ހދ. ކުޅުދުއްފުށީ ބަހާދަރު ބޯޓާއި ނ. ލަންދޫ ބޯޓާއި މަޑުއްވަރީ ކުރިމަގު ބޯޓު ފަދަ ބިޔަ ބޮޑެތި ބޯޓުތަކުގެ މިސްރާބު މި ކޮވިޑްގެ ތެރޭ ރ. އަލިފުއްޓަށް ޖެހި އެވެ. ކިއްސަރު ވަޑާމަށް މުޅި ރާއްޖޭގައި ވެސް އެންމެ ނަން މަޝްހޫރު އަލިފުއްޓަށް ބޮޑެތި ބޯޓުތަކުގެ މިސްރާބު ޖަހަން ފެށީ, ބޯޓު މަރާމާތުކޮށްދިނުމުގެ ހިދުމަތާއެކު ސްލިޕްވޭއެއް ގާއިމް ކުރުމާއެކު އެވެ. މި ސިލްޕްވޭއާއެކު, އެ ރަށަށް ވެސް ވަނީ އެތައް ކާމިޔާބެއް ލިބިފަ އެވެ.
"ރަށުގައި މިހެން ސްލިޕްވޭއެއް އޮތުމުން އެބަ ވަރަށް ބޮޑަށް ފައިދާ ކުރޭ, ސްލިޕްވޭ ހިންގާ ފަރާތްތަކުގެ އިތުރުން އެހެން ވިޔަފާރިތަކަށް ވެސް އޭގެ ފައިދާ އެބަވޭ. ރަށަށް އިގުތިސޯދީ ގޮތުން ލިބުނު އިތުރު ކާމިޔާބެއް އެއީ," އަލިފުށީގެ ބަނދަރުމަތީ "ބިލްޑާސް އައިލެންޑް" ޖަހާފައިވާ މޮނިއުމެންޓް ކައިރީ ހުރި ޒުވާނަކު ބުންޏެވެ.
ރ. އަތޮޅުގެ އަލިފުއްޓަށް އަރައިގެންދާއިރު އެއީ މަސައްކަތްތެރި, ހާއްސަކޮށް ވަޑާމަށް މޮޅު ބައެއްކަން އެނގޭނެ އެވެ. ގޭގެ ފަރުމާތަކާއި ގޭގޭގައި ގެންގުޅޭ ސާމާނުން, އެއީ ފިސާރި ވަޑިން ތިބި ރަށެއްކަން އެނގެ އެވެ. ދެން އޮތީ އަލިފުށީގެ ރަމްޒުކަމުގައިވާ ބޯޓުޔާޑެވެ. އިހުގައި އެ ރަށުގައި ބޮޑު ބޯޓުޔާޑެއް އޮތްއިރު, މިހާރު ވެސް ބޮޑު ސަރަހައްދެއްގައި އެކި ބޯޓުޔާޑްތައް އެބަ ހުއްޓެވެ. ބޮޑެތި ބިންތައް އެ ބޯޓުޔާޑުތަކަށް ރަށުން ވަނީ ދޫކޮށްފަ އެވެ.
އެތައް މަސައްކަތެރިކަމެއް ފެންނަ, އެތަނުން އެއް ބޯޓުޔާޑަކީ ވީއޭ ބޯޓުޔާޑެވެ. މިތަނަކީ އަލިފުށިން އުފެދުނު ވަޑިއެއް ކަމަށްވާ އިބްރާހިމް މުހައްމަދުގެ "ގޯގުޑްސް މޯލްޑިވްސް" ކުންފުނިން މެނޭޖްކުރަމުންދާ ތަނެކެވެ. މި ބޯޓުޔާޑް އުފެއްދީ 2016 ވަނަ އަހަރު ތެރޭ އެވެ. އޭގެކުރިން ވެސް އިބްރާހިމް މުހައްމަދަކީ ވަޑިއެކެވެ.
އިހުގެ ބޯޓުޔާޑް އޮތުމާއި އެ ރަށުގައި ބޯޓު ބިލްޑިންގެ ކޯސްތައް އޭރު ވީޓީސީން ކުރިއަށް ގެންދާތީ, އަލިފުށީގެ ގިނަ ޒުވާނުންގެ މުސްތަގުބަލު ރާވަނީ އެ މަސައްކަތުގެ މައްޗަށެވެ. އެ ރަށުން ޒުވާން ވަޑިން އުފެދި, މަސައްކަތް އިތުރަށް ކުރިއަރައިގެން ދިޔައީ އެހެންވެ އެވެ. އިބްރާހިމް މުހައްމަދަކީ މިފަދަ އެއް ޒުވާނާ އެވެ.
އޭނާ ބޯޓު ބިލްޑިންގެ ކޯހެއް 1995 ވަނަ އަހަރުން 1997 އަށް އަލިފުށީގަ ހެދި އެވެ. އޭގެ ފަހުން ރަށުގެ ބޯޓުޔާޑްގައި މަސައްކަތްކުރުމަށްފަހު, އެހެން ތަޖުރިބާތައް ހޯދުމަށް ރަށުން ބޭރަށް ދިޔަ އެވެ. ރަށުގެ ވަޑިންގެ ގުރޫޕަކާއެކު ކިއްސަރު ވަޑާމުގެ އެކި މަސައްކަތްތައް ކުރަމުން ގޮސް, ސަފާރީ ވެސް ބަންނަން ފެށި އެވެ. އެއަށްފަހު ރިސޯޓް ދާއިރާގައި މަސައްކަތް ކުރުމަށްފަހު, އަނެއްކާވެސް އުފަން ރަށަށް ދިރިއުޅުން ބަދަލުކުރީ އެވެ.

އިބްރާހިމް މުހައްމަދު, އޭނާގެ ބޯޓުޔާޑްގައި: އުއްމީދު ކުރަނީ ސިޕްލްވޭ އިތުރަށް ކުރިއަރުވަން - ފޮޓޯ: އަބްދުالله އަބީދު / އަދަދު
އޭނާ މިފަހަރު ރަށަށް އައީ އާދައިގެ ވަޑިއެއްގެ ގޮތުގައެއް ނޫނެވެ. ތަމްރީނާއި ތަޖުރިބާއާއެކު އަލިފުއްޓަށް އޭނާ ގެނައީ, އޭނާގެ އަމިއްލަ ބޯޓުޔާޑެވެ. ބޯޓު ބިލްޑިންގެ ހުރިހާ މަސައްކަތެއް 2016 ވަނަ އަހަރުން ފެށިގެން އެ ތަނުގައި އަންނަނީ ކުރަމުންނެވެ. ކުދިކުދި ޑިންގީތަކުން ފެށިގެން ބޮޑެތި މަސް ދޯނީތައް މިހާރު ވެސް އެތަނުގައި އެބަ ބަނދެވެ. އެކި ސައިޒުގެ ފައިބަރު ލޯންޗުތައް ބަނުމުގެ މަސައްކަތުގައި މިހާރު ވެސް އެކި އުމުރުފުރާގެ މީހުން އެތިބީ އެވެ.
ވީއޭ ބޯޓުޔާޑަށް ވަދެގެން އަންނައިރު އެންމެ ފުރަތަމަ ވެސް ގިރާކުރަން ޖެހޭނީ އެތަނުގެ އެއް ކޮޅުން އަނެއް ކޮޅަށް އަޅާފައިވާ ސިލްޕްވޭ އެވެ. މިއީ މި ބޯޓުޔާޑް ދެން ހުރި ޔާޑްތަކާ ތަފާތުވާ ސަބަބެވެ. ވީއޭ ބޯޓުޔާޑަށާއި އަލިފުއްޓަށް ވެސް އިންގިލާބެއް ގެނައި މި ސިލްޕްވޭ އެޅީ 2020 ވަނަ އަހަރު އެވެ.
"މި ސިލްޕްވޭ އަޅުގަނޑުމެން އެޅީ އެއްވެސް ބުރަ މެޝިނަރީއެއް ބޭނުންނުކޮށް, އެކި ދިރާސާތައްކޮށްގެން," އިބްރާހިމް މުހައްމަދު ބުންޏެވެ.
100 ފޫޓްގެ ތިން ދޯނި އެއް ފަހަރާ އެހެލެވޭ ވަރުގެ މި ސްލިޕްވޭއަށް ދެ އަހަރު ތެރޭ 171 ދޯނި ވަނީ އަރުވާފަ އެވެ. އޭގެ ތެރޭ ކުޅުދުއްފުށީގެ ބަހާދަރު ބޯޓާއި ނ. ލަންދޫ ބޯޓާއި މަޑުއްވަރީ ކުރިމަގު ބޯޓު ފަދަ ބިޔަ ބޯޓުތައް ހިމެނެ އެވެ. އިބްރާހިމް ބުނި ގޮތުގައި, ސިލްޕްވޭ އެޅުމުގެ އަމާޒަކީ ވެސް އެފަދަ ބޯޓުތައް އަލިފުއްޓަށް މިސްރާބު ޖެއްސުމެވެ.
"އެންމެ ބޮޑު އަމާޒަކީ ބޯޓް ބިލްޑިންގައި އަލިފުށި އިތުރު ހަރުފަތަކަށް ގެންދިޔުން, އެކަން ވެއްޖެ, އެހެން ރަށްރަށާ ބޯޓް ބިލްޑިންގައި އޮންނަ ގުޅުން ވެސް ބަދަހިވެގެން މި އަންނަނީ," އޭނާ ފާހަގަކުރި އެވެ.
އެފަދަ ބޯޓުތައް ސިޕްލްވޭއަށް ޑޮކްކޮށް މަރާމާތުގެ މަސައްކަތްތައްކޮށްދޭއިރު, ބޯޓާއެކު އަންނަ މީހުންނަށް ތިބެވޭނެ އިންތިޒާމް ވެސް އޮތީ ހަމަޖައްސާފަ އެވެ. ބޯޓުޔާޑްގެ ކުރިމައްޗަށްވާ ގޮތަށް އެ ހުރީ އެކަމަށް ހާއްސަ ގެސްޓްހައުސްއެކެވެ. ބޯޓުގެ މަރާމާތުގެ މަސައްކަތް ނމެންދެން އެ ގެސްޓްހައުސްގައި ރަށަށް އަންނަ މީހުންނަށް ތިބޭނެ އެވެ.
"މީގެ ސަބަބުން ރަށަށް މީހުން މި އަރަނީ, ވަރަށް ބޮޑު އާމްދަނީއެއް އެބަ ލިބޭ ސިލްޕްވޭއަށް ފިޔަވައި ރަށުގެ އެހެން ވިޔަފާރިތަކަށް ވެސް. ފައިދާތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ކުރޭ," ރެސްޓޯރެންޓްތަކާއި ފިހާރަތައް ވެސް އިތުރުވަމުން އަންނަ އަލިފުއްޓަށް އުފަން އިބްރާހިމް މުހައްމަދު ބުންޏެވެ.

ވީއޭ ބޯޓުޔާޑްގައި ބަޔަކު މަސައްކަތުގައި: މި ކަމުގައި ޒުވާނުންގެ ބައިވެރިވުން ވެސް ބޮޑު - ފޮޓޯ: އަބްދުالله އަބީދު / އަދަދު
އޭނާ ބުނާ ގޮތުގައި, އެ ސިލްޕްވޭގެ މަގުބޫލުކަން ދެ އަހަރު ތެރޭ ބޮޑުވެގެން ގޮސްފައިވަނީ ވެސް އަލިފުށިން ލިބޭ ހިދުމަތްތައް ރަނގަޅުވުމެވެ. ވަޑާމުގެ ގޮތުން އެންމެ ރަނގަޅު ހިދުމަތެއް އަލިފުށިން ލިބޭނެ ކަމުގެ ޔަގީންކަން އޮންނައިރު, އެ ސިލްޕްވޭއަކީ ބޯޓު އެހެލާއި ބޭލުމަށް ވަރަށް ފަސޭހަ ތަނެކެވެ. އެއާއެކު އެހެން ކަންކަން ވެސް އެ ރަށުގައި ފަސޭހަވުމަކީ ރިސޯޓްތަކުން ވެސް ލޯންޗު ފަދަ ތަކެތި މަރާމާތުކުރުމަށް ވީއޭ ބޯޓުޔާޑްގެ ސިލްޕްވޭ އިހުތިޔާރުކުރާ ސަބަބު ކަމަށް އިބްރާހިމް މުހައްމަދު ދެކެ އެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުން މިވީހާ ތަނަށް ހަމަ ވަރަށް ރަނގަޅު, އެމީހުންނަށް ޔަގީންކަން އޮންނާނެ އަޅުގަނޑުގެ ހިދުމަތް ކޮންމެ ގަޑިއެއްގައި ވެސް ލިބޭނެކަން, އަދި ސީދާ އަޅުގަނޑު މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވަން, މޫދަށް ފައިބަން ޖެހިއްޖެއާ އެކަން ވެސް ކުރަން, އެހެންވީމަ ތަނުގެ ވެރިމީހާ އެހާ އެކްޓިވްކޮށް ކަމުގައި ޝާމިލްވާތަން ފެނުމުން އެއީ ވެސް އެބަވޭ ހިދުމަތާމެދު ޔަގީންކަމަކަށް," އިބްރާހިމް މުހައްމަދު ބުންޏެވެ.
އިބްރާހިމް މުހައްމަދުގެ މިހާރުގެ އަމާޒަކީ 10 ވަރަކަށް ދޯނި އެއް ފަހަރާ އެހެލޭވަރަށް ސިލްޕްވޭ ބޮޑުކުރުމެވެ. އަދި މި އަހަރުގެ ތެރޭގައި 150 ފޫޓްގެ ސަފާރީ ބޯޓުތައް އެހެލެވޭވަރު ކުރަމުން ގެންދާކަން އޭނާ ފާހަގަ ކުރި އެވެ.

ބޯޓުޔާޑްގައި ބަޔަކު މަސައްކަތުގައި - ފޮޓޯ: އަބްދުالله އަބީދު / އަދަދު
އޭނާ މަސައްކަތް ރަށުގައި އިތުރަށް ގަދައަށް ފުޅާކުރުމަށް އަމާޒު ހިފާފައިވަނީ އެހެން ބޮޑު ޔަގީންކަމެއް ވެސް އޮތުމުންނެވެ. އެ ރަށުން ކިއްސަރު ވަޑާމުގެ ވަޑިން ނެތިގެން ނުދާނެ ކަމުގެ ޔަގީންކަން އޮތުމެެވެ. އުމުރުން އެންމެ 19 އަހަރުގެ ޒުވާނުން ވެސް ފައިބަރުގެ ހުރިހާ މަސައްކަތެއް ދަސްކޮށް އެ ތަނުގައި އެބަ މަސައްކަތް ކުރެ އެވެ.
"އަޅުގަނޑުމެންނަށް އޭރުގެ މީހުން ދަސްކޮށް ދިނީ, އަޅުގަނޑުމެން މިހާރު ދެން ތިބި ޒުވާނުންނަށް މި ދަސްކޮށް ދެނީ, މި ރަށުން މި މަސައްކަތް ކުރާނެ މީހުން އުވިގެން ނުދާނެ, ރަށުގެ ކޮންމެ މީހެއްގެ ކިބައިގައި ވެސް ވަޑާމުގެ ޓަޗް ހުންނާނެ, އަންހެންވެރިންނަށް ވެސް ވަޑާން ކައްޓާއި މަރުތެޔޮ ފަދަ ތަކެތި އެނގޭނެ," އިބްރާހިމް ބުންޏެވެ.
އެހެންކަމުން, ވީއޭ ބޯޓުޔާޑްގައި މި އޮތް ސިލްޕްވޭއާއެކު, އަލިފުށީގެ އިގުތިސޯދީ މުސްތަގުބަލް މިއޮތީ ހުޅުވިފަ އެވެ. ރަށުން ވަޒީފާތައް އުފެދި, ރަށުގެ ވަޑާމުގެ އިންޑަސްޓްރީގެ އިތުރުން އެހެން ވިޔަފާރިތަކަށް ވެސް މިއީ އާ ހަރުފަތެކެވެ. މުޅީން ވެސް އަލިފުއްޓަށް ކާމިޔާބެވެ.












