ރިޕޯޓުއަލިފުށީ ބޯޓުޔާޑްގައި ޖީލަކަށްފަހު ޖީލެއް: މިހުރީ ހުރިހާ ކަމެއް ދަސްކޮށްގެން

އަލިފުށީ ބޯޓުޔާޑްގައި ޖީލަކަށްފަހު ޖީލެއް: މިހުރީ ހުރިހާ ކަމެއް ދަސްކޮށްގެން

ވީއޭ ބޯޓުޔާޑަށް ޝަރީފް މަސައްކަތު ނުކުންނަން ފެށިތާ އަދި މިވީ ތިން އަހަރެވެ. ފުރާވަރުގައި, އުމުރުން 17 އަހަރުގައި އެ ބޯޓުޔާޑަށް އޭނާ ގެންގޮސް ވެއްދީ, ހަޔާތުން އޭނާއަށް ނަގައިދިން ބޮޑު އެކަމަކު މުހިންމު ފިލާވަޅަކާއެކު އެވެ.

އަލިފުށީ ބޯޓުޔާޑުގައި ޝަރީފް މަސައްކަތުގައި: އުމުރުން އެންމެ 19 އަހަރުގައި އޭނާ ވަނީ ފައިބަރުގެ ހުރިހާ މަސައްކަތެއް ދަސްކޮށްފައި - ފޮޓޯ: އަބްދުالله އަބީދު / އަދަދު
އަލިފުށީ ބޯޓުޔާޑުގައި ޝަރީފް މަސައްކަތުގައި: އުމުރުން އެންމެ 19 އަހަރުގައި އޭނާ ވަނީ ފައިބަރުގެ ހުރިހާ މަސައްކަތެއް ދަސްކޮށްފައި - ފޮޓޯ: އަބްދުالله އަބީދު / އަދަދު

ރާ އަލިފުށީގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ބޯޓުޔާޑް ކަމަށްވާ, "ވީއޭ ބޯޓުޔާޑް" ގެ ތެރެއަށް ވަދެގެން ދިޔައިރު, އަތްމަތި ހަލުވި މަސައްކަތްތެރިން ނޫން ބަޔަކު އެތަނަކުން ނުފެނެ އެވެ. ހަލަބޮލި މަސައްކަތްތެރި އެ މާހައުލުގެ ތެރެއަށް ވަދެގެން ދިޔައިރު ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ މަންޒަރުތައް ސިފަވެ އެވެ. އެ މާހައުލުގެ ތެރެއިން މާދުރުން ލޮލުގައި އަޅައިގަތީ އަވަދިނެތި މަސައްކަތުގައި ހުރި, ޒުވާނަކަށެވެ.

އެއީ, އުމުރުން އެންމެ 19 އަހަރުގެ މުހައްމަދު ޝަރީފްކަން އެނގުނީ މާފަހުންނެވެ. އޭނާގެ ނަމާއި ވަނަވަރަށްވުރެ އޭނާގެ ހުނަރާއި މަސައްކަތް މާދުރަށް ފެނެ އެވެ. ފައިބަރު ލޯންޗު ބަނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައި ޝަރީފް މިވަގުތު ވެސް އެހުރީ އެ މަސައްކަތުގަ އެވެ. ފައިބަރާއި އޭގެ މަސައްކަތްތަކަކީ އެންމެ 19 އަހަރުގައި ޝަރީފްގެ މިހާރުގެ އެންމެ ގާތް އެކުވެރިޔާ އެވެ.

"މިތަނުގައި ފައިބަރުގެ ހުރިހާ މަސައްކަތެއް ކުރަން. ހުރިހާ މަސައްކަތެއް ކުރަން ވެސް އެނގޭ މިހާރު," ޝަރީފް, އޭނާގެ ވާހަކަ ފަށަމުން ބުންޏެވެ.

ވީއޭ ބޯޓުޔާޑަށް ޝަރީފް މަސައްކަތު ނުކުންނަން ފެށިތާ އަދި މިވީ ތިން އަހަރެވެ. ފުރާވަރުގައި, އުމުރުން 17 އަހަރުގައި އެ ބޯޓުޔާޑަށް އޭނާ ގެންގޮސް ވެއްދީ, ހަޔާތުން އޭނާއަށް ނަގައިދިން ބޮޑު އެކަމަކު މުހިންމު ފިލާވަޅަކާއެކު އެވެ.

އަލިފުއްޓަށް އުފަން މުހައްމަދު ޝަރީފް, މާލޭގައި ތައުލީމް ހާސިލްކުރުމަށް އުޅުނުއިރު އޭނާއަށް އެޅުނީ ނުބައި ގޯޅިއަކަށެވެ. އޭނާ ބުނާ ގޮތުން ނަމަ އެއިރު އުޅުނީ "ކުޑަކޮށް ބޭޑް"ކޮށެވެ. އެހެންވެ, ތައުލީމަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ އެވެ. ގްރޭޑް 10 ނިންމާފައި ހަދާނެ ގޮތެއް, ދާނެ ދާއިރާއެއް ކަނޑަނޭޅުނީ އެވެ.

މުހައްމަދު ޝަރީފް: އޭނާ ފައިބަރުގެ މަސައްކަތް ދަސްކުރީ, ދިރިއުޅުމުގައި ގޯސް މަގު އިހްތިޔާރު ނުކުރުމަށް - ފޮޓޯ: އަބްދުالله އަބީދު / އަދަދު
މުހައްމަދު ޝަރީފް: އޭނާ ފައިބަރުގެ މަސައްކަތް ދަސްކުރީ, ދިރިއުޅުމުގައި ގޯސް މަގު އިހްތިޔާރު ނުކުރުމަށް - ފޮޓޯ: އަބްދުالله އަބީދު / އަދަދު

މުހައްމަދު ޝަރީފް: އޭނާ ފައިބަރުގެ މަސައްކަތް ދަސްކުރީ, ދިރިއުޅުމުގައި ގޯސް މަގު އިހްތިޔާރު ނުކުރުމަށް - ފޮޓޯ: އަބްދުالله އަބީދު / އަދަދު

އެކަމަކު, އޭނާ ނިންމީ އެ ނުބައި ގޯޅި ތެރޭ މަޑުކޮށްގެން ހުންނާނަކަށް ނޫނެވެ. އެ ގޯޅިން ދަސްވި ކަންކަން ހިފައިގެން ރަނގަޅު މަގަށް އަޅައި, ކުރިއަށް ހިނގައިގަތުމަށެވެ.

"ބޭޑްކޮށް އުޅެވުނީމަ ދަސްވި ރަނގަޅާއި ނުބައި ވަކިކުރަން, ތަންކޮޅެއް ރަނގަޅަށް ވިސްނާލީމަ އެނގުނީ ކުރާނެ ކަމެއް ނެތްކަން. ލައިފެއް ފައްޓަން ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހޭކަން. އެހެންވެ ދާނެ ދިމާޅެއް ނެތީމަ މިތަނަށް އައީ," ވިސްނުން ބަދަލުވި ގޮތް ޝަރީފް ހިއްސާ ކުރި އެވެ.

މީގެ ތިން އަހަރު ކުރިން 2019 ގައި ބޯޓުޔާޑަށް އޭނާ ވަނީ އެ ވިސްނުމުގަ އެވެ. އޭރު އޭނާއަށް އެތަނުގައި ކުރަނީ ކޮން މަސައްކަތެއް ކަމެއް ވެސް ނޭނގެ އެވެ. ހަމައެކަނި އެނގެނީ މަސައްކަތެއް ދަސްކުރަން ވެއްޖެ ކަމެވެ. އެކަން އޭނާ ކުރާނެ ކަމެވެ.

"ދެން މީހުން މަސައްކަތްތައް ކުރާ ތަން ބަލައިގެން ދަސްކުރަން ފެށީ. މިހާރު ފައިބަރުގެ ހުރިހާ މަސައްކަތެއް ވެސް ކުރަން އެނގޭ, ދަސްވީމަ ވަރަށް އުފާ ވެސްވޭ," އޭނާ ބުންޏެވެ.

މީހުންގެ މަސައްކަތް ބަލައިގެން ދަސްކުރި ޝަރީފަކީ, މިހާރު އެ ބޯޓުޔާޑްގައި މުހިންމު މީހެކެވެ. އެތަނުގެ ވެރިޔާ އިބްރާހިމް މުހައްމަދު ވެސް، ޝަރީފް ފާހަގަކުރަނީ މަސައްކަތްތެރި, ހީވާގި ޒުވާނެއްގެ ގޮތުގަ އެވެ. ކުރީގެ ނުރަނގަޅު އުޅުން ދޫކޮށްލައި, އެ ބޯޓުޔާޑުން މަސައްކަތް ދަސްކޮށް ކުރިއަށްދާތީ އޭނާ ވެސް ހުރީ ޝަރީފާމެދު އުފަލުންނެވެ.

މިވަގުތު ބޯޓުޔާޑްގައި ދާހޮރަމުން އޭނާ މަސައްކަތް ކުރި ނަމަވެސް, އޭނާގެ ހިތް އަދިވެސް އޮތީ އެހެން ދިމާލެއްގަ އެވެ. ފައިބަރުގެ މަސައްކަތް ދަސްކޮށްގެން ހުރި ޝަރީފް ބޭނުން ވަނީ ކުރެހުމުގެ ދާއިރާއިން ކުރިއަށް ދާށެވެ. ރާއްޖޭގައި ނަން ހިނގާ އާޓިސްޓަކަށްވާށެވެ. މިހާރު އޭނާ އެ ބުރަ މަސައްކަތް އެ ކުރަނީ ވެސް އެކަން ހާސިލްކުރުމަށް މަގު ކޮށުމުގެ ގޮތުންނެވެ.

އޭނާ ދެކޭ ގޮތުގައި, ފުރަތަމަ ރަނގަޅު ހަޔާތެކެވެ. އެއަށްފަހު ޕެޝަން އެވެ.

ފައިބަރުގެ މަސައްކަތްތައް ދަސްކޮށްގެން ހުރި ޝަރީފްގެ ހުވަފެނަކީ މޮޅު އާޓިސްޓަކަށްވުން - ފޮޓޯ: އަބްދުالله އަބީދު / އަދަދު
ފައިބަރުގެ މަސައްކަތްތައް ދަސްކޮށްގެން ހުރި ޝަރީފްގެ ހުވަފެނަކީ މޮޅު އާޓިސްޓަކަށްވުން - ފޮޓޯ: އަބްދުالله އަބީދު / އަދަދު

ޝަރީފް އޭނާގެ މަސައްކަތުގެ މާހައުލުގައި ހުރެ އިންޓަވިއު ދެނީ: ފައިބަރުގެ މަސައްކަތްތައް ދަސްކޮށްގެން ހުރި ޝަރީފްގެ ހުވަފެނަކީ މޮޅު އާޓިސްޓަކަށްވުން - ފޮޓޯ: އަބްދުالله އަބީދު / އަދަދު

ޝަރީފަކީ އަލިފުށީގެ ބޯޓުޔާޑްތަކުން ފެންނާނެ ހަމައެކަނި ޒުވާނާއެއް ނޫނެވެ. އެ ރަށު ބޯޓުޔާޑުތަކުން ދައްކުވައިދޭ މަންޒަރަކީ އެއް ޖީލުން އަނެއް ޖީލަށް މިކަން ވާރުތަކުރަމުންދާ ގޮތެވެ. އެއީ, މިހާރު ބޯޓުޔާޑުގެ މަސައްކަތުން ރިޓަޔާކޮށްގެން އިން އެރަށު މުފީދުބެ ކަމުގައިވި ނަމަވެސް, ރަށުގައި ބޯޓުޔާޑެއް މިހާރު ހިންގާ އިބްރާހިމް މުހައްމަދު ނަމަވެސް އަދި ޝަރީފްގެ ވާހަކައިން ވިޔަސް ފެންނަން އޮތް މަންޒަރެވެ.

"އަޅުގަނޑުމެންނަށް މި މަސައްކަތް އޭރު ތިބި ބޭފުޅުން ދަސްކޮށްދިނުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދިން, އެހެންވީމަ އަޅުގަނޑުމެން މިހާރު މި ފުރުސަތު ދެނީ ރަށުގެ ޒުވާނުންނަށް," އިބްރާހިމް މުހައްމަދު ބުންޏެވެ. "އަޅުގަނޑަކަށް ނުފެނޭ މި ރަށުން މިކަން އުވިގެން ދާ ތަނެއް."

އިބްރާހިމް ބުނި ގޮތުގައި, އަލިފުށީ ބޯޓުޔާޑްތަކުގައި ކުރެހުމާއި އެ ބާވަތުގެ ގިނަ މަސައްކަތްތަކުގައި ވެސް ގިނަ ޒުވާނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުން ރަށުގެ ޒުވާނުން މިކަމަށް ހިތް ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ޒަމާނުންސުރެ އެ ރަށުގައި މި މަސައްކަތުގެ މާހައުލު އޮތުމެވެ.

"އެ ޓަޗު މި ރަށުގެ ކޮންމެ މީހެއްގެ ވެސް ހުންނާނެ. އަންހެނުންނަށް ވެސް އެނގޭނެ މަރުތޭލެއް, ވަޑާން ކައްޓެއް ފެނުނީމަ އެއީ ކޮން އެއްޗެއްކަން," އޭނާ ބުންޏެވެ.

ވީއޭ ބޯޓުޔާޑްގެ ވެރިމީހާ, އިބްރާހިމް މުހައްމަދު; ޒުވާނުންނަށް ފުރުސަތުތައް ދޭން އިސްކަންދޭ - ފޮޓޯ: އަބްދުالله އަބީދު / އަދަދު
ވީއޭ ބޯޓުޔާޑްގެ ވެރިމީހާ, އިބްރާހިމް މުހައްމަދު; ޒުވާނުންނަށް ފުރުސަތުތައް ދޭން އިސްކަންދޭ - ފޮޓޯ: އަބްދުالله އަބީދު / އަދަދު

ވީއޭ ބޯޓުޔާޑްގެ ވެރިމީހާ, އިބްރާހިމް މުހައްމަދު; ޒުވާނުންނަށް ފުރުސަތުތައް ދޭން އިސްކަންދޭ - ފޮޓޯ: އަބްދުالله އަބީދު / އަދަދު

ރަށުގައި މި ދާއިރާއަށް ގިނަ ބަޔަކު ވަންނަން މެދުވެރިވި ސަބަބެއްގެ ގޮތުގައި, ކައުންސިލްގެ ރައީސް އާދަމް އިމްރާން ފާހަގަކުރެއްވީ އެ ރަށުގެ ވީޓީސީގައި ކުރިން ބޯޓުޔާޑް ކިޔަވައިދިނުމެވެ. އިބްރާހިމް މުހައްމަދަކީ ވެސް އެ ތަނުން 1997 ވަނަ އަހަރު ކޯހެއް ހަދައިގެން ދާއިރާއަށް ވަތް ޒުވާނެކެވެ. އެގޮތަށް އެތައް ބަޔަކު އެ މަސައްކަތާ އެއިރު ގުޅުނެވެ.

އަލިފުށީގައި އޭރު ކޮންމެ ޒުވާނަކު ވެސް ސްކޫލް ނިންމައި ވީޓީސީއާ ގުޅި ބޯޓު ބިލްޑިން ކިޔަވަ އެވެ. އެއަށްފަހު ސީދާ ބޯޓުޔާޑަށް ގޮސް އަމަލީ ތަޖުރިބާ ހޯދަ އެވެ. ނަމަވެސް, މިހާރު އެކަމަށް އޮތީ ކޮންމެ ވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފަ އެވެ. އެއް ސަބަބަކީ ވީޓީސީ މިހާރު ހިންގަމުން ނުދިޔުމެވެ.

ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވި ގޮތުގައި, އެ ރަށަށް ޓިވެޓް ސެންޓަރެއް ގެނައުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެތަނުގައި ބޯޓު ބިލްޑިންގެ އެކި ތަފާތު ކޯސްތައް ކިޔަވައިދޭނެކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ, ޒުވާނުން އަނެއްކާވެސް މަސައްކަތުގެ ތެރެއަށް އިތުރަށް ވެއްދުމުގެ ކަންކަން ހަރުދަނާވެގެން ދާނެ ކަމަށެވެ.

"މި ރަށުގެ އިތުރުން އަތޮޅާއި މި ސަރަހައްދުގެ ނޫނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ކިޔެވުމަށް މި ޓިވެޓް ސެންޓަރަށް ކުދިން އައުން އެކަށީގެންވޭ, އެހެންވެ ވަރަށް ބޮޑު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް ގަބޫލުކުރަން," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެހެންކަމުން, ކުރިއަށް އޮތް ތަނުގައި އަލިފުށިން އިތުރު, ގިނަ މުހައްމަދު ޝަރީފުން އުފެދުމުގެ ތަސައްވަރު އެބަ އޮތެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox