ގަރާޖް ސިޓީ ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށް ފަހު އެކަން ހަމަނުޖެއްސި މީހަކަށް ސިވިލް ކޯޓުން ސާބިތު ދަރަނީގެ ހުކުމެއް ކޮށްފި އެވެ.
ގަރާޖް ސިޓީ ދޭނެ ކަމަށް ބުނެ މީހެއްގެ އަތުން ނެގި 30،000ރ. ގެ ތެރެއިން އަނބުރާ ނުދީ އޮތް 15،000ރ. ދެ މަސް ދުވަހުގެ ތެރޭގައި ދައްކަން އާދީއްތަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ މާލެ، ހ. އީމާންމަންޒިލް، އިބްރާހީމް މަނިކުގެ މައްޗަށެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލް ކުރެއްވި ހުކުމުގައިވާ ގޮތުން އިބްރާހީމް މަނިކަށް އެ ހުކުމް ކުރީ ނ. މަނަދޫ، ލިނެޓް، އަބްދުﷲ ހަސީނަށް ގަރާޖް ސިޓީ ދޭނެ ކަމަށް ބުނެ އޭނާގެ އަތުން 30،000ރ. ނަގައި އޭގެ ދެބައިކުޅަ އެއްބައި އަދިވެސް ނުދީ އޮތް ކަމަށް އިއުތިރާފްވެ، ދެ މަސްދުވަހުގެ ތެރޭގައި އެފައިސާ އަނބުރާ ދޭން ހުށަހެޅުމުން، ހަސީން އެ އެހުށަހެޅުން ގަބޫލުކޮށްފައި ވާތީ އެވެ.
އެ ހުކުމުގައިވާ ގޮތުން 15،000ރ. ދެމަަހަށް ބަހާލައިގެން، މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއް އިބްރާހީމް މަނިކު ހަވާލުކުރަން ޖެހޭނީ ކޯޓާ އެވެ.
ގަރާޖް ސިޓީ އަކީ މާލޭގައި ހަތަރުފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމަށް ޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިއުމެކެވެ. އެއީ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން ސާބިތުކޮށްދިނުމަށް ޓަކައި ގަރާޖްގެ ވެރިފަރާތުން ދޭ ލިޔުމެކެވެ. ގަރާޖު ސިޓީ އާ ނުލައި އެއްގަމު އުޅަނދު ރަޖިސްޓްކުރެވޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިން ބަހުސް ކުރި ނަމަވެސް އެގޮތަށް ފާހެެއް ނުވި އެވެ.












