ބޭސްފަރުވާއަށް މާލެއަށް އަންނަން މަޖުބޫރުވެފައި އޮންނަ އޮތުން ނައްތާލައި، ސިއްހީ ހިދުމަތް ލާމަރުކަޒު ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ބޮޑު ބައެއް ނިމި، ސަރަހައްދީ ޓާޝަރީ ހޮސްޕިޓަލްތަކުގައި މިހާރު ގިނަ ހިދުމަތްތަކެއް ދޭން ފަށާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވަން މިއަދު ބޭއްވި ޖަލްސާގައި އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްއްޖޭގެ ފަސް ސަރަހައްދުގާ ތަރައްގީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލުގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާއެކު ލެބޯރޓްރީ ނިޒާމް ފުރިހަމަ ކުރެވިއްޖެ ކަމަށެވެ.
އުތުރާއި ދެކުނުގައި އެމްއާރްއައި ހިދުމަތާއި ހިތުގެ ބަލިތަށް ދެނެގަނެ ފަރުވާދެވޭނެ ނިޒާމް ގާއިމް ކުރެވިއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ހަތަރު ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ހިދުމަތް ލިބެމުންދާ ކަމަށާއި ގދ. ތިނަދޫގައި ހުންނަ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ ހިދުމަތް މިކުއާޓާގައި ފުރިހަމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މީގެ ކޮންމެ ހޮސްޕިޓަލަކުން ވެސް އެތައް ސްޕެޝަލިޓީ ހިދުމަތެއް މިހާރުދަނީ ލިބެމުން. މިފެށި ކަންކަން ދެން ދާނީ ފުރާ ފުރިހަމަވަމުން، ކުޅުދުއްފުއްޓާ، ލ. ގަމާ، ގދ. ތިނަދޫގައި 100 އެނދުގެ މިދެންނެވި ހޮސްޕިޓާތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރު ހިނގާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަތް އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިއަހަރު ފަށާނެ އެވެ. އެއިން ކޮންމެ ހޮސްޕިޓަލަކަށް 50 އެނދު އިތުރުކުރުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރު ފަށާނެ މަސައްތަކެވެ. ރާއްޖޭގެ 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއާ ފުޅާ ދާއިރާއެއްގައި އަލުން ފެށުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ވިދާޅުވީ އެކަމާ ބެހޭ ތައްޔާރީތައް ސަރުކާރުން ހިންގަމުން އަންނަ ކަމަށެވެ.
"މީހުން ދިރިއުޅޭ 58 ރަށެއްގާ ޕަބްލިކް ހެލްތްކެއާ ޕޯޓަލް މިހާރު ތައާރަފް ކުރެވިއްޖެ. ޕްރައިމަރީ ހެލްތް ކެއާގެ ހިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މިއަހަރު މި އިއްޒަތްތެރި މަޖިލީހަށް ފޮނުވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
"ނަފްސާނީ ފަރުވާ ވެސް އަތޮޅުތަކުން މިހާރު ލިބޭނެ"
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަތޮޅު ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގެ ހިދުމަތް ދިނުން ވަރަށް މުހިއްމު ކަމަށާއި އެކަން ދެނެގަނެވުނީ އެ ފަރުވާއަށް އެދި ނަން ނޯޓްކޮށްފައިވާ މީހުންގެ އަދަދުގެ ގިނަކަމުން ކަމަށެވެ.
"ރާއްޖޭގެ ފަސް އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ހިދުމަތް ލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި ސަރުކާރުން ގާއިމްކުރި ސެންޓާ ފޯ މެންޓަލް ހެލްތުއަށް ވެސް މިހާރު ގިނަ ބަޔަކު ޒިޔާރަތްކޮށް ހިދުމަތް ހޯދަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ ސެންޓަރު ގާއިމްކުރީއްސުރެ މިހައިތަނަށް އެތަނުގައި 41،890 ފަހަރު މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސެންޓަރުން އިންޕޭޝަންޓް ކެއާ ދިނުމުގެ އިންތިޒާމް އަންނަ އޭޕްރީލް މަހުން ފެށިގެން ކުރިއަށް ދާނެ އެވެ.













