ވެހިކަލް ލައިސެންސް ނެގުމަށް ޕްރެކްޓިކަލް އިމްތިހާނު ހަދާ ސަރަހައްދު ހުޅުމާލެއަށް ބަދަލުކޮށް، އިއްޔެއިން ފެށިގެން އެތަނުގައި އިމްތިހާނު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މީގެ ކުރިން ލައިސެންސް ނެގުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި މަގުމަތީގަ އެވެ. އޭގެ ކުރިން އެ މަސައްކަތް ކުރީ ހެންވެއިރު ކާނިވަލުގެ އެތެރޭގަ އެވެ.
ލައިސެންސް ނެގުމުގެ މަސައްކަތް ހުޅުމާލެއަށް ބަދަލު ކުރީ މާލެ އާއި އިންޑަސްޓްރިއަލް އައިލެންޑު ތިލަފުއްޓާ ދެމެދުގައި އަޅާ ބްރިޖުގެ ސާވޭ ކުރުމަށް އެ ސަރަހައްދު ދޫކުރުމުންނެވެ.
ލައިސެންސް ނެގުމުގެ މަސައްކަތް ކުރާނެ ތަނެއް ހަމަޖެއްސުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލު ކުރީ މާލޭ ސިޓީ ކައުންސިލަށެވެ. އެ ކައުންސިލުން އެކަމަށް ހަމަޖެއްސީ ހުޅުމާލެ ފިތުރޯނުގަސް މަގުގައި، އެމްޕީއެލްގެ ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމެވެ.
"މާލެ ސިޓީ ކައުންސިލާއި ހަވާލު ކުރި ހުޅުމާލޭގެ ޑްރައިވިންގް ޓެސްޓް ހަދާ ސަރަޙައްދުގެ މަސައްކަތުގެ 90 އިންސައްތަ މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި," ސިޓީ ކައުންސިލުން މީޑިޔާތަކާއި ހިއްސާކުރި ލިޔުމެއްގައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް ދެމަސް ދުވަސް ހޭދަވިއިރު، ދެ ފާހާނާ އާއި ވެއިޓިން އޭރިއާއެއް ވެސް ގާއިމް ކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން އެއްބާރުލުންދޭ މިންވަރަކުން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ." އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ބުންޏެވެ.













