މިއަދު ހެނދުނު ދިވެހި ޓްވިޓާ އާއިލާގެ މެމްބަރުން ހޭލީ ފުން ހިތާމައެއްގެ ތެރެއަށެވެ. ކެންސަރުގެ ވޭނާ އެކު ވެސް ހިނިތުންވެ ހުރެ، އެތައް ބަޔަކަށް އެ ހިނިތުންވުމުގެ އުފާވެރިކަން ފޯރުކޮށްދިން އަލީ ސައިފް ލަތީފް، ނިޔާވީ އެވެ.
ސައިފް އަށް ޖެހުނީ ކެންސަރުގެ ވަރަށް ނާދިރު ބާވަތެކެވެ. "ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ" ޖެހިފައިވަނީ މުޅި ދުނިޔެ އިން ވެސް ވަރަށް މަދު ބަޔަކަށެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި ސައިފް، 40، ނިޔާވި ހަބަރު ޓްވިޓާގައި ހިއްސާކުރަމުން އޭނާގެ ކޮއްކޮ އަދި އަރަމުން އަންނަ ގާނޫނީ ވަކީލް ހަމްޒާ ލަތީފް ބުނީ ބޭބެ އަކީ އޭނާ އަށް ކިހާ މުހިއްމު މީހެއްކަން ބުނެދެވޭނެ އިބާރާތެއް ނެތް ކަމަށެވެ.
ޓްވިޓާގައި ސައިފް އައީ އޭނާގެ ބަލީގެ ހާލަތު ކިޔައިދެމުންނެވެ. ތިން ކުދިންނާއި އަންހެނުން މަތިން ހަނދާންވާ ވާހަކަތަކާއި އާއިލާއާ ބައްދަލުވުމުން ކުރެވޭ އިހުސާސްތައް އޭނާ ހިއްސާކުރެ އެވެ. ބަލީގެ ފަރުވާގެ ގަދަ ވޭނުގެ ވާހަކަ އޭނާ ހިއްސާކުރީ މާޔޫސްކަމެއް ނެތް ހިތްވަރުގެ ބަސްތަކުންނެވެ.
"މިއީ ހިތްފަޅައިގެންދިޔަ ހަބަރެއް. އޭނާ އަކީ މި ޕްލެޓްފޯމުގައި ލޯބި ހިއްސާކުރި، ޕޮޒިޓިވް މީހެއް. އޭނާ ނެތުމުގެ އުނިކަން އަބަދުވެސް އޮންނާނެ،" ތޯއިލް އަބްދުﷲ ޓްވީޓްކުރި އެވެ.

"އަހަންނަށް ފެނުނު ތަނުގައި އޭނާ އަކީ ރައްޓެހިންނާއި ފޮލޯވަރުންނާއި އަދި ނުދަންނަ މީހުންނަށް ވެސް ޕޮޒިޓިވިޓީ ގެނެސްދިން މީހެއް. ވޭނާ އެކު ވެސް ގަބޫލުކުރަން ދަތި މިންވަރަށް އިހުސާންތެރި މީހެއް އެއީ،" މުހައްމަދު ޖުނޭދު ޓްވީޓްކުރި އެވެ.
"ހިތްވަރުގަދަކަމުގެ ނަމޫނާއެއް،" ޝައްމޫން ޖަލީލް ޓްވީޓްކުރި އެވެ.
ސައިފްއާ އެކު އަމްރިތާ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މުހައްމަދު އަރީން، 8، ވަނީ މި ހަފުތާގައި ނިޔާވެފަ އެވެ. ސައިފް އައީ އަރީންގެ ވާހަކަތައް ވެސް ޓްވިޓާގައި ހިއްސާކުރަމުންނެވެ.
ސައިފް ނިޔާވުމާ އެކު މިއަދު ޓްވިޓާގައި ގިނަ ބަޔަކު އަންނަނީ އޭނާގެ ހަނދާންތައް އާކުރަމުންނެވެ. ގަދަފަދަ ވޭން ތަހައްމަލުކުރި ކުރުމެވެ. ޝަކުވާނުކޮށް އުފާވެރިކަން ހިއްސާކުރި ކުރުމެވެ. އެންމެންނަށް އޭނާ ދިން އުއްމީދެކެވެ.
"ސައިފް އަކީ އެފަދަ ދެ ވަނައެއް ނެތް ފަދަ އިންސާނެއް. އެހެން މީހުންނަށް އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅާލުން ދިނީ، ތަހައްމަލުކުރަން ދަތި ވޭނެއްގައި އުޅެމުން،"













