ، އިތުރު މަސައްކަތް ކުރަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ވެސް ހަސަން މިއަދު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅުން މިހާރު އެ ދައްކާ ކަހަލަ ވާހަކަ ދެއްކުމުގެ ފުރުސަތު ވެެސް އެބޭފުޅުންގެ ވެރިކަމުގައި ނެތް ކަމަށެވެ. އާއްމު ޑިމޮކްރެޓިކް އުސޫލުން ކަންކަން ހިނގަން ފެށީމާ މިހާރުގެ އިދިކޮޅު ފަރާތްތަައް ވެރިކަމުގައި ތިބި އިރު ކަންތައް ކުރެވުނު ގޮތް ހަނދާން ވެސް ނެތީ ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގެ ތެރެއިން. ސަރުކާރާއި ކޯލިޝަންގެ އިސްވެރިން އަންނަނީ ކެމްޕެއިންގައި ހަރަކާތްތެރިވަމުން -- ފޮޓޯ: ޓްވިޓާ/ލޫކަސް
"ކުރިން އެބޭފުޅުން ކަންތައްތައް ކުރެއްވި ގޮތުގެ ހަނދުމަފުޅުވެސް އެ ދިޔައީ އެއްކޮށް، އެހެންވެ އެކަހަލަ ވާހަކަ ވިދާޅުވާން ވެސް އެ ކެރިވަޑައިގަންނަވަނީ. ބައްލަވާ 2018 ގެ ކުރީގައި ރައީސް [އަބްދުﷲ] ޔާމީން ސަރުކާރުގައި ކެމްޕޭން ކުރަން އަަޅުގަނޑުމެން އުޅެން ޖެހުނު ހާލު،" ހަސަން ވިދާޅުވި އެވެ.
އޭނާ މިއަދު އާކުރެއްވީ އޭރުގެ ސަރުކާރުން ފުލުހުން ފޮނުވައިގެން، ކެންޑިޑޭޓުންގެ ޕޯސްޓަރު ނެއްޓުވުމާއި ކެމްޕޭންތަަކަށް ހުރަސް އަޅަން ކުރި އެނޫން ވެސް މަަސައްކަތްތަކެވެ. އެކަމަކު މިހާރު އެހާލަތު މުޅިން ބަދަލުވެފައިވާ ކަމަށާއި އިދިކޮޅުން މިނިވަންކަމާ އެކު ކެމްޕޭންކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީސް ރިސެސްގައި އޮއްވާ އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވުމުން އައި ހުސްކަން އެބަ އޮތްކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް މައްސަލައެއް ހުށަހަޅަން ޖެހިއްޖެ ނަމަ ފުލުހުންނަށް ހުށަހަޅައިގެން ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"މަޖިލިސް ބަންދުގައި، ރިސެސްގައި އޮތީމާ ދިމާވެފައި އޮތް މައްސަލައެއް އެއް މައްސަލައަކީ. ދެން ރައީސުލް ޖުމްހޫރިއްޔާ ނަންތައް ފޮނުއްވާ އިރަށް މަޖިލީހުން އެކަން [އޭސީސީއަށް މެމްބަރުން ލުމުގެ ކަންތައް] ކުރާނެ. ދެން ފުލުސް އޮފީސް ވެސް އެހެރީ،" އޭނާ ވިދާޅުވި އެވެ.












